މިއަދު ކުރިއަށްދާ ރިޔާސީ އިންތިހާބުގައި ވޯޓު ލުމަށް ފޮޓޯ ނެގި މައްސަލައެއް ފެންމަތިވެފައިވާކަން އިލެކްޝަންސް ކޮމިޝަނުން ޔަގީންކޮށްދީފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ ވޯޓު ލުމުގެ ކަންކަން ޖުމްލަކޮށް ކުރިއަށް ދަނީ އޮމާންކޮށް ކަމަށާއި ނަމަވެސް ބައެއް ތަންތަނުގައި ކުދިކުދި ހަމަނުޖެހުންތައް ހިނގައިދިޔަ ކަމަށެވެ.

އެގޮތުން އއ. ރަސްދޫގައި ވޯޓުލުން ކުޑަ ވަގުތުކޮޅަކަށް މަޑުޖެހުނު ކަމަށާއި ނަމަވެސް އެއީ އެ ރަށުގެ ދެ ވޯޓު ފޮށީގެ ދެ އޮފިޝަލަކު އިގުރާރާ ހަވާލުވެގެން ކަމަށެވެ. އެހެންވެ އަލުން އޮފިޝަލުން އެ ފޮށިތަކަށް ހަމަޖައްސަން ޖެހުނީ ކަމަށް ވިދާޅުވިއެވެ.

ހަމަ އެހެންމެ ބ. ތުޅާދޫގައި ވެސް ކަމެއް ހިނގިކަން ހަބީބް ޔަގީންކޮށްދެއްވިއެވެ.

"ތުޅާދޫގައި ވޯޓުލާން އައި މީހަކު ފޮޓޯ ނެގި ކަމުގެ ހަބަރެއް ލިބިގެން އެކަން އަޅުގަނޑުމެންގެ އޮފިޝަލުންގެ ފަރާތުން ބަލާފަ އިރާދަކުރެއްވިއްޔާ ތުޅާދޫގައި ވެސް ވޯޓުލުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެން ދާނެ" ހަބީބް ވިދާޅުވިއެވެ.

އޭގެ އިތުރުން ކ.، ގުރައިދޫގައި ތިބޭ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ވެސް ވޯޓު ނުލެވުމުގެ މައްސަލަ ދިމާވިކަން ފާހަގަ ކުރެއްވި އެވެ.

ހަމަ އެހެންމެ ލިޔަން ކިޔަން ނޭނގިގެން ވެސް ވޯޓު ނުލެވުމުގެ މައްސަލަ ވެސް ހުށަހަޅާފައިވާ ކަމަށް ހަބީބް ވިދާޅުވިއެވެ.

ގިނަ ވޯޓުލާ މަރުކަޒުތަކުގައި ވޯޓުލުން 8:00 ޖެހިއިރު ވަނީ ފަށައިފައެވެ. ވޯޓުލާން 8:00 ޖެހިއިރު ފެށިއިރު، އޭގެ ގަޑިއެއްހާ އިރު ކުރިން ފެށިގެން މީހުން ވަނީ ވޯޓު ލުމަށް ކިއު އަށް އަރަން ފަށައިފައެވެ.

އަށެއް ޖަހާއިރު ފެށިގެން ވޯޓު ލުމަށް އަށް ގަޑިއިރުގެ މުއްދަތެއް ދޭނެއެވެ. އެހެންކަމުން 4:00 ޖަހާއިރު ވޯޓު ލުމުގެ ކަންކަން ނިމިގެން ދާނެއެވެ. ނަަމަވެސް ކިއު އަށް ބަލާ ވޯޓުލުމުގެ މުއްދަތު އާއްމުކޮށް އިތުރު ކުރެއެވެ.

އަދި ވޯޓު ފޮށި ބަންދު ކުރާތާ 30 މިނެޓް ތެރޭގައި ވޯޓު ގުނަން ފަށާނެއެވެ.

މިފަހަރުގެ އިންތިހާބުގައި ޖުމްލަ 8 ކެންޑިޑޭޓުން ވާދަކުރައްވައެވެ. މިއީ އެންމެ ގިނަ ކެންޑިޑޭޓުން ބައިވެރިވާ ރިޔާސީ އިންތިހާބެވެ.

އޭގެ ތެރޭގައި ސިޔާސީ ޕާޓީތަކުގެ ފަރާތުން ވާދަކުރައްވާ ފަސް ކެންޑިޑޭޓުންނާއި، އަމިއްލަ ގޮތުން ވާދަކުރައްވާ ދެ ކެންޑިޑޭޓުން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އއ

    އިލެކްޝަން ކޮމިޝަން ގެ " އޯލް އިން ވަން " އަކީ މި ޙަބީބުތަ މިހާރު؟