މިފަހަރު ހިސާބު ދިމާވެއްޖެ ކަމަށާއި މިމަހު 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު 60 އިންސައްތަ ވޯޓް ހޯއްދަވާނެ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިރޭ ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ކާމިޔާބީގެ އުފާ ފާޅުކުރުމަށް އާޓިފިޝަލް ބީޗުގައި ބޭއްވި ބައްދަލުވުމުގައި އަދުރޭ ވިދާޅުވީ އޭނާ ޖެއްސެވި ހިސާބު މިފަހަރު ދިމާވެފައިވާ ކަމަށާއި ދެވަނަ ބުރުން މުއިއްޒު ކާމިޔާބު ހޯދާނީ 60 ޕަސެންޓް ވޯޓު ހޯއްދަވާނެ ކަމަށެވެ.

"އަޅުގަނޑު މި ދަންނަވަނީ އިރާދަކުރެވިއްޔާ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު މި އިންތިހާބު ކާމިޔާބު ކުރާނީ 60 އިންސައްތަ ހޯދައިގެން،" އަދުރޭ ވިދާޅުވިއެވެ.

އަދުރޭ އެ ޖެއްސެވި ހިސާބަކީ މިފަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ޖަލްސާއެއްގައި ދެއްކެވި ވާހަކައެކެވެ. އަދުރޭ ވިދާޅުވީ މިފަހަރުގެ ރިޔާސީ އިންތިހާބުގައި %40 ވޯޓު ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިނުގަންނަވާނެ ކަމަށެވެ. އެމަނިކުފާނަށް ލިބިވަޑައިގެންފައި ވަނީ %39 ވޯޓެވެ.

އަދުރޭ ވިދާޅުވީ މި ބަދަހި ލަޝްކަރު ފުނޑުފުނޑުކޮށްލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުޅުއްވިޔަސް އެއީ ނުވާނެ ކަމެއް ކަމަށާއި އެމްޑީޕީ އަށް ޕީޕީއެމް-ޕީއެންސީއާ އަރާ ހަމަ ނުކުރެވޭނެ ކަމަށެވެ. އަދި އޭނަ ޖައްސަވާ ހިސާބާ ގާތަށްވެސް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ޖައްސަވާ ހިސާބު ނުދާނެ ކަމަށް އަދުރޭ ވަނީ ވިދާޅުވެފައެވެ.

"ފައްޔާޒުގެ ހިސާބަކަށް ނޫން މި ހިސާބު ވާނީ. ހިސާބު ދިމާވެއްޖެ،" އަދުރޭ ވިދާޅުވިއެވެ.

އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި މުއިއްޒު ވަނީ ލައްކައަކަށް ވުރެ ގިނަ ވޯޓު ހޯއްދަވައިފައެވެ. އެއީ ވޯޓުލީ މީހުންގެ 46 ޕަސެންޓެވެ. ރައީސް ސޯލިހަށް ލިބިވަޑައިގެންނެވީ 85،000 ވޯޓެވެ. އެއީ 39 ޕަސެންޓެވެ.

ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިހާބުތަކުގެ ފުރަތަމަ ބުރުގައި އެއް ލައްކަ އަށް ވުރެ ގިނަ ވޯޓު ހޯއްދެވިފައި ވަނީ އެންމެ ދެ ބޭފުޅުންނަށެވެ. އެއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށާއި އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުން ކުރި ހޯއްދެވި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒެވެ. މީގެ ފަސް އަހަރު ކުރިން، 2018 ގައި ބޭއްވި ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހް ވަނީ 134,705 ވޯޓު ހޯއްދަވައި އެއް ބުރުން އިންތިހާބު ކާމިޔާބު ކުރައްވައިފައެވެ. އޭގެ ފަސް އަހަރު ފަހުން، ރައީސް ސޯލިހްގެ މައްޗަށް މުއިއްޒު މިވަނީ ކުރި ހޯއްދަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ދޫންޏާ

    ޢެމްޑީޕީ މިއަށްވުރެ ބޮޑައްބަލިކުރެވޭނެ 2.ވަނަބުރުން ހޯދަންވީ އެމީހުންގެ ތެރެއިން ކޮއްމެ މެންބަރަކައްވޯޓެއް ނޫނީދޭމީހާ އޭރުން އެމީހުންއިތުރު ކުރާވަރަކައްވާނީމަދު ނިމޭއެއްޗަކުންނިކުއްނަން ފަސޭހަވެހޯދޭނެ މިހާރުވެސް ލިބޭނެ ބާތިލްވޯޓްކިރާނުލެވުނު މީހުނައްވުރެ.ރަނގަޅުވާނެ މިގޮތައްކޮއްފިނަމަ

    6
    1
  2. ހުސޭނުބޭ

    އަދުރޭ ހިސާބުން ޓިއުޝަން ދެންތަ؟ މަ ބޭނުން އަދުރޭ ކައިރިއަށް ހިސާބު ޓިއުޝަނަށް ދާން.

  3. ކޫޑި

    ފައިސާބަހައިގެންވެސް އެމްޑީޕީއަށް ވީ ގެއްލުން މިފަހަރު ގިނައެމްޑީޕީމީހުން ސޯލިހަށް ދޯކާދިނީ ހާއްސަކޮށް ފަށްޔާޒު މިއީ ސޯލިހަށް ދޯކާދިން އެންމެބޮޑު ވަގު.

    7
    1