އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބަށް ދެ ލައްކަ އަށްޑިހަހާށް ވުރެ ގިނަ ވޯޓު ކަރުދާސް ޗާޕުކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ(ން ވިދާޅުވެއްޖެއެވެ.

އެ ކޮމިޝަނުން މިއަދު ކުރި އިއުލާނެއްގައި ވިދާޅުވީ ނޮވެލްޓީ ޕްރިންޓަރސް އެންޑް ޕަބްލިޝާރސްއާ ހަވާލުކޮށްގެން ވޯޓު ކަރުދާސް ޗާޕުކޮށްފައިވާ ކަމަށެވެ.

އެގޮތުން ޖުމްލަ 285،219 ވޯޓު ޗާޕުކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައި ވަނީ 282،395 މީހަކަށެވެ.

އިންތިހާބުގައި ވޯޓު ކަރުދާހުގައި ފާހަގަޖަހަން ޖެހޭނީ ކަޅު ނުވަތަ ނޫ ކުލައިގެ ގަލަމަކުން ކަމަށް ވެސް އީސީން ވަނީ ކަނޑައަޅައިފައެވެ. އަދި އެ ނޫން ނަމަ ވޯޓު ބާތިލްވާނެ ކަމަށް ވެސް އެެ ކޮމިޝަނުން ވިދާޅުވިއެވެ.

އިންތިހާބުގައި ވޯޓުލާ މަރުކަޒު ތަކުގައި ހަރަކާތްތެރިވާން ބޭނުންވާ ވަރަށް އޮފިޝަލުން ލިބިފައިވާ ކަމަށް އީސީން ވިދާޅުވިއެވެ.

މި ފަހަރުގެ ރިޔާސީ އިންތިހާބަކީ އެންމެ ގިނަ އަދަދެއްގެ ކެނޑިޑޭޓުން ވާދަ ކުރާ އިންތިހާބު ވެސް މެއެވެ. އެގޮތުން ޖުމްލަ އަށް ކެނޑިޑޭޓުން އިންތިހާބުގައި ވާދަ ކުރެއެވެ.

އޭގެ ތެރޭގައި އަމިއްލަ ގޮތުން ވާދަކުރައްވާ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން ފާރިސް މައުމޫން އާއި ޑިފެންސް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒަމީލާއި ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ހިމެނެއެވެ.

އިންތިހާބުގެ ފުރަތަމަ ބުރުން އެއްވެސް ކެނޑިޑޭޓަކަށް 50 ޕަސެންޓް ވޯޓު ނުލިބިއްޖެ ނަމަ ދެވަނަ ބުރަކަށް ދާނެ އެވެ. އިންތިހާބުގެ ދެވަނަ ބުރު ބާއްވާނީ މި މަހުގެ ފަހުކޮޅު އެވެ.

ކިޔުންތެރިންގެ ހިޔާލު