ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރެއްގައި މޯލްޑިވްސް ނެޝެނަލް ޕާޓީން އެހެން ޕާޓީއަކަށް ތާއިދުކުރުމާމެދު އަދި މަޝްވަރާކޮށްފައި ނުވާ ކަމަށް އެ ޕާޓީގެ ނާއިބު ރައީސް އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.

އުޝާމް އެގޮތަށް ވިދާޅުވީ މިއަދު އެމްއެންޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމާޒުވި ސުވާލަކަށް ޖަވާބު ދެއްވަމުން ނެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރެއްގައި އެކި ޕާޓީތަކުން ކޯލިޝަން ހަދަން މަސައްކަތް ކުރާ އަޑުތަކެއް ވަނީ ފެތުރިފަ އެވެ. ހުދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވިދާޅުވީ ދެވަނަ ބުރެއްގައި ކޯލިޝަން ހެދުމަށް މަޝްވަރާތަކެއް ކުރަމުންދާ ކަމަށެވެ.

އުޝާމް މިއަދު ވިދާޅުވީ މިހާރުވެސް މަސައްކަތް ކުރަމުން ގެންދަނޫ ފުރަތަމަ ބުރުން އިންތިހާބު ކާމިޔާބުކުރަން ކަމަށެވެ.

"ކާމިޔާބު ނުލިބިއްޖެ ހާލަތެއްގައި އަޅުގަނޑުމެން އަމަލު ކުރާނެ ގޮތަކާމެދު ޕާޓީގެ ކައުންސިލުން ގޮތެއް ނިންމާނީ. މިހާތަނަށް އެކަމާ ގުޅޭ ގޮތުން މަޝްވަރާކޮށް ގޮތެއް ނިންމާފައެއް ނެތް" އުޝާމް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގައި އެމްއެންޕީގެ ފަރާތުން ވާދަ ކުރައްވަނީ އެ ޕާޓީގެ ލީޑަރު މުހައްމަދު ނާޒިމް އެވެ. ނާޒިމްގެ ރަނިން މޭޓަކީ ޑރ. އަހުމަދު އަދީލު އެވެ.

އިންތިހާބަށް އެމްއެންޕީއިން ވެސް ވަރުގަދައަށް ކެމްޕޭން ކުރަމުންދާ އިރު މިހާތަނަށް 150 އަށް ވުރެ ގިނަ ރަށަށް ވަނީ ޒިޔާރަތްކޮށް ރައްޔިތުންގެ ކަންބޮޑުވުންތައް އަހައިފަ އެވެ.

އުޝާމް މިއަދު ވިދާޅުވީ ރައްޔިތުންގެ ކަންބޮޑުވުންތައް ހައްލު ކުރުމަށް އެމްއެންޕީން ހަދާފައިވާ މެނިފެސްޓޯއަކީ ވެރިކަމަށް ކުރިމަތިލި ބޭފުޅުންގެ ތެރެއިން ނެރުއްވި މެނިފެސްޓޯތަކުގެ ތެރެއިން އެންމެ ފުރިހަމަ މެނިފެސްޓޯ ކަމަށެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު އޮންނާނީ އަންނަ ހޮނިހިރު ދުވަހު އެވެ. އަދި ދެވަނަ ބުރެއް ބާއްވަން ޖެހިއްޖެނަމަ މި މަހުގެ ފަހުކޮޅު ބާއްވަން ވަނީ ނިންމައިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ގުނބޯ

    މަ ހިތަށް އަރަނީ މިމީހުން ހަމަ ގަޅީބާއޭ ނޫނީ ހަމަ ސޭޓަށް ހަދާހެން ، ބާގީނާޒިމް ހައްދަންވެގެން އެއްބުރުން ހޮވޭނޭކިޔައިން ލާރިކޮޅު ދަމާލަނީ ބާއޭ....މިމީހުން ނުހޮވޭނެކަން އިނގޭ ބުޅަލެއްވެސް ނޫޅޭނެ....

  2. Anonymous

    ޢުޝާމް ފުރަތަމަ ބައްދަލުކުރަން އެދޭ ދާއިރާ މެންބަރުންނާއި ބައްދަލުކޮށްފައި އަނގަތަޅުވަބަލަ