ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ޖެއްސެވި ހިސާބު ގޯސް ކަމަށާއި ދެވަނަ ބުރު ކާމިޔާބު ކުރެއްވުމަށް ކުރައްވަން ޖެހޭ ކަންކަން ސާފުވެވަޑައިގެންފައިވާ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މިއަދު ވިދާޅުވެއްޖެއެވެ.

އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގައި ގިނަ ބަޔަކު ހައިރާންކޮށްލުމަށް ފަހު، ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވަނީ އެންމެ ގިނަ ވޯޓު ހޯއްދަވައިފައެވެ. އިންތިހާބުގައި މުއިއްޒަށް ލައްކަ އަކަށް ވުރެ ގިނަ ވޯޓު ލިބިވަޑައިގެންނެވިއެވެ. ރައީސް ސޯލިހަށް ވޯޓު ލިބިވަޑައިގަތީ މުއިއްޒަށް ވުރެ މަދުންނެވެ. އެކަމަކު، މި މަހުގެ 30 ގައި އޮންނަ ދެވަނަ ބުރުގެ ވޯޓުގައި އަނެއްކާ ވެސް ރައީސް ސޯލިހާއި މުއިއްޒުގެ "ކުރިމަތިލުމެއް" ފެންނާނެއެވެ.

ފައްޔާޒް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިންތިހާބުގެ ދެވަނަ ބުރަށް ކުރަން ޖެހޭ ކަންކަން ސާފުވެވަޑައިގެންފައިވާ ކަމަށެވެ. އަދި ކެމްޕެއިން ރުކުރުވާލައި މި ނުކުންނަވަނީ ބުރަ މަސައްކަތާ އެކުގައި އިންތިހާބު ކާމިޔާބު ކުރަން ކަމަށް ވެސް ފައްޔާޒް ވިދާޅުވިއެވެ.

"ޖެހުނު ހިސާބު ގޯސް. ކުރަންޖެހޭ ކަންކަން ސާފުކުރެވިއްޖެ. އިރާދަކުރެއްވިއްޔާ ކެމްޕޭން ރުކުރުވާލާ އަޅުގަޑުމެން މި ނިކުންނަނީ ބުރަ މަސައްކަތާއެކު މި އިންތިހާބު ކާމިޔާބު ކުރަން, މިރާއްޖެ އަނިޔާވެރިކަމާ ދިމާލައް އަނބުރާ ދިޔަނުދިނުމަށް ކުރަންޖެހޭ ކަންކަން ކުރަން." ފައްޔާޒް ވިދާޅުވިއެވެ.

ރައީސް ސޯލިހް ވަނީ ދެވަނަ ބުރެއްގައި އިތުރު ބަޔަކާ އެކު ކޯލިޝަން ހަދަން މަސައްކަތް ކުރައްވާނެ ކަމަށް ރޭ ވިދާޅުވެފައެވެ. މިއާއެކު، ރައީސް ސޯލިހްގެ ސަޕޯޓަރުން ވަނީ އެމަނިކުފާނުގެ ފަހަތަށް އެރުމަށް ރައީސް ނަޝީދަށް ގޮވާލަން ފަށައިފައެވެ. އެކަމަކު، ދަ ޑިމޮކްރެޓްސްގެ އާންމު މެމްބަރުން އެކަމާ ދެކޮޅެވެ. އެ މެމްބަރުން ބުނެފައި ވަނީ ރައީސް ސޯލިހްގެ ވެރިކަން ނިންމުމަށް ކޮންމެ ބައެއް ފަހަތަށް އަރަން ޖެހުނަސް އެކަން ކުރަން ޖެހޭ ކަމަށެވެ.

ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވަނީ 100,723 (%46.16) ވޯޓު ހޯއްދަވައިފައެވެ. އޭނާއާ އެންމެ ކައިރިން ވާދަކުރެއްވީ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހެވެ. ރައީސް ސޯލިހަށް 85,126 (%39.02) ވޯޓު ލިބިވަޑައިގެންނެވިއެވެ.ތިން ވަނަ އަށް ދިޔައީ ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓު، ރައްޔިތުންގެ މަޖިލިހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބަށެވެ. އިލްޔާސް އަށް ވަނީ 15,633 (%7.17) ވޯޓު ލިބިވަޑައިގެންފައެވެ. އިލްޔާސް އަކީ ނަޝީދުގެ ތާއީދާ އެކީގައި އިންތިހާބުގައި ވާދަކުރެއްވި ބޭފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ސައްޅި

    އަދުރޭގެ ހިސާބު ބަރާބަރަށް ދިމާވެއްޖެ. މާރިޔާ އަދި ފައްޔާޒުގެ ހިސާބު ޗޮކުން ދިޔައީ.

  2. .....

    ....ފުރަތަމަ ކަމަކަށް އަލީ ނިޔާޒު އާއި އެކަހަލަ ހަރާންކޯރު މީހުންތައް އެއްކައިރި ކޮށްލާފަ ސީދާ ރައްޔިތު މީހާ ގާތަށް ތިބޭފުޅުން ވަޑައިންނަވާ...އެމްޑީޕީގެ އެމްޕީ އިންނަށް އިތުބާރުނެތްކަން ފާހަނގަވޭ ރައްޔިތުންގެ

  3. Anonymous

    ދެންވެސް ދާނީ ޗޮކްހުން. ހިސާބު ތަ ސިހުރުތަ ދެން ޖަހަން ތިއުޅެނީ. ސިހުރު ގެ މައިތިރިޔަސް އަހަރުމެންނަށް އެގޭ އަޅެ ލަދުގަންނަން ބޭނުމިއްޔާ ހަދާބަލަ ތިދހަދާއެއްޗެއް.

  4. އަހްމަދު

    ފައްޔާޒަށް ހަނދާންކޮށްދެން ބޭނުންވަނީ ޅެންވެރިއެއްގެ ބަހެއް.
    "ދީރުގައިތަގު ހުރިގޮތާ ދެކޮޅަށް ކަމެއް ބީރަކުންތަދު ލާނެޔޭ ނުމެ އެނބުރިއެއް."

  5. އަބްދޫ

    ފައްޔާޒް ހިސާބު ގޯހޭ ފުރަތަމަ ވެސް ބުނިން . އެ ވަގުތންފެށިގެން ކުށް ކެނޑިނަމަ ތިހެންނުވީސް.

  6. އަބްދޫ

    ސާފުކުރީ ބްލީޗް ޖަހައިގެންތަ.އޭރުން ކުލަގޮއްސާނެ.