އައްޑޫ ސިޓީގެ ހުޅުދޫ-މީދޫން އިދިކޮޅު ޕީޕީއެމް-ޕީއެންސީއާ 100 އަށްވުރެ ގިނަ މީހުން ގުޅިއްޖެއެވެ. ރޭ އެ ޕާޓީއާ ގުޅުނު މީހުންގެ ތެރޭގައި ގިނައީ ޒުވާނުންނެވެ.

އިދިކޮޅު ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އައްޑޫއަށް ކުރެއްވި ދަތުރުފުޅުގައި ރޭ ވަނީ މީދޫ އަދި ހުޅުދޫއަށް ވަޑައިގެންފައެވެ. އެ ދެ އަވަށަށް ވަޑައިގެން ވަނީ އިދިކޮޅުގެ ޖަގަހަށް ވަޑައިގެންފައެވެ.

ރޭ ބޭއްވި ޖަގަހަ ޖަލްސާގައި ހުޅުދޫން 50 މީހަކު ވަނީ ޕީޕީއެމްއާ ގުޅި މުއިއްޒަށް ތާއީދު ކުރުމަށް ވަނީ ނިންމާފައެވެ. އަދި މީދޫން ވެސް ގިނަ އަދަދެއްގެ ބަޔަކު ރޭ ޕީޕީއެމްއަށް ސޮއިކޮށްފައިވެއެވެ.

އިދިކޮޅާއި ގުޅުނު ފަރާތްތަކުގެ ފޯމް ރޭގައި ބޭއްވި ޖަގަހަ ޖަލްސާތަކުގައި ވަނީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އަދި އިދިކޮޅު ކޯލިޝަނާއި ވަގުތީ ގޮތުން ހަވާލުވެވަޑައިގެން ހުންނެވި އަބްދުއްރަހީމް އަބްދުﷲ ހަވާލުކޮށްފައިވެއެވެ.

އިދިކޮޅުން ކެނޑިޑޭޓް ހުޅުދޫއަށް ވަޑައިގަތުން -- ވަގުތު އިމޭޖް: އަހްމަދު އިޒްމީމް

އިދިކޮޅު ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި މާލެ ސިޓީގެ މޭޔަރު މުއިއްޒު ހަމަޖައްސާވާފައިވާއިރު، ރަނިންގމޭޓަކީ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް (ސެންބެ)އެވެ. އެ ދެ ބޭފުޅުން ވެސް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ބޮޑު ކާމިޔާބީއެއް ހޯއްދަވާފައެވެ. އިންތިހާބުގެ ފުރަތަމަ ބުރު މުއިއްޒަށް ލިބިވަޑައިގެންނެވީ 46.16 އިންސައްތައެވެ. އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންެވީ 39.02 އިންސައްތައެވެ.

މި އިންތިހާބުގައި އެއްވެސް ކެންޑިޑޭޓަކަށް %50 އަށް ވޯޓު ލިބިވަޑައިނުގަތުމުން، އިންތިހާބުގެ ދެވަނަ ބުރު މި މަހުގެ 30 ވަނަ ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިއާއެކު ދެ ކެނޑިޑޭޓުން ވެސް މިހާރުން ގެންދަނީ އެކި ރަށްތަކަށް ވަޑައިގެން ކެމްޕެއިން ހަރަކާތްތައް ވަރުގަދަ ކުރައްވަމުންނެވެ.

ޕީޕިއެމްއަކީ ރާއްޖޭގައި ދެވަނަ އަށް އެންމެ ގިނަ މީހުން ތިބީ ޕާޓީއެވެ. މިގޮތުން މި އަހަރުގެ ފެބުރުވަރީ 21ގެ ނިޔަލަށް އެ ޕާޓީގައި ތިިބި މެންބަރުން އަދަދު 38،704 އަށް އަރައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޑައެލޯގް

    ފަތުއަޑު ކިޔާފައި އެއަންނަނީ މުއިޒުކޮޅަށެވެ. އިރާދަކުރެއްވިއްޔާ އިބޫނިމުނީއެވެ.

    3
    1