ދަ ޑިމޮކްރެޓްސްގެ މެންބަރުން އުންމީދު ކަނޑާނުލެއްވުމަށް ޕާޓީއިން ރިޔާސީ އިންތިހާބުގައި ބައުވެރިވެވަޑައިގެން އިލްޔާސް ލަބީބް އެދިވަޑައިގެންފިއެވެ.

އެ ޕާޓީގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އިލްޔާސް ވިދާޅުވީ ޑިމޮކްރެޓްސްއަކީ ވަރަށް ޒުވާން ޕާޓީއެއް ކަމަށެވެ. ރިޔާސީ އިންތިހާބަށް ހާއްސަކޮށް އެ ޕާޓީގެ ޒުވާނުން ނިކުމެ ވަރަށް ބޮޑަށް މަސައްކަތްކުރެއްވި ކަމަށް ވިދާޅުވިއެވެ.

ދަ ޑިމޮކްރެޓްސްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން - ވަގުތު ފޮޓޯ: އަބްދުﷲ އަބީދު

"މިއީ އަސްލު މި ޕާޓީގެ ފެށުން. އަޅުގަނޑުމެން ވިސްނައިގެން ނުވާނެ ސިޔާސީ ޕާޓީއެއް ހަދައިގެން އަންނަ ފުރަތަމަ އިންތިހާބަކުން އަޅުގަނޑުމެންނަށް ލިބޭ ވޯޓަކީ އެއީ ބަލިވީތޯ މޮޅުވީތޯ. އަޅުގަނޑުމެން ސިޔާސީ ކަންކަމުގައި ކުރިއަށްދާ އަދި ވަރަށް ބައިވަރު ކަންތައްތައް އެބަހުރި، ބައިވަރު މަސައްކަތް ކުރަން އެބަހުރި. އަޅުގަނޑުމެން ކުރިއަށްދާނީ އެކަންކަން ހާސިލް ކުރަން،" އިލްޔާސް ވިދާޅުވިއެވެ.

އިލްޔާސް ވިދާޅުވީ އެ ބޭފުޅުން ސިޔާސީ ޕާޓީއެއް ހަދައިގެން ނިކުތީ މި ރިޔާސީ އިންތިހާބަށް ނޫން ކަމަށެވެ. އެހެންކަމުން ލިބިފައިވާ ނަތީޖާއަކީ ހޯދަން އުޅުނު ނަތީޖާއެއް ނޫން ކަމަށާއި އަދި އޮތީ ކުރިއަށް ކަމަށް ވިދާޅުވިއެވެ.

ދަ ޑިމޮކްރެޓްސްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން - ވަގުތު ފޮޓޯ: އަބްދުﷲ އަބީދު

"ރެއާއި ދުވާލު އެއްވެސް ޖެހިލުމެއް ނެތި. ހުރި ފިއްތުންތަކަށާއި ބިރުވެރިކަމާއި މި ހުރިހާ ކަމަށް ޖެހިލުމެއް ނެތި ފަސްޖެހުމެއް ނެތި އެކި އެކި ވަޒީފާތަކުގައި ތިއްބެވި ބޭފުޅުން ވަޒީފާ ދޫކުރައްވާ އަނެއް ބޭފުޅުން ވަޒީފާއިން ކަނޑާލީމަ ވެސް އިންޒާރަކަށް ބެލުމެއް ނެތި ނިކުމެ އަޅުގަނޑުމެންނާއިއެކު ހިތްވަރާއެކު މަސައްކަތްކުރެއްވި. ހުރިހާ ބޭފުޅުންނަށް އަދި އެހީތެރިވެދެއްވި ބޭފުޅުންނަށް ޑިމޮކްރެޓްސްގެ ނަމުގައި ވަރަށް ބޮޑަށް ޝުކުރު ދަންވަނަވަން. އިދާރަކުރެއްވިއްޔާ ތިބޭފުޅުން ދެއްވި އެއްބާރުލުމާއި އެހީތެރިކަން، ހިތްވަރުގެ އަލީގައި އިތުރަށް ކުރިއަށްދާނަން.". އިލްޔާސް ވިދާޅުވިއެވެ.

ސަޕޯޓަރުން އަދި އުންމީދު ކަނޑާ ނުލެއްވުމަށް އިލްޔާސް އެދިވަޑައިގެންނެވިއެވެ. އަދި އެ ޕާޓީގެ މުސްތަގްބަލް އޮތީ ކުރިއަށް ކަމަށްވެސް ވިދާޅުވިއެެ. އެ ޕާޓީ އަދި ފަށައިގަތީ ކަމަށާއި ބޭނުންވާ މަންޒިލަށް ދެވޭނެ ކަމަށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ދިވެހިންގެ ތެރެއިން އިސްލާމްދީނަށް ލޯބިކުރާ މުސްލިމުން، އަދި ތިފަޅިއަކަށެއް ނާރާނެއެވެ. ރާއްޖޭގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުން މިހާރުވެސް ތިބީ އިސްލާމްދީނަށް ޙުރުމަތްތެރިކޮށް ހިތާނެ ވެރިއަކަށް އެދިއެދިއެވެ. ދިވެހިން ބޭނުންވަނީ އިންޑިއާ އާއި ދުނިޔޭގެ އެހެން ޤައުމުތަކާއެކު ހަމަހަމަ ގުޅުމެއް ބާއްވައިގެން ވެރިކަންކުރާނެ ހަރުދަނާ ވެރިއެކެވެ. އިންޑިއާގެ އުނގަށް ވެއްޓޭނެ މީހަކަށް ދިވެހިން ތާއީދެއް ނުކުރާނެއެވެ.

    6
    1