އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް ދެވަނަ ބުރަށް ވަޑައިގެންފި ނަމަ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ދަ ޑިމޮކްރެޓްސް އިން އެމަނިކުފާނު ފަހަތަށް އަރާނެ ކަމަށާއި ނަޝީދު އެ ޖައްސަވަނީ "ޗައްކަރެއް" ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓު އަދި ގާސިމް އިބްރާހިމް ގއ. ވިލިނގިލީގައި މިއަދު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ވިލިނގިއްޔަށް ވަޑައިގެން އެ ރަށުގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ގާސިމް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަކަށް އެމްޑީޕީ އާއި ޕީޕީއެމް ގޮސްފި ނަމަ، ދަ ޑިމޮކްރެޓްސް އިން އެމްޑީޕީ ކޮޅަށް އަރާނެ ކަމަކީ "ސަތޭކައަކުން ސަތޭކަ" ޔަގީންކަމެއް ކަމަށެވެ.

"ރައީސް ނަޝީދު އެ ޖަހަނީ ބޮޑު ޗައްކަރެއް. ދިވެހިން ބޮލުގައި ކުރިން އެޅުވިހެން އަނެއް ދިވެހިރާއްޖެ އަށް ދިއުމުގެ ވިސްނުމެއް ނުކެނޑޭނެ. އެއީ މި ދައްކާ ވާހަކައަކީ. އޭނާއަކަށް ނޯންނާނެ ދެވޭކަށް އެހެން ކޮޅަކަށް. އެ އުޅެނީ އެމްޑީޕީ އަށް ސަޕޯޓު ނުކުރާ މީހުންގެ ވޯޓު ހޯދައިގެން، ބައެއް ނަގައިގެން ގޮސް އޭގެ ތެރެއަށް ވަންނަން. މި ނޫން އެހެން ގޮތަކަށް މިކަމެއް ނުނިމޭނެ،" ގާސިމް ވިދާޅުވިއެވެ.

ދެވަނަ ބުރަކަށް ގޮސްފި ނަމަ، އެމްޑީޕީ ފަހަތަށް ނާރާނެ ކަމަށް ނަޝީދު ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވި ނަމަވެސް އެއީ ގަބޫލު ކުރެވޭ ވަރުގެ ވާހަކައެއް ނޫން ކަމަށް ގާސިމް ވިދާޅުވިއެވެ. ގާސިމް ވިދާޅުވި ގޮތުގައި ނަޝީދަކީ އޭނާ ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ބޭފުޅެކެވެ.

"އޭނާ (ނަޝީދު) ނޫނެކޭ ބުނެފިއްޔާ އެކަމެއް ކުރައްވާނެ. ޝައްކެއް ނެތް. މިހާ ހިސާބަށް އައިއިރު އަދި ނެތް އެ ނޫން ގޮތަކަށް މިކަންވެފައި،" ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ އޭނާ މިހާތަނަށް އަދާކުރެއްވި ކޮންމެ މަގާމެއް ވެސް އަދާކުރެއްވީ ގައުމުގެ އިސްލާހަށްޓަކައި ކަމަށެވެ. އަދި އޭނާ އަށް ސަރުކާރުތަކުން އަނިޔާ ދެމުން ދަނީ އިސްލާހަށްޓަކައި މަސައްކަތް ކުރެއްވުމުގައި ދެމިހުންނަވާތީ ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.

އޭނާ އަށް އަނިޔާ ކުރަނީ ސަރުކާރުތަކުން ގޯސް ހަދަން ފެށީމަ، އެ ވާހަކަ ދެއްކުމުން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ރިޔާސީ ރޭހަށް ނުކުންނެވީ ގައުމު އަޅުވެތިކަމަކާ ދިމާލަށްދާތީ އެކަމުން ސަލާމަތް ކުރެއްވުމަށް ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.

"ރާއްޖެ ވެއްޓެމުންދާ ވަޅުގަނޑުން ގައުމު ސަލާމަތްކޮށް، ދަރަނި ދަންތުރަ އިން ސަލާމަތްކޮށް ގައުމު އިތުރަށް ތަރައްގީކޮށްދީ ފައިދާ ގެނެސް ދިނުމަށްޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަށް އަތު ކުރި އޮޅާލައިގެން މަސައްކަތް ކުރަމުން މިދަނީ،" ގާސިމް ވިދާޅުވިއެވެ.

ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި ދަ ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރައްވަނީ ރައްޔިތުންގެ މަޖިލިހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބެވެ. ނަޝީދު ވަނީ މިފަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަނުުކުރައްވަން ނިންމަވައި އިލްޔާސް އަށް ތާއިދު ކުރައްވަން ނިންމަވައިފައެވެ. ނަޝީދު އެންމެ ފަހުން ވިދާޅުވެފައިވާ ގޮތުގައި އިލްޔާސް މިހާރު އޮތީ ދެވަނަ ބުރުގައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޟމމމ

    އެމްޑީޕީ 2ވަނަބުރަށް ގޮސްފިއްޔާ އެމްޑީޕީ ފަހތަށް ރ.ނަޝީދަށްވުރެ ކުރިން ގާސިމުއަރާނެކަން ޝައްކެއްނެތެވެ، ދެން އެމްޑީޕީއަށް ވެރިކަންދީގެން ރ.އިބޫ ބޭރުގައުމުތަކަށް މިގައުމާއި ގަނޑު ވިއްކައި ރައްޔިތުންނަށް ދޯކާ ދޭތަންބަލަން ކަލޭ އަތްޖަހަޖަހާ ހުންނާތި !!!

  2. ސަންފަ

    ޢެބުނާހެން އަންނިއަށްވުރެ ކުރިން ސޭޓް އަރާނެ އިބޫ ފަހަތަށް މަހިތުން ސޭޓުހުރީ މިފަހަރު ވެތިކަމަށް ކުރިމަތިލާ ގޮތަކަށްވެސް ނޫން ކައިރީގައި އުޅޭ ބައިގަނޑުދަމާކަނޑަން ވެގެން ހުވަފެން ދައްކައިގެން އުޅެނީ ނަހުލާވެސް ފަސްޓްލޭޑީގެ ލަގަބު ބޭނުންވެގެން ތޯއްޗެ . ޢެގޮއްޔެއަށް ވެސް އރނގޭނެ ގާސިމަށްް ދެވަނަވެސް ނުލިބޭނެ ކަން