އިންތިހާބުތަކުގައި ވޯޓުލުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި، ވޯޓުލާން ވާނީ ވަރަށް ވިސްނުމަށްފަހުގައި ކަަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު ވޯޓު ލައްވާފައިވަނީ އިސްކަންދަރު ސްކޫލްގައި ހުރި ވޯޓު ފޮށްޓަށެވެ. ވޯޓުލުމަށްފަހު ނަޝީދު ވިދާޅުވީ ދިވެހިން މަސައްކަތް ކުރަމުންދަނީ ސުލްހަވެރިކަމާއެކު ވޯޓުދީ ކުރިއަށް އޮތް ފަސް އަހަރަށް ރައީސުލްޖުމްހޫރިއްޔާއެއް ކަނޑައެޅުމަށްޓަކައި ކަމަށެވެ.

އަދި ވޯޓުލުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި ވޯޓުލާން ވާނީ ވަރަށް ވިސްނުމަށްފަހުގައި ކަމަށްވެސް ވިދާޅުވިއެވެ. އަދި އިންތިހާބުން ރަނގަޅު ނަތީޖާއެއް ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދު ތާއީދުކުރައްވަނީ ދި ޑޮމޮކްރެޓްސްގެ ރިޔާސީ ކެނޑީޑޭޓް އިލްޔާސް ލަބީބަށެވެ. އިލްޔާސް ލަބީބުވެސް ދާދި ދެންމެއަކު ކަލާފާނު ސްކޫލުގައި ބަހައްޓާފައިހުރި އައްޑޫ ސިޓީ، މާލެ 1 ނަންބަރ ފޮށްޓަށް ވަނީ ވޯޓު އަޅުއްވާފައެވެ.

ނަޝީދު ވޯޓު ލައްވަނީ - ވަގުތު އިމޭޖްސް: އިބްރާހިމް ރައްޔާން

ދި ޑިމޮކްރެޓްސްއަކީ ރައީސް ނަޝީދު އިސްވެ ހުންނަވައިގެން އުފެއްދި ޕާޓީއެކެވެ. މި ޕާޓީގެ ރިޔާސީ ކެނޑިޑޭޓް އިލްޔާސް ލަބީބްގެ ރަނިންގމޭޓަކީ ހުސައިން އަމްރުއެވެ.

މިހާރު ކުރިޔަށް ގެންދާ ވޯޓުގައި އެންމެ ފުރަތަމަ ވޯޓު އެޅުއްވި ކެނޑިޑޭޓަކީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ގާސިމް އިބްރާހިމްއެވެ. ގާސިމްގެ އިތުރުން ޕީއެންސީގެ ކެނޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު، އެމްއެންޕީގެ ރިޔާސީ ކެނޑިޑޭޓް މުހައްމަދު ނާޒިމް، އެމްޑީޕީގެ ކެނޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުވެސް ވޯޓު ދެއްވައިފިއެވެ.

ނަޝީދު ވޯޓު ލެއްވުމަށްފަހު ބޭރުގައި - ވަގުތު އިމޭޖްސް: އިބްރާހިމް ރައްޔާން

މިއަދު ހެދުނު 8 ޖެހިއިރު ފެށިގެންދިޔަ މި އިންތިހާބުގައި ޖުމްލަ 574 ވޯޓު ފޮށްޓެއް ބަހައްޓާފައިވާއިރު އޭގެތެރޭގައި 142 ފޮށި ބަހައްޓާފައިވަނީ މާޅޭގައެވެ. އޭގެތެރެއިން 61 ފޮށްޓަކީ މާލޭގެ ރައްޔިތުންނަށް ހާއްސަކުރެވިފައިވާ ފޮށިތަކެވެ. ބާކީ 81 ފޮށްޓަކީ މާލޭގައި ދިރިއުޅޭ އަތޮޅުތެރޭ މީހުންނަށް ހާއްސަކުރެވިފައިވާ ފޮށިތަކެވެ.

ރާއްޖެއިން ބޭރުގައި 8 ފޮށްޓެއް ވަނީ ބަހައްޓާފައެވެ. އެގޮތުން އިންޑިޔާގެ ޓްރިވެންޑްރަމް، ސްރީލަންކާގެ ކޮލަމްބޯ، މެލޭޝިޔާގެ ކުއަލަމްޕޫރު، އިނގިރޭސި ވިލާތް ލަންޑަން އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް އަބޫދާބީގައި ވަނީ ވޯޓުފޮށިތައް ބަހައްޓާފައެވެ.