މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރިޔާސީ ކެނޑިޑޭޓް މުހައްމަދު ނާޒިމްގެ "އުޖާލާ ރަންޒަމާން" ޑިނަރ ނައިޓް މިރޭ ބާއްވަން ނިންމައިފިއެވެ.

އެމްއެންޕީން ހާމަކުރި ގޮތުގައި އެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް އަދި ރަނިންމޭޓް ބައިވެރިވާ ޑިނާ ނައިޓް މިރޭ ހުޅުމާލޭގައި ބާއްވަން ނިންމާފައިވާ ކަމަށެވެ.

މި ޑިނާ ނައިޓް ބާއްވަން ހަމަޖެހިފައިވަނީ ހުޅުމާލޭ ފޭސް 2 ގެ ރުއްގަނޑު ތިނެއް ސަރަހައްދުގައެވެ.

އެމްއެންޕީން އިންތިޒާމުކޮށްގެން ބާއްވާ މި ޑިނާ ނައިޓަށް ނާޒިމަށް ތާއީދު ކުރައްވާ ހުރިހާ ރައްޔިތުންނަށް ވަނީ ދައުވަތު އަރުވާފައެވެ.

ރިޔާސީ އެހެން ކެނޑިޑޭޓުންނެކޭ އެއްފަދައިން ޤައުމަށް ގިނަ ތަރައްޤީ ގެންނަން ނާޒިމްގެ މެނިފެސްޓޯގައިވަނީ ހިމަނާފައެވެ. އެގޮތުން ރާއްޖޭޭގައި އިތުރު އެއަރޕޯޓާއި ބްރިޖްތައް އަޅައި ރަށްތައް ގުޅާލުމާއި ރާއްޖޭގެ ތައުލީމީ ނިޒާމާއި ޓޫރިޒަމް ސިނާއަތަށް ގިނަ ބަދަލުތައް ގެނެސް އިތުރަށް ތަރައްޤީ ކުރުމަށް ވަނީ މެނިފެސްޓޯގައި ހިމަނާފައެވެ.

ނާޒިމް ވިދާޅުވަނީ އޭނާގެ ސަރުކާރުގައި ރާއްޖޭގައި ތިބި އިންޑިޔާގެ ސިފައިން ރާއްޖެއިން ބާލައި އެ އެއްބަސްވުން ރައްޔިތުންނަށް ހާމަކުރާނެ ކަމަށެވެ.

ސަންގު ރިޔާސީ ބަހުސްގައި ވާހަކަފުޅު ދައްކަވަމުން ނާޒިމް ވިދާޅުވީ ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލައަކީ ވެސް ގައުމީ މައްސަލައެއް ކަމަށެވެ. އަދި ނިރުބަވެރިކަމުގެ މައްސަލައަކީ ވެސް ކަންބޮޑުވާން ޖެހޭ މައްސަލައެއް ކަމަށް ވިދާޅުވެފައެވެ. އެކަމަކު އެފަދަ މައްސަލަތަކުގައި ވެސް މަޝްވަރާކޮށްގެން ހައްލު ހޯދޭނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ އޭނާގެ ޚާރިޖީ ސިޔާސަތަކަށް ވާނީ "ދިވެހީން ފުރަތަމަ" ކަމަށެވެ. އަދި ޖިއޯ ޕޮލިޓިކްސްގެ ތެރެއިން ގައުމުތަކާ ގާތް ގުޅުމެއް ބާއްވަން ޖެހޭ ކަމަށާއި އަދި އަސްކަރީ ތަމްރީންތަކަށް ސިފައިން އައުން މައްސަލައެއް ނޫން ކަމަށް ނާޒިމް ވަނީި ވިދާޅުވެފައެވެ.