އަނިޔާއަކީ ހަމައެކަނި ބަޔަކު ޖަލުގެ ތޭރިތަކުގެ ތެރޭގައި ބޭތިއްބުން ނޫން ކަމަށާއި ރައްޔިތުންގެ ބޭނުންވާ ގޮތަށް ކަންތައް ފަހިނުކުރެވުމަކީވެސް ދެވޭ އަނިޔާއެއް ކަމަށް މޯލްޑިވެސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރިޔާސީ ކެނޑިޑޭޓް މުހައްމަދު ނާޒިމްގެ ރަނިންގމޭޓް ޑރ.އަހުމަދު އަދީލް ނަސީރު ވިދާޅުވެއްޖެއެވެ.

"އުޖާލާ ރަންޒަމާން" ޑިނާ ނައިޓު ހަފްލާގައި ވާހަކަފުޅު ދައްކަވަމުން އަދީލް ވިދާޅުވީ އަނިޔާއަކީ ހަމައެކަނި ބަޔަކު ޖަލުގެ ތޭރިތަކުގެ ތެރޭގައި ބޭތިއްބުން ނޫން ކަމަށާއި ބޭސްފަރުވާއަށް ސަލާންޖަހާ މީހުންނާއި ކޯޓުތަކުން އިންސާފު ނުލިބޭ މީހުންނަކީވެސް އަނިޔާ ލިބެމުންދާ ބައެއް ކަމަށެވެ.

"ދިވެހި ރައްޔިތުންގެ ތެރެއިން ސިއްޚީ ފަރުވާއަށް ސަލާންޖަހާ މީހުންނަކީ އަނިޔާ ނުލިބޭ މީހުންބާއޭ، ކޯޓުތަކުން އިންސާފު ނުލިބޭ މީހުންނަކީ އަނިޔާ ނުލިބޭ މީހުންބާއޭ އަޅުގަނޑު ހިތަށް އަރާ." އަދީލް ވިދާޅުވިއެވެ.

ރައްޔިތަކަށް އަނިޔާ ލިބުން ވާނީ ރައްޔިތުން ބޭނުންވާ ގޮތަށް ކަންތައްތައް ފަހިނުވުމުން ކަމަށް އަދީލް ވަނީ ވިދާޅުވެފައެވެ. އެހެންކަމުން އެމްއެންޕީން ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ އެންމެ ބޮޑު މަޤްސަދަކީ ރައްޔިތުންނަށް ލިބެމުންދާ އަނިޔާތައް ހުއްޓުވުން ކަމަށެވެ. އަދި އިޤްތިސާދީ ގޮތުން ފުން އަދަވަޅަކަށް ދިވެހި ރާއްޖެ ވެއްޓުނަ ދިނުމަކީވެެސް މަޤްސްދެއް ކަމަށް އަދީލް ވިދާޅުވިއެވެ.

"އިޤްތިސާދީ ގޮތުން ފުން އަދަވަޅަކަށް ދިވެހިރާއްޖެ ވެއްޓުމަކީ ދިވެހިންނަށް ކުރެވޭ އަނިޔާއެއް. ލޯނުތަކުގައި ދިވެހި ރައްޔިތުން ބެދިފައި ތިބުމަކީ ރައްޔިތުންނަށް ލިބޭ އަނިޔާއެއް.". އަދީލް ވިދާޅުވިއެވެ.

އަދީލް ވިދާޅުވީ ރާއްޖެއަށް އިޤްތިސާދީ ގޮތުން ބޮޑު އިންގިލާބެއް ގެނެސްދެއްވަން އުޅޭ ކަމަށް ނާޒިމް އަބަދުވެސް ވިދާޅުވާ ކަމަށެވެ. އަނިޔާވެރިކަން ނައްތާލާ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދީ ދިވެހިި ރާއްޖޭގައި ދިވެހިންނަށް މިނިވަންކަމާއެކު އުޅެވޭނެ މަގު ނާޒިމް ފަހިކޮށްދޭނެ ކަމަށް އަދީލް ވަނީ ވިދާޅުވެފައެވެ.

ދިވެހިން ތިޔާގިކޮށް ފަޤީރުން މަދުކޮށް މުއްސަދިން އިތުރުކުރުމަކީ ނާޒިމްގެ ވައުދުވާ ކަމެއް ކަމަށާއި ބަދަހި އާއިލާއެއް ބިނާކުރުމަށް ނާޒިމް ވައުދުވެފައިވާ ކަމަށް އަދީލް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު