ރާއްޖޭގެ ކަނޑުން ބައެއް ދޫކޮށްލަން މޮރިޝަސްގެ ރައީސް ފޮނުއްވި ސިޓީފުޅުގައި ސޮއިކުރެއްވި ވެރިއަކަށް ރައްޔިތުންގެ ވޯޓެއް ހައްގެއްނުވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރުގެ ސްޕެޝަލް އެޑްވައިޒަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެއެވެ.

ގއ.ވިލިނގިލީގައި ބޭއްވުނު ކެމްޕެއިން ޖަލްސާގައި ނިހާން ވިދާޅުވީ ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ފުށުއެރި 95،000 އަކަކިލޯމީޓަރުގެ ސަރަހައްދާ މެދު ގޮތެއް ނިންމުމުގެ މައްސަލާގައި، މޮރިޝަސްގެ ރައީސް ފޮނުއްވި ސިޓީފުޅުގައި ރައީސް ސޯލިހު ސޮއި ކުރެއްވި ކަމަށާއި ކަނޑުގެ ބައެއް އެހާ ފަސޭހައިން ދޫކޮށްލި ރައީސަކަށް ދެވަނަ ދައުރެއް ދިނުމަށް ރައްޔިތުން ވޯޓު ނުދޭނެ ކަމަށެވެ.

ރާއްޖެއިން ޒަމާނުއްސުރެ ބޭނުންކުރަމުން އައި ކަނޑުގެ ސަރަހައްދެއް ގެއްލޭގޮތަށް، އޭޕްރިލް މަހުގެ 28 ވަނަ ދުވަހު، އިޓްލޮސް އިންވަނީ ނިންމާފައެވެ. މިނިންމުމާއި ގުޅިގެން ސަރުކާރުން ބުނަމުން ދަނީ އެ ނިންމުމުގެ ސަބަބުން ރާއްޖެއަށް އެކްސްކްލޫސިވް އެކޮނޮމިކް ޒޯން (އީއީޒެޑް)ގެ ގޮތުގައި ލިބުނުބައި ބޮޑުވީ ކަމަށެވެ.

ނިހާން ވިދާޅުވީ ޤާސިމް ނުކުމެ އެ ހުންނެވީ ގެއްލުނު ކަނޑުގެ ބައި ހޯދުމަށް ކަމަށާއި ގާސިމް އިބްރާހީމްގެ މެނިފެސްޓޯއަކީ ދިގުދެމިގެންދާ ޑޮކިއުމަންޓެއް ކަމަށެވެ.

މަތިދެކުނު ސަރަހައްދުގެ ތަރައްގީއަށް ކުރައްވަން ގާސިމް ނިންމަވާފައިވާ ކަންތައްތަކުގެ ތެރޭގައި ދެކުނުގައި ދިހަހާސް ޓޫރިސްޓް އެނދު ގާއިމް ކުރުމާއި ގއ. އަދި ގދ.ގައި އިންޓަރނޭޝަނަލް އެއާޕޯޓެއް ގާއިމް ކުރުމުގެ އިތުރުން ބުޓިކް ރިޒޯޓެއް ސަރަހައްދެއް ގާއިމް ކުރުމާއި މަސް ބަންދުކުރާނެ ކޭނަރީއެއް ގާއިމް ކުރުން ހިމެނެއެވެ.