ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީން ވާދަކުރާާއިރު އެ ޕާޓީގައި މެނިފެސްޓޯގެ ބަދަލުގައި މިފަހަރު އޮތީ ކޮންކްރީޓް މެޝިނެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ފުވައްމުލަކު ސިޓީގައި މިއަދު ބޭއްވި ޕިކަޕް ޖަލްސާގައި ނަޝީދު ވިދާޅުވީ އެމްޑީޕީގައި މިފަހަރު މެނިފެސްޓޯއެއް ނެތް ކަމަށާއި އޮތީ ކޮންކްރީޓް މެޝިނެއް ކަމަށެވެ. އެކަން އެހެން ދިމާވީ އެމްޑީޕީގައި ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބު ނެތުމުން ކަމަށް ނަޝިދު ވިދާޅުވިއެވެ.

"މިފަހަރަކު ނެތް މެނިފެސްޓޯއެއް. ހަމައެކަނި އޮތީ ކޮންކްރީޓް މެޝިނެއް، މެނިފެސްޓޯއެއް ނެތީ އެމްޑީޕީގައި އިލްޔާސް ލަބީބް ނެތީމަ" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިިދާޅުވީ ރައީސް ސޯލިހު ބޭނުންވަނީ ކޮންމެ ގޮތެއް ހަދާފަވެސް ދެވަނަ ދައުރެއް ކަމަށާއި ދެވަނަ ދައުރަކަށް ކުރިމަތިލާއިރު އެމަނިކުފާނުގެ އެއްވެސް ފިކުރެއް ތަސައްވުރެއް ނެތް ކަމަށެވެ. އަދި ދެވަނަ ދައުރެއް ހޯދުމަށް ހިތުން ނިޔަތް ގަނެގެން ހުރުމާއެކު އެމްޑީޕީން ރައްޔިތުންގެ ފައިސާ ހަރަދުކުރަން ތައްޔާރަށް ހުންނެވުމަކީ ކަންބޮޑުވުން އޮތް ކަމެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީއަށް ފައިސާއަކީ ހުރިހާ އެއްޗެއް ކަމަށާއި މި ސަރުކާރުން ރައްޔިތުން ދެކެ ލޯބިންކޮށްދިން އެއްވެސް ކަމެއް ނެތް ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. އެގޮތުން ރަށްރަށުގައި ފައިސާ ނުދީ އެންމެ ބޯޑެއް ވެސް އަދި ޕޯސްޓަރެއް ވެސް ހަރުކޮށްލާފައި ނެތް ކަމަށާއި ރުހުމާއި ލޯބިން ނުކުރާ ކަމެއްގައި ސިޔާސީ ފައިދާއެއް ނޯންނާނެ ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.

މި ޖަލްސާގައި ޑިމޮކްރެޓްސްގެ ރިޔާސީ ކެނޑިޑޭޓް އިލްޔާސް ލަބީބް ވިދާޅުވީ ފުވައްމުލަކަކީ އެންމެ "ޕޮޓެންޝަލް" އެއް ސިޓީ ކަމަށާއި އެ ސިޓީ ތަރައްގީވެ، އެތަނުގައި ތިބެގެން އާމްދަނީ ހޯދޭނެ ގޮތް ފަހިވާން ޖެހޭ ކަމަަށެވެ. އެގޮތުން އެ ސިޓީގައި އިގުތިސޯދީ މަަަސައްކަތްތަކާއި ޓޫރިޒަމް މަސައްކަތް ކުރާ ފަރާތަކަށް އެކަން ކުރިއަރުވަން ކުރަން ޖެހޭ ހުރިހާ ކަމެއް ސަރުކާރުން ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އިލްޔާސް ވިދާޅުވެފައިވަނީ އެ ކަން ކުރުމަށް ފުވައްމުލަކުގެ ރައްޔިތުންނާ އެކު އޭނާ ދެމިހުންނަވާނެ ކަމަށެވެ.