ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބުކޮށް ވެރިކަމަށް ވަޑައިގެންފިނަމަ، ގުޅީފަޅާއި ގިރާވަރު ފަޅާއި ފުދިއްގަރު ފަޅު އަހަރެއް ތެރޭގައި ހިއްކައި ނިންމަވާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މާލޭގެ ޖަގަހައެއްގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ އިންތިހާބަށް ދެތިން ދުވަހަށްވީމަ، ކަނޑު އަޑިންނާއި ތަންތަނުން ގޯތިތައް ދީފައިވާ އިރު، އެއީ ރައްޔިތުންނަށް ހައްގު މިންވަރު ނޫން ކަމަށެވެ. އެކަމަކު، ގޯތި ލިބުނު މީހުންނަށް މަރުހަބާ ކިޔާ ކަމަށް އޭނާ ވިދާޅުވިއެވެ.

މުއިއްޒު މިއަދު މީހަކާ ސަލާމް ކުރައްވަނީ. --- ފޮޓޯ: ޕީޕީއެމް

"އިންތިހާބު ބޯމަތި ވީމައެއް ނޫން ދެއްތޯ ދެއްވަން ޖެހޭނީ؟ އެބޭފުޅުން 2018 ގެ އިންތިހާބުގައި ވައުދުވި ކަމެއް 2023 އަށް އައީމަ ކުރަންވީމަ އެއެއް ނޫން އިހްލާސްތެރިކަމަކީ. އަޅުގަނޑުމެންގެ ކިބައިން ފެންނާނީ އިހްލާސްތެރިކަން،" މުއިއްޒު ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބު ކާމިޔާބުކޮށް ވެރިކަމަށް ވަޑައިގެންފި ނަމަ، މާލޭގެ ރައްޔިތުންނަށް ދީފައި ހުރި ގޯތިތައް ފެނުން މައްޗަށް ނަގައިދީ އެ ގެދޮރުތަކުގައި ގޯތި އެޅޭނެ ޔަގީންކަން ރައްޔިތުންނަށް ދެއްވާ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ. އަދި މި ސަރުކާރުން ދޭން ނިންމާފައިވާ ގޯތިތަކަށް ވުރެ އިތުރު ގޯތި ދެއްވާނެ ކަމަށް ވިދާޅުވިއެވެ.

މުއިއްޒު މިއަދު މީހަކާ ސަލާމް ކުރައްވަނީ. --- ފޮޓޯ: ޕީޕީއެމް

އެގޮތުން ގުޅީފަޅު، މިހާރު ހިއްކަން ނިންމާފައިވާ ވަރަށް ވުރެ ބޮޑަށް ހިއްކައި ގިރާވަރު ފަޅާއި ފުށިދިއްގަރު ފަޅު އެއްކޮށް ހިއްކަވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

"މި ހުރިހާ ހިއްކުމެއް ހިއްކައި ދޭނަން ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި. ނޫނީ ހަމަހާއި ބާރަ މަސް ތެރޭގައި ގިނަވެގެން. ނިންމައި ތޮށި ޖަހައި މަގު ހަދައިދީ، އެ ތަނުން ގޯތި ދިނުމުގެ މަސައްކަތް ފަށާނަން ފުރަތަމަ އަހަރުގެ ތެރޭގައި،" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު މިއަދު މީހަކާ ސަލާމް ކުރައްވަނީ. --- ފޮޓޯ: ޕީޕީއެމް

މުއިއްޒު ވިދާޅުވީ ލުއި ލޯން ދީގެން ގެދޮރު އަމިއްލަ އަށް އެޅުމަށާއި ސަރުކާރުގެ ކުންފުނިތައް މެދުވެރިކޮށް އެކަން ކުރެވޭނެ މަގު ފަހިކޮށްދެއްވާނެ ކަމަށެވެ. އެއާ އެކީގައި މާލޭގެ ރައްޔިތުންނަށް ދާއިމީ ހައްލެއް ގެދޮރުވެރިކަމުގައި ހޯދައި ދެއްވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

"އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މި އަންނަނީ ވަރުގަދަ އަޒުމެއްގައި. މި މައްސަލަތަކަށް ދާއިމީ ހައްލެއް ގެންނަން،" މުއިއްޒު ވިދާޅުވިއެވެ.

ޕީޕީއެމް/ޕީއެންސީގެ ވެރިކަމެއްގައި ގެންގުޅޭނެ ގެދޮރުވެރިކަމުގެ ސިޔާސަތު ދާދި ފަހުން ވަނީ ހާމަކޮށްފައެވެ. މުއިއްޒު ވިދާޅުވީ ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން ކާމިޔާބު ވަންދެން 65،000 ހައުސިން މަޝްރޫއަކީ ޔަގީންކަމާ އެކީގައި ހާސިްލކޮށްދޭނެ ކަންކަން ކަމުގައި ކަމަށެވެ.