ރ، އަނގޮޅިތީމުގައި ޕޮލިސް ޕޯސްޓެއް ގާއިމުކޮށްދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވައުދުވެވަޑައިގެންފި އެވެ.

ރިޔާސީ ކެމްޕޭންއަށް މިއަދު އަނގޮޅިތީމަށް ވަޑައިގެން ވާހަކަ ދައްކަވަމުން ރައީސް ވިދޅާުވީ، އަނގޮޅިތީމުގެ ރައްޔިތުން އެދޭ ގޮތަށް އެ ރަށުގެ ނެރު އިރުމައްޗަށް ބަދަލުކޮށްދެއްވާނެ ކަމަށެވެ.

ހަމަ އެއާއެކު އަނގޮޅިތީމުގައި މޫދަށް އެރޭ ސަރަހައްދެއްވެސް ތަރައްގީކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"އަދި ބަނދަރަށް ބަދަލު ގެންނައިރުގައި ރަށުގެ ގިރާ ސަރަހައްދު ހިމާޔަތްކުރުން އެއީ އަޅުގަނޑުމެން ކުރާނެ ކަމެއް. އަދި މި ރަށުގެ ބޮޑު ތިން މަގުގައި ތާރުއަޅައި ރަށް ވަށައިގެން ހިނގޭނެ ދުއްވޭނެ ގޮތަށް މަގެއް ހެދުން އެބައޮތް. އަދި މިރަށުގެ ކައުންސިލްއަށް އަދި ޑަބްލިއުޑީސީއަށް ބޭނުންވާ އާ އިމާރާތެއް އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދައުރުގައި މި ރަށުގައި އެޅިގަން ދާނެ،". ރައީސް ވިދާޅުވިއެވެ.

އޭގެ އިތުރުން ޒުވާނުންނަށް ހާއްސަކޮށް ހޭންޑް ބޯލް ކޯޓެއް އަޅައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ހަމަ އެހެންމެ ރައްޔިތުން އެދިފައިވާ ގޮތަށް އަނގޮޅިތީމުގައި ޕޮލިސް ޕޯސްޓެއް ގާއިމުކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

އެ ވައުދުތައް ހިއްސާކުރައްވައި ރައީސް ވިދާޅުވީ އަނގޮޅިތީމު ހިމެނޭ ދާއިރާގެ މެމްބަރަކީ ސަރުކާރާއެކު ވަރަށް ކައިރިން މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށެވެ. ހަމަ އެހެންމެ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުގައި އިސްކޮށް އުޅުއްވާ ބޭފުޅެއް ކަމަށް ވެސް ރައީސް ފާހަގަ ކުރެއްވިއެވެ.

ރައީސް އެ އިޝާރާތް ކުރެއްވީ އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (ބިގޭ) އަށެވެ.

"އިރާދަކުރެއްވއްޔާ މި ދާއިރާއަށް [އަނގޮޅިތީމު ހިމެނޭ ދާއިރާ]އަށް އޮތީ ރަނގަޅު މުސްތަގުބަލެއް،". ރައީސް ވިދާޅުވިއެވެ.

 

 

ކިޔުންތެރިންގެ ހިޔާލު