ނިމިދިޔަ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ދިޔައީ ވަރަށް އަމާންކޮށް ކަމަށާއި ނަމަވެސް ވޯޓުލާ ބޫތްތައް ބެހެއްޓިފައިވާ ގޮތުގެ ސަބަބުން ވޯޓުގެ ސިއްރުކަން ގެއްލުމުގެ ފުރުސަތު އޮތް ކަމަށް ކޮމަން ވެލްތުން ބުނެފިއެވެ.

ކޮމަންވެލްތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޖަމިއްޔާއިން ވަނީ އިންތިހާބާ ބެހޭގޮތުން ފާހަގަވެފައިވާ ގިނަ ކަންތައްތަކެއް ފާހަގަކޮށް އެކަމުގެ މައުލޫމާތު ހިއްސާކޮށްފައެވެ. އެ ބައްދަލުވުމުގައި އިންތިހާބުގެ ކަންކަން އޮބްޒާވް ކުރުމަށް ރާއްޖެއަށް އައިސްތިބި ކޮމަން ވެލްޓްގެ ޓީމުގެ ޑެނީ ފައުރޭ ވިދާޅުވި ގޮތުގައި މުޅި އިންތިހާބުގެ ކަންކަމަށް ބަލާއިރު ހުރިހާ ކަމެއް ވެސް ގޮސްފައިވަނީ ދެފުށް ފެންނަ ގޮތަށް ވަރަށް އަމާން އޮމާންކޮށް ކަމަށެވެ.

ޑެނީ ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ކުރިއަށް ދިޔަ ގޮތް ބެލުމަށް ވެސް ކޮމަން ވެލްތްގެ އެކި އޮބްޒާވަރުން އަތޮޅުތެރެއަށް ވަޑައިގެން ހަރަކާތްތެރިވި ކަމަށެވެ. އަދި ސިޔާސީ ޕާޓީތަކާއި އެކި މަޖިއްޔާތަކާއި ބައްދަލުކުރި ކަމަށްވެސް ވިދާޅުވިއެވެ. ކޮމަންވެލްތައް އޮބްޒާވް ކުރެވުނު ގޮތުގައި ކެމްޕެއިން ކުރިއަށް ގޮސްފައިވަނީ ވަރަށް އެކިވެރިކަމާއި ސުލްހަކޮށް ކަމަށް ވެސް ޑެނީ ވިދާޅުވިއެވެ. ނަމަވެސް އެ ޖަމިއްޔާއިން ކަންބޮޑުވާ ބައެއްކަންތައްތައް ފާހަގަކުރެވުނު ކަމަށް ވިދާޅުވިއެވެ.

ކޮމަންވެލްތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން -- ވަގުތު އިމޭޖްސް: އަހުމަދު ޖައިޝަން

"ކެމްޕެއިންގައި އަންހެނުންނާއި ޒުވާނުންގެ ބައިވެރިވުން މަދުކަން ފާހަގަކުރެވުނު. އަދި ކެމްޕެއިންގައި ސަރުކާރުން އެކި އެކި ނުފޫޒު ފޯރުވާ މައްސަލައާއި ދައުލަތުގެ މުދާ ސަރުކާރުގެ ކެމްޕޭނަށް ބޭނުންކުރާ ކަމުގެ ޝަކުވާތައް އަޅުގަނޑުމެނަަށް ލިބުނު. މިކަންކަން އަޅުގަނޑުމެންގެ ފައިނަލް ރިޕޯޓްގައި ބޮޑަށް ގެނެސްދޭނަން.". ޑެނީ ވިދާޅުވިއެވެ.

ވޯޓުލާ ދުވަހުގެ ކަންކަމަށް އަލިއަޅުވާލައްވަމުން ޑެނީ ވިދާޅުވީ އެކި ސެންޓަރުތަކުގައި ވޯޓުގެ ކަންކަން ކުރިއަށް ދިޔަ ގޮތްތައް ބެލުމަށް އޮބްޒާވަރުން ހަރަކާތްތެރިވި ކަމަށެވެ. އެގޮތުން ވޯޓު މަރުކަޒުތަކުގައި ވަރަށް ގިނަ އަންހެން މޮނިޓަރުން ތިބި ކަން ފާހަގަކުރެވުނު ކަމަށާއި އެމަކާ ވަރަށް އުފާ ފާޅުކުރާ ކަމަށް ވިދާޅުވިއެވެ. އަދި ގިނަ އަދަދެއްގެ ޒުވާނުން ވެސް ވޯޓުލާން ދިޔަކަން ފާހަގަކުރެއްވިއެވެ.

ޑެނީ ވަނީ އުމުރުން ދުވަސްވީ މީހުންނާއި، މާބަނޑު އަންހެނުންނާއި އަދި ނުކުޅެދުންތެރިކަން ހުރި މީހުންނަށް ހާއްސަކޮށްގެން ވޯޓުގެ ކަންކަން އަވަސްކުރުމަށް އީސީއިން އެޅުއްވި ފިޔަވަޅަށް ތައުރީފް ކުރައްވާފައެވެ. ހާއްސަކޮށް ލޮލަށް ނުފެންނަ މީހުންނަށް ހާއްސަ ވޯޓު ކަރުދާހެއް ތައްޔާރުކޮށްފައިވާތީ އެކަމަށް ތައުރީފް ކުރެއްވިއެވެ.

ކޮމަންވެލްތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން -- ވަގުތު އިމޭޖްސް: އަހުމަދު ޖައިޝަން

"ގިނަ އަދަދެއްގެ ވޯޓު ސެންޓަރުތައް ގާއިމްކޮށްފައިވަނީ ސްކޫލްތަކުގައި. އެހެންކަމުން ބައެއް ކްލާސް ރޫމްތައް ކުޑަ ވުމުގެ ސަބަބުން ވޮޓު ބޫތް ބެހެށްޓިފައި ހުރޮ ގޮތުގެ ސަބަބުން ވޯޓުގެ ސިއްރުކަން ކަށަވަރުކުރުމަށް ހުރަސްތަކެއް ހުރިކަން އަޅުގަނޑުމެންނަށް ފާހަގަވި. އަދި ވޯޓުލާ ގަޑި ޖެހިނުއިރު ގިނަ އަދަދެއްގެ ރަށްޔިތުން ވޮޓުލާން ނުދާންކަން ވެސް ފާހަގަވި. އެހެންކަމުން މިކަންކަމަށް ދެވަނަ ބުރެއްގައި ސަމާލުކަން ދިނުމަށް އެދެން.". ޑެނީ ވިދާޅުވިއެވެ.

ޑެނީ ވިދާޅުވީ މި އިންތިހާބުގެ ހުރިހާ ކަމެއް ވެސް ޖުލްމަކޮށް ދިޔައީ ވަރަށް އަމާން އޮމާން ކަމާއެކުގައި ކަމަށެވެ. އަދި ދެވަނަ ބުރަަކަށް ވާއިރަށް ވޯޓު ލުމާއި ބެހޭ ގޮތުން އާންމުން ހޭލުންތެރިކޮށް އެ ބުރު އިތުރަށް ފުރިހަމަކަންމަތީގައި ކުރިއަށް ގެންދިއުމަށް އެދިލެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސިއްރުކަން ކަށަވަރުކޮއްދީ 2ވަނަ ބުރުގަ ޕްލީޒް.ނޯ2 އިބޫ.އަންނިއާ ދެކޮޅަށް ވޯޓުލާނީ.

    ތީ %100 ތެދެއް. ލަންކާ އެމްބަސީގަ ވޯޓުކަރުދާހުގަ ޖަހާ ފާހަނގަ ފެންނަހާ ކައިރީގަ މޑޕ އޮބްޒާވަރުންތިބޭ. ނުދައްކާ ޖަހާނެ އެއްގޮތެއްވެސް އެތާކުނެތް. ފާހަނގަ ޖެހީ އެމީހުންގެ ލިސްޓުން ކްރޮސްޗެކް ކޮއްފަ ވޯޓލީ ކާކަށްކަންވެސް ނޯޓްކުރިހެންހީވި.ވ އަންކޮމްފިޓަބަލްކޮށްތިބެ މީހުން ވޯޓްލީ.އެހެންމީހުންވެސް އެކަން ފާހަނގަކުރި. ގަސްތުގަ ތިރިމޭޒެއް ބަހައްޓާފަ ކަނާތްފަރާތުގަ އުޅބޮށިޖެހޭހާ ހިސާބުގަ އޮބޮޒާވަރުން ވާތްފަރާތުގަ އޮފިޝަލުން ފަހަތުގަ ވޯޓްލާމީހުން 5ފޫޓެއްހާ ހިސާބުގަ ވަށައިގެން. މޑޕ މީހުން ވ ލޯއަޅާލާ ބައެއްމީބުންނަށް ވޯޓްފޮއްޓަށް ކަރުދާސްކޮޅު ވައްޓާލާތަނުން.

  2. ރައްޔިތުން

    ވޯޓުކަރުދާހުގަ ފާހަގަ ޖަހާއިރު އެހެން މީހަކަށް ފެންނަން އޮތުމަކީ ވޯޓުގެ ސިއްރުކަން މުޅިން ގެއްލުމެއްނު؟ އެގޮތަށް ވޯޓު ބޫތު ބަހައްޓާނީ ބިރުދެއްކުމަށް ފަސޭހަކުރުމަށްޓަކާ. ޑިފޯލްޓުން މިކަމުން ފައިދާވާނީ ވެރިކަން ކުރާ ޕާޓީއަށް.

    އެކަން ހުއްޓުވެންޖެހޭ. ފްރީ ނ ފެއަރ އިލެކްޝަން ނުބޭއްވެންޏާ އިލެކްޗަން ކޮމިޝަންގެ ބޭނުމަކީ ކޮބާ؟؟