މާދަމާ އޮންނަ ރިޔާސީ އިންތިހާބުގެ ވޯޓު އެމަނިކުފާނަށް ކާމިޔާބު ކުރެއްވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި ހުރިހާ ރައްޔިތުން ވެސް ކާމިޔާބީގައި ބައިވެރިވެވަޑައިގަތުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު މާލޭގައި ވިދާޅުވެއްޖެއެވެ.

އެމްޑީޕީ އާއި ގުޅިފައިވާ ޕާޓީތަކުގެ ކެމްޕެއިން ނިންމަން އުސްފަސްގަނޑުގައި ބޭއްވި އެއްވުމުގައި ރައީސް ސޯލިހް ވިދާޅުވީ މާދަމާރޭ އުސްފަސްގަނޑަށް އެއްވާނީ މިކަމުގެ ކާމިޔާބީ ފާހަގަ ކުރެއްވުމަށް ކަމަށެވެ.

"މާދަމާ ނުކުމެވަޑައިގެން ކެންޑިޑޭޓު ނަންބަރު 3 އަށް ވޯޓު ދެއްވާ،" ރައީސް ނިންމަވާލައްވަމުން ވިދާޅުވިއެވެ.

ރައީސް ސޯލިހް ވިދާޅުވީ ހއ. ތުރާކުނުން ފެށިގެން އައްޑޫ ސިޓީއާ ދޭތެރޭގައި އޮތް ގާތްގަނޑަކަށް ހުރިހާ ރަށަކަށް ވަޑައިގެންފައިވާ ކަމަށެވެ. ކޮންމެ ރަށަކުން ދިމާވި ކޮންމެ މީހަކު ބުނަމުން ދަނީ އެއް ބުރުން މިކަން ނިންމާ ވާހަކަ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި ގާނޫނުއަސާސީން ލިބިދޭ އެންމެ ބޮޑު ހައްގަކީ ވޯޓުލުމުގެ ހައްގެވެ. އެ ހައްގު ރައްޔިތުން ބޭނުން ކުރަން ވާނީ ވަރަށް ވިސްނުންތެރިކަމާއި އަމާނާތްތެރިކަމާ އެކުގައި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ވިދާޅުވި ގޮތުގައި ދެވަނަ ދައުރަކަށް ކުރިމަތިލެއްވީ ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދަވައި ދެއްވުނު ކަމުގެ ހިތްހަމަޖެހުމާ އެކީގައެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ މިނިވަންކަން ދިފާއު ކުރުމަށް އެންމެ ގިނަ މަސައްކަތް ކުރެއްވުނީ މިދިޔަ ފަސް އަހަރު ކަމަށެވެ. ރާއްޖޭގެ މިނިވަންކަމަކީ ވަށާ ފާރެއް ލައިގެން ކުރެވޭނެ ކަމެއް ނޫން ކަމަށާއި ބާކީވެ ތިބެގެން މިނިވަން ކަމެއް ނުހިފެހެއްޓޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"ބަޑި އާއި ފިސްތޯލަ އާއި ކަރުނަ ގޭހާ އެކީގައި ކުރެވޭނެ ކަމެއް ނޫން. ރާއްޖޭގެ ދެމެހެއްޓޭނީ މުޅި ދުނިޔެ އާއި ބައިނަލްއަގުވާމީ ޖަމާއަތްތަކާ ގުޅުން ބަދަހިކޮށްގެން." ދުނިޔޭގެ 180 އަށް ވުރެ ގިނަ ގައުމާ އެކީގައި ބަދަހި، އިތުބާރު ހިފޭ ގުޅުމެއް ބާއްވާފައިވާ ކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވިއެވެ.

ގައުމިއްޔަތާއި އިސްލާމް ދީނާއި ބަހާއި ތަރިކަ ހިމާޔަތް ކުރުމަށްޓަކައި އެންމެ ގިނަ މަސައްކަތްތަކެއް ކުރެއްވިފައި ވަނީ މި ސަރުކާރުގެ ފަސް އަހަރު ދުވަހު ކަމަށާއި ދިވެހި ރައްޔިތުން އެމްޑީޕީ އާއި ގުޅިފައިވާ ޕާޓީތަކާ އެކީގައި ތިބީ އެ ސަބަބާ ހުރެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި ޒުވާނުންނަށް އެންމެ ފަހި ފުރުސަތުތައް ފޯރުކޮށްދީފައި ވަނީ މި ސަރުކާރުންނެވެ. ހިލޭ ޑިގްރީ ޕްރޮގްރާމާއި ހުނަރު ޕްރޮގްރާމް ތައާރަފްކޮށް މުސްތަގްބަލްގައި ގައުމު ހިންގުމަށް ތިބި ޒުވާނުންނަށް މަގު ކޮށައިދީ ފުރުސަތު ހުޅުވާލަދިނީ މި ސަރުކާރުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ބާކީ ވެފައި ތިބި އުމުރުން ދުވަސްވީ މީހުންނަށް އުންމީދެއް ގެނެސްދީ، ފުރުސަތުތައް ހުޅުވާލަ ދިނީ ވެސް މި ސަރުކާރުން ކަމަށް ރައީސް ވިދާޅުވިއެވެ.

މި ފަސް އަހަރުގެ ތެރޭގައި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށްދީ، ގެވެށި އަނިޔާއަކީ ނެތް އެއްޗެއް ކަމަށް ހަދައި، އަތް އަޅައިގެން ތިބި ތިބުން ނިމުމަކަށް ގެނައުމުން އެކަމަށް ފިޔަވަޅު އަޅައި ހައްލު ކުރުމަށް އެންމެ ރަނގަޅު މަސައްކަތެއް ކުރެއްވީ ވެސް މި ސަރުކާރުން ކަމަށް ވިދާޅުވިއެވެ. ދެ ޖިންސުގެ މީހުންނަށް ހަމަހަމަ ފުރުސަތުތަކެއް ހޯދައި ދިނީ ވެސް މި ސަރުކާރުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އެކަހެރިކޮށް ބާކީކޮށްފައި ތިބި ފަންނާނުންނަށް ފުރުސަތު ހުޅުވާލަ ދިނީ އަޅުގަނޑުމެން. ކުރެހުންތެރިންނާއި ފިލްމު ކުޅުންތެރިންނާއި ލަވަކިޔުންތެރިންނަށް އޮލިމްޕަސް އެންމެ ޒަމާނީ ތަނަކަށް ހަދައި ދިން ބަޔަކީ އަޅުގަނޑުމެން. އެހެންވެ ފަންނާނުން އަޅުގަނޑުމެންނާ އެކީ ތިބީ،" ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން ކުޅިވަރު ދާއިރާގައި އުޅޭ ކުޅުންތެރިންނަށް ތަފާތު ކުރުމެއް ނެތި އެހީ ފޯރުކޮށްދިނީ ވެސް މި ސަރުކާރުން ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވި ގޮތުގައި، އަނެއްކާ ވެސް ނުކުންނެވީ މިކަންކަން އިތުރަށް ފުރިހަމަ ކުރެއްވުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މުއިއްޒު 4 ޕްރެސިޑެންޓް

    މުއިއްޒު ވަނީ 5 އަހަރު ތެރޭ ލޯލާރިއެއްގަވެސް ނުޖެހި ރައްޔިތުންނަށް 13 ބިލިއަންގެ ޕްރޮޖެކްޓް ހިންގާދީފަ.
    1. ބްރިޖު
    2. ފޭސް 2 ހިއްކުން
    3. ހިޔާ ފްލެޓު
    4. ދަރުމަވަންތަ ހޮސްޕިޓަލަށް
    މި ކޯލިޝަނުން 5 އަހަރު ހިންގީ ޖަރީމާ:
    1. ދަރަނި 100 ބިލިއަންނަށް އަރުވާލުން
    2. ޖީއެސްޓީ 8%، ކޮތަޅު ޓެކްސް، ސައިކަލް ސްޓިކާ
    3. ބަދަލުގެ ނަމުގައި ނެކްސްބިޒްއަށް 300 މިލިއަން، ނޫމަޑިއަށް 800 މިލިއަން، ގާސިމަށް 400 މިލިއަން ދިނުން
    4. ގައުމުގެ ކަނޑު ވިއްކާލުން
    5. ގާތް ބޭފުޅުންނަށް ރިކޯޑު އަދަދަށް ސިޔާސީ މަގާމުތައް ހަދުން
    6. ސެކިއުރިޓީގެ ނަމުގަ ނަޝީދަށް މަހަކު އެތައް ލައްކައެއް ހަރަދުކުރުން
    7. އިންޑިޔާ ސިފައިން މިތާ 99 އަހަރު ހުރެވޭގޮތް ހެދުން
    8. ވައުދުތައް ނުފުއްދުން. ފުރަތަމަ 100 ދުވަހުގެ ވައުދުވެސް އަދި ނުފުއްދާ
    9. ކޮވިޑް ވެންޓިލޭޓަރު ވައްކަން
    10. ދީނަށް މަލާމާތްކުރި ހުރިހާ އެންމެން ހިމާޔަތް ކުރުން.

    މިކަހަލަ ކިތަންމެ ކަމެއް. މިފަހަރު ހަމަ ބޮޑުތަނުން މުއިއްޒު ހޮވާނަން އިންޝާﷲ

  2. ހާލުފޮޅި

    ރަނގަޅު ވާހަކައެއް.. މިކަން ނިމިއްޖެ، ދެން އަވަހަށް ފޮށި ތަންމަތި ތައްޔާރުކޮށްގެން ރަށަށް ދާން އުޅޭ..މިފަހަރު މުއިއްޒު. އިންޝާﷲ

  3. 2023

    ކަލޭ ނުހޮވޭނެ އިންޝާﷲ،،އާމިން