އިއްޔެ އިންޑިއާގެ އަސްކަރީ ސިފައިން ރާއްޖެއަށް ގެނެސްފައިވަނީ ރިޔާސީ އިންތިހާބާ ދިމާކޮށް ރައްޔިތުން ބިރުދެއްކުމަށް ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

މިއަދު އިދިކޮޅު ޕީޕީއެމް-ޕީއެންސީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ 2018 ވަނަ އަހަރުގެ އިންތިހާބަކީ އިންޑިއާގެ އެހީގައި ވަގަށް ނަގާފައިވާ އިންތިހާބެއް ކަމަށް އެމްޑީޕީން ގަބޫލްކޮށްފައިވާ ކަމަށެވެ. މި އަހަރުގެ އިންތިހާބުގެ މަސައްކަތް ފެށުނު ފަހުން ދައުލަތުގެ ބައެއް ކުންފުނިތަކާއި ސަރުކާރާ ގުޅިގެން ބައެއް މުވައްސަސާތަކުގައި އެކަމާއި ބެހޭ ސިއްރު މައުލޫމާތު އެއްކުރުމާއި ޑާޓާ ކަލެޓް ކުރުމަށް ބޭރުގެ ފަރާތްތަކުން މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

މިރޭގެ ޖަލްސާގައި އާދަމް ޝަރީފް ވާހަކަފުޅު ދައްކަވަަނީ - ވަގުތު އިމޭޖްސް: މުހައްމަދު އަލީފް

"މި ހުރިހާ ކަމަކާއެކު އިއްޔެ ފެނިގެން ދިޔައީ އިންޑިއާގެ އަސްކަރީ ބަޔަކު ރާއްޖެއަށް ފައިބައިގެން ދިޔަ މަންޒަރު. ހަގީގަތަށް ދަންނަވާނަމަ މިއީ މަލްޓި ޕާޓީ ޑިމޮކްރެސީގައި ރިޔާސީ އިންތިހާބެއް މިހާ ކައިރިވެފައި އޮއްވާ ހަގީގަތުގައި ރައްޔިތުންނަށް ބިރު ދެއްކުމަށްޓަކައި ކުރި އަމަލެއްގެ ގޮތުގައި ދެކެނީ. އަދި މިއީ ސިދާ ގޮތެއްގައި ބޭރުގެ ނުފޫޒު ރައްޖޭގެ އިންތިހާބަކަށް ފޯރާނެ ކަމުގެ އިންޒާރެއް ރައްޔިތުން ދިނުމަށްޓަކައި ކުރިކަމެއް ގަބޫލްކުރެވެނީ. މި އަމަލު ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކުރަން." އާދަމް ޝަރީފް ވިދާޅުވިއެވެ.

ރާއްޖޭގައި ގާނޫނު އަސާސީ ރައްޔިތުންނަށް ލިބިފައިވާ ހައްގުތައް ކަށްވަރުކުރުމުގައި އެއްވެސް ނުފޫޒެއް ނެތި ވޯޓުލުމުގެ ހައްގު އެންމެނަށް ވެސް ލިބިދޭންޖެހޭނެ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. އެކަމަށް ހުރަސް އެޅޭނެ އެއްވެސް ކަމެއް ކުރުމަށް ބޭރުގެ އެއްވެސް ފަރާތެއްގެ ނުފޫޒު ފޯރުވުމަކީ ރާއްޖޭގެ ސިދާތަކާއި މިނިވަންކަމަށް ބުރޫ އަރާނެ ކަމަށް ވިދާޅުވިއެވެ. އަދި މިހާރު ވެސް ރާއްޖޭގެ ސިޔާދަތާއި މިނިވަން ކަމަށް ބޮޑެތި ގޮންޖެހުންތަކެއް ހުރިއިރު އެ އަމަލަކީ މި ވަގުތު އެއްވެސް ގޮތަކަށް ކޮށްގެންވާނެ ނޫން ކަމަށް ވިދާޅުވިއެވެ.

މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް--ފޮޓޯ/ މަޖިލިސް

"އަޅުގަނޑުމެން މިހާ ހިސާބަށް އައިރު ކެމްޕެއިން މެނޭޖްމެންޓް. އޮފީހުގެ ފަރާތުން ވަނީ ރާއްޖޭގެ ހުރިހާ ހިސާބުތަކެއްގައި ވެސް ކެމްޕެއިން އޮބްޒާވްކުރައްވާނެ ފަރާތްތަކާއި، ސުޕަވައިޒް ކުރައްވާނެ ފަރާތްތަކާއި މޮނިޓާ ކުރައްވާނެ

ފަރާތްތަކަށް އެކަށީގެންވާނެ ތަމްރީންތަކާ އެކަމަށް ބޭނުންވާ އިރުޝާދު ދެވިފަ. އެހެންވީމަ އަޅުގަނޑުމެން ރައްޔިތުންނަށް ޔަގީންކަން އަރުވަން. އިދާރަކުރެއްވިއްޔާ ވޯޓު ފޮށީގެ ވޯޓުލާ ހިސާބުން ފެށިގެން އެއްވެސް ވަރެއްގެ ނުފޫޒެއް ފޯރުވާ އެކަހަލަ ކަމެއްގައި ގޯހެއް ހަދާކަމަށްވާނަމަ އަޅުގަނޑުމެންގެ ތަމްރީން ކުރައްވާފައި ތިބި ބޭފުޅުން ފިޔަވަޅުތައް އަޅުއްވާނެ.". އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ މި އިންތިހާބު އިންސާފުވެރިކަމާއި އޮމާން ކަމާއެކު ކުރިއަށް ގެންދިއުމުގައި ރާއްޖޭގެ ސަލާމަތީ ހިދުމަތްތަކުން އެންމެ އެކަށީގެންވާ ދައުރުއަދާކުރާނެ ކަމަށް ގަބޫލް ކުރައްވާ ކަމަށެވެ. ބޭރުގެ އެއްވެސް ފަރާތެއްގެ ނުފޫޒު އިންތިހާބަށް ނުވަންނަކަން ރައްޔިތުންނަށް ކަށަވަރުކަން ދިނުމަކީ ސަލާމަތީ ހިދުމަތްތަކުން ކުރަންޖެހޭނެ ކަމެއް ކަމަށް ވެސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހަވާސާ ހާދިސާ

    ޔާﷲ މި ހިންނަވަރު ސޯލިހުގެ ވެރިކަން ނިންމަވާންދޭވެ އަދި މިގުމު އިންޑިޔާގެ އަޅުވެތިކަމުން ސަލާމަތްކުރައްވާންދޭވެ. އާމީން

  2. ހިކި ކިރު

    އެއީ ބަޔަކު މިދަނޑި ވަޅުގައި ބަޤާވާތެއް ކޮއް ވެރިކަން ވައްޓާލަ ފާނެތީ އެލި ފިޔަވަލެކެވެ. ތާރީޙު ބުނާގޮތުން މި ރާއްޖޭގައި މިކަންކަން ހިނގާފައި އެބަހުއްޓެވެ.

  3. މުހައްމަދު

    މި އީ މިނިވަން ގައުމެއް. އެވަރު ނުއެގެންޏާ އެހެން ގައުމަކަށް ދޭ. ބިދޭސި ގައުމެއްގެ ސިފައިންނަށް އެހެން ގައުމެއްގެ ދާޚިލީ ކަންކަމުގެ ތެރެއަށް ނުވަދެވޭނެ. އެއީ ރައްޔިތުން ހަދާފައިވާ ގާނޫނުއަސާސީ އާއި ގާނޫނުތަކާއި ޚިލާފުކަމެއް. ގާނޫނުއަސާސީ އާއި ގާނޫނުތަކަކީ ކަންކަން ކުރަން ރައްޔިތުން އެއްބަސްވެފައިވާގޮތް. އޭގައިވާ ގޮތް ނޫން ގޮތަކަށް ކަންކުރެވޭނީ ރައްޔިތުން ބަދަލު ގެނައުމުން.