ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބަލިކުރައްވާނެ ކަމަށާއި މިފަހަރު ވެރިކަމުން ބާލާފައި ނޫނީ ނުހުއްޓާނެ ކަމަށް އެމްއެންޕީގެ ރިޔާސީ ކެނޑިޑޭޓް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

"އުޖާލާ ރަންޒަމާން" ޑިނާ ނައިޓުގައި ނާޒިިމް ވިދާޅުވީ މިފަހަރު ރައީސް ސޯލިހު ވެރިކަމުން ބާލާފައި ނޫނީ ހުއްޓާނުލާނެ ކަމަށާއި އިންތިހާބުގައި ރައީސްގެ މައްޗަށް ކުރި ހޯދާނެ ކަމަށެވެ.

"އަޅުގަނޑުމެން މިތިބީ ފަހަތަށް ޖެހޭކަށް ނޫން، އަޅުގަނޑުމެން ބައްޔެއް ނުކުރެވޭނެ، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ރައީސްގެ މައްޗަށް ކާމިޔާބު ހޯދާނަން." ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ ބިރު ދެއްކުމުގެ ގޮތުން ތަފާތު ވާހަކަތައް ދެއްކުމުގެ ބޭނުމެއް ނެތް ކަމަށާއި އޭނަގެ ފަސްބައި ސާފުވާނެ ކަމަށެވެ. އަދި އޭނާގެ ފަހަތުން ދުވާނެ އެއްޗަކު ނޯންނާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.

"އަޅުގަނޑުގެ ޚިދުމަތުގެ 25 އަހަރާއި އިތުރަށް އިތުރު ކުރެވުނު ބައިގައި ތެދުވެރިކަމާއި އަމާނާތްތެރިކަމާ އިޚުލާސްތެރިކަމާއެކު މަސައްކަތްކޮށްފައި އޮންނާނީ. އެހެންވީމަ މިސަރުކާރާއި ރައީސަށް ދަންނަވަން އޮތީ އަޅުގަނޑާއި ކުޅުއްވަން ނޫޅުއްވާށޭ، އަމިއްލަފުޅަށް ތިކަމާ ކުރިޔަށްދާށޭ." ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ އިންތިހާބުގައި ވާދަކުރައްވަން ނިންމީ ދިވެހިރާއްޖެއަށް ރައްޔިތުން އެދޭ ބަދަލު ގެނެސްދިނުމަށް ކަމަށާއި ދިވެހިންނަކީ ފުދުންތެރިކަމާއެކު އުފަލުގައި އުޅޭ ބަޔަކަށް ހެދުމަށް ކަމަށެވެ.

"އަޅުގަނޑު މިއަންނަނީ އިޤްތިސާދީ ބަދަލެއް ގެންނަން، ދިވެހިން މިއުޅޭ ހާލުން އެހެން ހާލަކަށް ބަދަލުކުރަން." ނާޒިމް ވިދާޅުވިއެވެ.

ނާޒިމް އިތުރަށް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މިހާތަނަށް 178 ރަށަށް ދެވުނުއިރު ބައެއް ރަށްރަށުން ފެނިގެންދިޔަ މަންޒަރުން ލޮލުން ކަރުނަފޭބި ކަމަށެވެ. ބިންމަތީގައި ތަރަފާލުގަނޑެއް އަޅައިގެން އޭގެ މަތީގައި ނިދާ މީހުންނާއި ސިޓިންގރޫމުގައި ދޮރެއް، އިށީންނާނެ ތަނަކާއި ޓީވީއެއް ނެތް ގެތަށް ފެނިފައިވާކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ފްލެޓްތަކަށް މީހުން ވެއްދިޔަސް އެމީހުންނަށްވެސް އެއްވެސް އުފަލެއް ނެތް ކަމަށް ނާޒިމް ވަނީ ވިދާޅުވެފައެވެ.

ރައްޔިތުން މިހާރު ދިރިއުޅެމުން ދަނީ ނިކަމެތި ހާލެއްގައި ކަމަށްވާތީ ނާޒިމް އަންނަނީ އެމީހުންގެ މަދަދުގާރެއްގެ ގޮތުގައި އެކަންތައް ބަދަލުކޮށްދޭން، ދިވެހިންނަށް މިނިވަންކަން ހޯދައިދޭން ކަމަށް އޭނާ ވިދާޅުވިއެވެ.

ނާޒިމް އިތުރަށް ވިދާޅުވީ ރައީސް ސޯލިހުގެ ކެމްޕެއިނަށް ސަރުކާރުގެ މުދާތައް ނަހަމަގޮތުގައި ބޭނުންކުރަމުން ގެންދާ ކަމަށެވެ. އެގޮތުން މަގުމަތީ ދިދަ ދެމުމާއި ބެނާތައް ދެމުމުގައި އެމްޓީސީސީ އާއި ފެނަކަ އަދި ރޯޑް ކޯޕަރޭޝަނުގެ މެޝިނަރީސް ބޭނުން ކުރަމުންދާކަމަށް ނާޒިމް ވަނީ ތުހުމަތުކޮށްފައެވެ.

އަދި ހަމައެއާއެކު ރާއްޖޭގައި 9 ސެޕްޓެމްބަރ 2023 ވަނަ ދުވަހު ބާއްވާ އިންތިހާބަކީ އިންސާފުވެރި "ފްރީ އެންޑް ފެއަރ" ކަމާއެކު، ހަމަހަމަކަންމަތީ ބޭއްވޭ އިންތިހާބެއް ކަމަށް ޤަބޫލުނުކުރައްވާ ކަމަށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    އަހުރެން ޚިޔާލުކުރަން އެބަ ފަރަށް ދާން. ހަމަ ބުނެލީ. ޝުކުރިއްޔާ!!!

  2. ޚަލީލް

    މިފަހަރު ވޯޓުލާން އެންމެ ރަނގަޅީ ނާޒިމަށް ސަބަބަކީ، އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތް ބަދަލުހިފުމެއް ނެތް ހަމަހަމަކަން ޤާއިމުކުރާނެ. ރައްޔިތުންގެ ޖީބުތައް ތަނަވަސްވާނެ މިފަހަރު މަގޭވޯޓު ނާޒިމަށް އިންޝާ ﷲ 2023 ނާޒިމް