ކުޑަގިރީގައި ހަދާފައި ހުރި ވޯޓާ ސްލައިޑުން ވެއްޓި ޒުވާނަކު ނިޔާވެއްޖެއެވެ.

މިދިޔަ ބްރާސްފަތި ދުވަހު ރައްޓެހިންނާއި އާއިލާއެކު މަޖާ ކުރުމަށް ކުޑަގިރީއަށް ދިޔަ ހ. ޕޯޓްސައިޑް، އުމަރު އަބްދުލްހަންނާނު، 34، ނިޔާވީ ވޯޓާ ސްލައިޑުން ވެއްޓި ލިބުނު އަނިޔާތަކަށް ފަރުވާ ހޯދަމުން ދަނިކޮށް މިއަދެވެ. މި ހާދިސާގެ ސަބަބުން އޭނާގެ ކަނދުރާ ބިނދި، ބޮޑެތި އަނިޔާތަކެއް ލިބުނު ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

އުމަރުގެ މައްޗަށް ކުރާ ކަށުނަމާދު އޮންނާނީ މިރޭގެ އިޝާ ނަމާދަށްފަހު ހުޅުމާލޭ ސަހަރާ މިސްކިތުގަ އެވެ.

މިހާދިސާ އާއި ގުޅޭގޮތުން "ވަގުތު" އަށް މައުލޫމާތު ދެމުން ކުޑަގިރި މެނޭޖް ކުރާ އާބަންކޯގެ ތަރުޖަމާނު އަހުމަދު މިމްރާހު ވިދާޅުވީ އެ ސްލައިޑަކީ ކުޑަކުދިންނަށް ހާއްސަކޮށްފައިވާ ސްލައިޑެއް ކަމަށާއި އެ ސްލައިޑުން ވެއްޓުނު ޒުވާނާ ބޯކޮޅު ވަތަށް މޫދަށް ވެއްޓުމުން ބޮލަށް އަނިޔާ ލިބި ނިޔާވި ކަމަށެވެ.

"އެ ސްލައިޑަކީ އަނެއްހެން ބޮޑުމީހުން އެގޮތަށް އަރަން ހަދާފައި ހުންނަ އެއްޗެއް ނޫން، ތަންކޮޅެއް ޝެލޯއޭރިޔާއެއްގައި ކުޑަކުދިންނަށް ހަދާފައި ހުންނަ އެއްޗެއް އެއީ." މިމްރާހު ވިދާޅުވިއެވެ.

މިމްރާހު ވިދާޅުވީ އެރަށަށް ދަތުރުދާ މީހުންނަށް އުސޫލުތަކެއް ހަދާފައި ހުންނާނެ ކަމަށާއި ވެބްސައިޓުން އެ ހުރިހާ މައުލޫމާތެއް ލިބޭނެ ކަމަށެވެ. އެގޮތުން އެރަށުގައި އުޅޭއިރު ގެންގުޅެންޖެހޭ އުސޫލުތަކާއި އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައްވެސް ހުންނާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ކުޑަގިރީ ވެބްސައިޓުގައި ބަޔާންކޮށްފައިވާ ގޮތުން މިވަގުތު އެތަނުގައި ލައިފް ގާޑުން ނުތިބޭނެއެވެ. އަދި ދިމާވާ ކަންކަމުގެ ޒިންމާ ނަގަން ޖެހޭނީ އެރަށަށް ދަތުރުދާ ފަރާތުން ކަމަށް މިމްރާހު ވިދާޅުވިއެވެ.

"ވަރަށް ސާފުކޮށް އިންނާނެ ޕަބްލިޝްކޮށްފައި "ނޯ ލައިފްގާޑް އޮން ޑިއުޓީ" މީންސް ކުޑަގިރީގައި ނޫޅޭނޭ ލައިފްގާޑުން." މިމްރާހު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ރައްޔަތުން

    ތަނެއް ދޮރެއް ނޭނގޭ މީހުން ވޯޓާ ސުލައިޢު ހަރު ކުރީމާ މިހެން. ވޯޓާ ސުލައިޑަކީ. ވަކި ގޮތަކައް ވަކި ފުން މިނެއް ހުންނަ ތަންތާ ހަރު ކުރާ އެއްޗެއް ކަން ވެސް މިސަރުކާރައް ނޭނގެނީތޯ؟؟ ނޫނީ ގަސްދުގަ ތިލަ ތާނގަ ހަރުކުރީތޯ؟؟؟

    5
    6
    • Anonymous

      ކުޑަކުދިން އަރަން ހުންނަ ސްލައިޑް ހުންނާނީ ޝެލޯ ހިސާބު ތަކުގަ. ބޮޑެތި މީހުން އެބަޖެހޭ ދޯ އަމިއްލަ ރައްކަލައް ވެސް ވިސްނަން، ކުޑަކުދިންނަށް ހަދާފަ ހުންނަ ސްލައިޑް ތަކަށް ނާރަން. ކަމެއް ދިމާވާނީ ބުނެފައެއް ނޫން!

  2. ހަކީމް

    ތި ތަންތަން ހިންގަން ތިބި މީހުންގެ ކޮލިޓީ ނެތީމަ ވާގޮތް އަދިވެސް ގޭން ގެއް އޮތިއްޔާ ދީ ތަން ތަން