މާދަމާ އޮންނަ ރިޔާސީ އިންތިހާބުގައި ވޯޓިން ބޫތު ހުންނާނީ ވޯޓްލާން އަންނަ މީހާ ވޯޓިން ބޫތުގައި ހުންނައިރު އޮފިޝަލުންނާއި އޮބްޒާވަރުންނަށް ވޯޓް ލާން އަންނަ މީހާ ފުރަގަހުން ފެންނަ ގޮތައް ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

މިއީ މިގޮތައް ވޯޓްލާން ހުންނަ މީހާ ފުރަގަހުން ފެންނަ ގޮތައް ވޯޓިން ބޫތު ބަހައްޓައިގެން ވޯޓް ލުން ކުރިއަށް ގެންދާ ފުރަތަމަ ފަހަރެވެ.

މީގެ ކުރިން ބައެއް އިންތިހާބުތަކުގައި ވޯޓް ކަރުދާހުން ފޮޓޯ ނެގުން ފަދަ މައްސަލަތައް ކުރިމަތިވެފައި ވެއެވެ. ނަމަވެސް މިހާރު އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ގޮތައް ވޯޓިން ބޫތު ބެހެއްޓުމުން ވޯޓް ކަރުދާހުން ފޮޓޯ ނެގުން ފަދަ ކަންކަން ކުރަން އޮންނަ ފުރުސަތު ވަރަށް ބޮޑަށް ހަނިވެގެން ދާނެއެވެ.

ވޯޓްގެ ސިއްރުކަން ކަށަވަރު ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ވޯޓް ކަރުދާހުގައި ފާހަގަ ޖެހޭނީ ކަޅު ނުވަތަ ނޫކުލައިގެ ގަލަމަކުން ކަމަށް ވެސް ވަނީ ނިންމާފައެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބުގައި އަށް ކެންޑިޑޭޓުން ވާދަ ކުރައްވައެވެ. ހުރިހާ ކެންޑިޑޭޓުންގެ ކެމްޕޭން ހަރަކާތްތައް ވެސް މިއަދު ހަވީރު 18:00 ގައި ނިންމާލަން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު