"މިރިނުވެ ގޮބޮޅި ކާށި ނުވުމަށް" ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު ޢަބްދުއް ލަތީފަށް ފާޑުވިދާޅުވެއްޖެއެވެ.

އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގައި އެމްޑީޕީއަށް ލިބުނު ނާކާމިޔާބާއި ގުޅިގެން ޔާސިރު ކުރެއްވި ޓްވީޓެއްގައި ރައީސް ނަޝީދަށް ގޮވާލެއްވީ ރައީސް ސޯލިހުގެ ފަހަތަށް އަރައި އިންތިހާބުގެ ދެވަނަބުރުގައި ކާމިޔާބު ހޯދުމަށް އެކުގައި މަސައްކަތް ކުރެއްވުމަށެވެ.

ޔާސިރުގެ ޓްވީޓުގައި ވިދާޅުވެފައިވަނީ ދިވެހީންގެ ދިރިއުޅުން އުޖާލާ ކުރުވި އެމްޑީޕީއަށް ދެވަނަ ދައުރެއް އެއްބުރުން ކާމިޔާބުނުވެ މިދިޔައީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއި ރައީސް ނަޝީދު މާބޮޑަށް ޚިޔާލު ދެކަފިވުމުން ކަމަށެވެ.

އެހެންކަމުން ދެންވެސް އޭނާ އެދެނީ ދެ ވެރީން އެކުގައި މަސައްކަތް ކޮށްދެއްވާ މިރާއްޖެ ސަލާމަތް ކޮށްދެއްްވުން ކަމަށް ޔާސިރު ވަނީ ވިދާޅުވެފައެވެ.

ޔާސިރު ވިދާޅުވި ގޮތުގައި ޕީޕީއެމް/ޕީއެންސީއަކީ ރަށްފުށަށް ޗޮއިސް އެއް ނޫނެވެ.

ދަ ޑިމޮކްރެޓްސްގައި ހުންނެވުމަށްފަހު އެމްޑީޕީއާ ގުޅިވަޑައިގެންނެވި ޔާސިރު ވިދާޅުވީ ރައީސް ނަޝީދު އާއި ރައީސް ސޯލިހު އެއްބައިވުމުން އިންތިހާބު ފަތަހަކުރާނެ ކަމަށާއި އިދިކޮޅު ބޮޑުތަނުން އޭރު ބަލި ކުރެވޭނެ ކަމަށެވެ.

ޔާސިރުގެ ޓްވީޓް ޑިމޮކްރެޓިކްސްގެ ގިނަ ބޭފުޅުން ވަނީ ރީޓްވީޓްކޮށްފައެވެ. ރައީސް ނަޝީދުގެ ނުރަސްމީ ޓުވިޓާ އެކައުންޓުން ކުރެއްވި ޓުވީޓެއްގައި އެމަނިކުފާނު ވިދާޅުވަނީ މިރިނުވެ ގޮބޮޅި ކާށި ނުވުމަށެވެ.

"މިރިނުވެ ގޮބޮޅި ކާށި ނުވާނެ" މިއީ މިސާލު ބަހެކެވެ. މި ބަސް ބޭނުންކޮށް އުޅެނީ ތަންދޮރު ނުދަންނަ ހާލު ހުރިހާ އެއްޗެއް ދަންނަ މީހާ ކަމަށް ހެދިގެން މީހުން ގުބޯ ހައްދަން އުޅޭ ހާލަތްތަކުގައެވެ. މާނައަކީ ނުވާދުވަހުން ބޮޑުވެގެން އުޅުމެވެ.

ޔާސިރު ޑިމޮކްރެޓްސްގައި ހުންނަވާފައި އަލުން އެމްޑީޕީއަށް ބަދަލުވުމުން މީގެކުރިން ވެސް ނަޝީދު ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    ތިހެން ތެޅިތެޅިފަ އެންމެފަހުން އެއްބައިވާނެ. ތިއުޅެނީ ދިވެހިން ތިބި ގޮތެއް ބަލާލަން. ވަރަށް ސާފު ތިޔައީ އެކައްޗެއްކަން.

    21
    1
  2. ކޮސްފަހަރިމްރާނު

    އެމްޑީޕީ އަކީ ޗޮއިސް އެއް ނޫން ރަށް ފުށް ކީއްކުރަން އެއްވެސް ރަށެއްގައިވެސް އެއީ ޗޮއިސް އެއް ނޫން. އެއީ ލާދީނިއްޔަތުގެ ރަމުޒު. ޑިމޮކްރަސީ ނަމުގައި ރަށްފުށުގެ ރައްޔިތުން ގުބޯ ހައްދާ އޮއިވާލި ފިކުރު. ގައުމު އިންޑިއާގެ އަޅުވެތިކަމަށް ދޫކޮށްލި ފިކުރު. ވީމާ، މި ދިވެހި ގައުމަށް އެމްޑީޕީ ކޮށްދެވޭނެ ކަމެއް ނެތް...ބައިބައި

    32
    3
  3. ކުޅުދޫފުށި

    ޔާސިރު ދެންވެސް ބަލިގަބޫލުކޮށް ރަތްއިތުންގެ ރައީސް މުއިޒް ގެފަހަތަށް އަރަން ފެނޭ

    14
    1
  4. މިލިއަން

    ބެލެވެނީ ދެވަނަ ބުރަކަށް ތައްޔާރުވުމުގެ ކުރިން މި ޔާސިރު ޑރ މުޢިއްޒަށް ތާޢީދުކުރައްވައިފާނެކަން. އަދި އަނެއްކާވެސް އިތުރު މިލިއަން ރުފިޔާތަކަކާއިއެކު އަނެއްކާ އެމްޑީޕީއަށް ތާއީދު ކުރައްވާނެ.

    11