ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޅ.އަތޮޅު ނައިފަރުން ޑރ.މުހައްމަދު މުއިއްޒު އެއްވަނަ ހޯއްދަވާނެ ކަމަށް ވަގުތު އިން އެރަށުގައި ކުރިއަށް ގެންދިޔަ ސާވޭ އަކުން ދައްކައިފިއެވެ.

އަބަދުވެސް ޕީޕީއެމް އިން ކުރި ހޯދާ ނައިފަރުގައި ކުރިއަށް ގެންދިޔަ ހިޔާލު ހޯދުމުގެ ވޯޓްގައި 375 މީހުން ބައިވެރިވިއެވެ. އެއީ ނައިފަރުން ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ %9.22 އެވެ.

ހިޔާލު ހޯދުމުގެ ވޯޓްގައި ބައިވެރިވި މީހުންގެ ތެރެއިން %46.4 މީހުން ބުނީ އެމީހުން ވޯޓް ދޭނީ މުއިއްޒު އަށެވެ. އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވޯޓް ދޭނެ ކަމަށް ބުނީ %28 މީހުންނެވެ.

ނައިފަރުން ތިންވަނަ އަށް އެންމެ ގިނަ ވޯޓް ހޯދާނެ ކަމަށް ހިޔާލު ހޯދުމުގެ ވޯޓުން ދައްކަނީ ޖުމްހޫރީ ޕާޓީގެ ގާސިމް އިބްރާހިމް އެވެ. އޭނާ އަށް %8.7 ލިބޭނެ ކަމަށް ހިޔާލު ހޯދުމުގެ ވޯޓުން ދައްކައެވެ. އިލްޔާސް ލަބީބަށް %7.1 ލިބޭނެ ކަމަށް ހިޔާލު ހޯދުމުގެ ވޯޓުން ދައްކައެވެ.

ފާރިސް މައުމޫނަށް %0.2 ލިބޭނެ ކަމަށް ހިޔާލު ހޯދުމުގެ ވޯޓުން ދައްކައެވެ. ރިޔާސީ އިންތިހާބުގައި ވޯޓް ދޭނެ ގޮތެއް އަދި ނުނިންމާ ކަމަށް %5.3 މީހުން ވަނީ ބުނެފައެވެ. ވޯޓް ލާން ނުދާނެ ކަމަށް %1.3 މީހުން ބުނެފައި ވެއެވެ. އުމަރު ނަސީރަށް ވޯޓް ދޭނެ ކަމަށް %0.5 މީހުން ބުނެފައި ވެއެވެ.

ވަގުތު އިން އަންނަނީ 2019 ވަނަ އަހަރުގެ މަޖިލިސް އިންތިހާބުން ފެށިގެން ރާއްޖޭގައި ބާއްވާ ކޮންމެ އިންތިހާބެއްގެ ކުރިން ހިޔާލު ހޯދުމުގެ ވޯޓް ނަގަމުންނެވެ. އޭގެތެރެއިން %90 ހިޔާލު ހޯދުމުގެ ވޯޓް ވަނީ އިންތިހާބުގެ އަސްލު ނަތީޖާ އާއި ދިމާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު