(ގދ. ތިނަދޫ) އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ދެކުނުގެ އަތޮޅުތަކަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް ކުރައްވާ ދަތުރުގައި އެންމެ ފަހު މަންޒިލަކަށް މި ރަށަށް ވަޑައިގެންނެވި އިރު، ފާލަން ކައިރީގައި ގިނަ އަދަދެއްގެ ބަޔަކު ދިގު ސަފެއް ހަދާލާފައި އޮތެވެ.

އެއް ބަޔަކު ތިބީ ޖޭޕީގެ ތޮފި އަޅައިގެންނެވެ. އަނެއް ބަޔަކު ތިބީ ޖޭޕީގެ ދިދަ ހިފައިގެންނެވެ. ޖޭޕީގެ ލޯގޯ ޖަހާފައިވާ ޓީޝާޓް ލައިގެން ވެސް ބަޔަކު ތިބިއެވެ.

ރިޔާސީ ކެމްޕެއިންގައި ގާސިމަށް އެންމެ ހޫނު މަރުހަބާއެއް ދެންނެވި އެއް ރަށަށް މި ރަށް ވާނެއެވެ. އެ ހުރިހާ އެންމެންނާ ސަލާމްކޮށް ފޮޓޯ ނެންގެވުމުގައި ގާސިމް ވަނީ 23 މިނެޓު ވަރު ހޭދަ ކުރައްވައިފައެވެ. ގާސިމްއާ ސަލާމް ކުރަން ކުދިބޮޑު ގިނަ ބަޔަކު ބަނދަރު ސަރަހައްދަށް ގޮސްފައިވެއެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު މިއަދު ތިނަދޫގައި. އޭނާ އަށް ހޫނު މަރުހަބާއެއް ދެންނެވި. ---

ތިނަދޫއަކީ އެންމެ ފަހުން ސިޓީއެއްގެ ގޮތުގައި ކަނޑައެޅި ރަށެވެ. ރިޔާސީ ކެމްޕެއިނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، މި ރަށަށް އެންމެ ފަހުން ވަޑައިގެން އެމަނިކުފާނު ވަނީ މި ރަށަށް ސިޓީއެއްގެ ދަރަޖަ ދެއްވައިފައެވެ.

ތިނަދޫން ދިމާވި ބައެއް މީހުން ބުނީ ރަށަށް ސިޓީއެއްގެ ދަރަޖަ ދިން ކަމުގައި ވިޔަސް، އަދިވެސް ހިދުމަތްތައް ނުލިބޭ ކަމުގެ ޝަކުވާ ބޮޑު ކަމަށެވެ. ހާއްސަކޮށް ސިއްހީ ހިދުމަތުގެ ފެންވަރު ތިނަދޫގައި ވަރަށް ދަށް ކަމާއި އެކަށީގެންވާ ހިދުމަތެއް ނުލިބޭ ކަން އެމީހުން ފާހަގަ ކުރެއެވެ. އެހެން ބައެއް މީހުން ބުނި ގޮތުގައި ރަށުގައި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ދަނީ ވަރަށް މަޑު ދުވެއްޔެއްގައެވެ. އަދި އެކަށީގެންވާ ކުޅިވަރު ވަސީލަތްތައް ގާއިމު ނުކުރެވޭ ކަމަށް އެމީހުން ބުންޏެވެ.

"މި ފަސް އަހަރު ވީ ކަމެއް ނެތް. އަހަރުމެން ދިޔައީ ފަސް އަހަރު ފަހަތަށް. ތަރައްގީގެ މަޝްރޫއުތައް އެހާ ސްލޯ،" އެކަކު ކިޔައި ދިނެވެ.

ސަފުގައި ތިބި މީހުން ގަބޫލު ކުރާ ގޮތުގައި ތިނަދޫގެ ހާލަތު ބަދަލު ކުރެވޭނީ ގާސިމް ވެރިކަމަށް ގެނެސްގެންނެވެ. ގާސިމަކީ ތަޖުރިބާ ހުންނެވި ބޭފުޅެއް ކަމަށް އެ މީހުން ގަބޫލުކުރެއެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު މިއަދު ތިނަދޫގައި. އޭނާ އަށް ހޫނު މަރުހަބާއެއް ދެންނެވި. ---

"އަޅުގަނޑުމެންނަށް އެ ފެންނަނީ އދ. މާމިގިއްޔަށް އައިސް އޮތް ބަދަލު. އެއީ ވިޝަނެއް ހުރެގެން މަސައްކަތް ކުރީމަ އައި ބަދަލު. މާމިގިލި އެއާޕޯޓަށް ބެލިޔަސް ފެންނާނެ ތަރައްގީ. އަނެއްކާ އެއާޕޯޓު ބޮޑު ކުރުމުގެ މަސައްކަތް ހަލުވިކަމާ އެކު އެ ދަނީ ކުރިއަށް،" އެކަކު ކިޔައި ދިނެވެ.

އެހެން މީހަކު ބުނީ ރިޔާސީ ރޭހަށް ނުކުންނެވި ކެންޑިޑޭޓުންގެ ތެރެއިން ގާސިމް ފިޔަވައި ގާބިލް ކެންޑިޑޭޓެއް ނެތް ކަމަށެވެ.

"ގާސިމަށް 73 އަހަރު މިހާރު އުމުރުން، އެހެންވީމަ ވަރަށް ގިނަ ކަންކަން އެނގިފައި ހުންނާނީ. ގައުމަށްޓަކައި ގުރުބާންވި ބޭފުޅެއް ދެން ތިއްބެވި ކެންޑިޑޭޓުންގެ ތެރޭގައި ނެތް،" ވިލާ ގްރޫޕްގެ ޗެއާމަން ކަން ވެސް ކުރައްވާ ގާސިމް ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ގާސިމް މިރޭ ތިނަދޫ ރައްޔިތުންނާ ބައްދަލު ކުރައްވާނެއެވެ. އޭގެ ފަހުގައި މާދަމާ ގާސިމް ވަޑައިގަންނަވާނީ ކެމްޕެއިނަށް ލ. އަތޮޅަށެވެެ. އެއަށް ފަހު، ހއ. ހޯރަފުއްޓަށް ވަޑައިގެން އެ ރަށުގައި ބޮޑު ޖަލްސާއެއް ބާއްވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކޮށްބަލާށޭ

    ގާސިމަކީ ޖަވާހިރެކޭ ގާސިމް އެބަޖެހޭ މިރޭ އިއުލާން ކުރަން އަޅެ ރައީސް އިބޫ އަށް ކެރެންނާ ހުރިހާ ފްލެޓްސް ތަކުގެ ކުލި މާފުކޮށްދޭން ކޮށްބަލާށޭ ކޮށްބަލާށޭ ކޮށްބަލާށޭ ކޮށްބަލާށޭ ކޮށްބަލާށޭ ކޮށްބަލާށޭ ކޮށްބަލާށޭ ކޮށްބަލާށޭ...

    • Anonymous