މިހާރު ކުރިއަށްދާ ރިޔާސީ އިންތިހާބުގައި ރައްޔިތުން ނިންމާ ނިންމުމަކީ އެންމެ ރަނގަޅު ނިންމުން ކަމަށާއި އެ ނިންމުމަށް ތާއީދުކުރައްވާނެ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ފައިސަލް ނަސީމް ވޯޓު އަޅުއްވަން ވަޑައިގަތީ ޖަމާލުއްދީން ސްކޫލްގައި ބަހައްޓާފައި ހުންނަ ވޯޓު ފޮއްޓަށެވެ. ވޯޓުއަޅައި ނިންމާލުމަށްފަހު ނޫސްވެރިންނާއި ބައްދަލުކޮށް ފައިސަލް ނަސީމް ވިދާޅުވީ ކޮންމެ ކެންޑިޑޭޓަކު އިންތިޚާބު ކާމިޔާބު ކުރިނަމަވެސް، ރައްޔިތުން ނިންމާ ނިންމުން ރަނގަޅުވާނެކަމަށާއި، ރައްޔިތުންގެ ނިންމެވުމަށް އެމަނިކުފާނުވެސް ތާއީދު ކުރައްވާނެ ކަމަށެވެ. އަދި އިންތިހާބުގެ ނަތީޖާއަކީ ރައްޔިތުންގެ ނިންމުން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

"އަޅުގަނޑަށް އެއިރުވެސް ގަބޫލު ކުރެވުނު އެއް ފަސް އަހަރަށް ހޮވޭ މީހަކީ، އެއީ އަނެއް ފަސް އަހަރަަށް ކޮންމެހެން ހޮވެން މަޖުބޫރެއްވެސް ނުވާކަން، ކޮންމެހެން ވާކަށްވެސް ނުޖެހޭކަން، ރައްޔިތުންގެ ނިންމުމަށް ކަން އެއީވެސް. ނުނީ އެ މީހާއަށް ފުރުސަތު ލިބުމާއި ނުލިބުން އެއީ އެއްވަރެއްގެ ކަމެއް ކަން." ފައިސަލް ވިދާޅުވިއެވެ.

ދިވެހި ރައްޔިތުން ގޮތެއް ނިންމަވައިފިނަމަ، އެގޮތެއް ބަލައިގަންނަންވާނެ ކަމަށާއި ކޮންމެ މީހަކުވެސް އިސްކުރަންޖެހޭނީ ޤައުމު ކަމަށް ފައިސަލް ނަސީމް ވިދާޅުވިއެވެ.

ނައިބު ރައީސް ވިދާޅުވީ ނިމިގެންމިދާ ފަސް އަހަރުގައި ރައްޔިތުންނަށް ޚިދުމަތްކޮށްދީފައި ވަނީ އަނެއް ފަސް އަހަރު ލިބޭނެކަަމަށް އުއްމީދުކޮށްގެން އެގޮތުގައި ނޫން ކަަމަށެެވެ. ނަމަވެސް ހުވާ ކުރި ދުވަހު ވައުދުވި ފަދައިން ރައްޔިތުންނަށް އަބަދުވެސް ވަފާތެރިކަމާއި ތެދުވެރިކަމާއި ގާބިލްކަން ހުރި އެންމެ މަތިން އެކަމަކާއއި ގުޅުން ހުރިހާ ކަމެއްގައި އެހީތެރިވެދީފައިވާނެ ކަމަށް ވިދާޅުވިއެވެ.

ނައިބު ރައީސް ފައިސަލް ނަސީމް ވޯޓުލެއްވުމަށް ފަހު ނޫސްވެރިންނާއި ވާހަކަދެއްކުން --- ވަގުތު އިމޭޖަސް: އަހުމަދު އިޒްމީމް

"އުއްމީދު ކުރަނީ އަޅުގަނޑަށް ކުރެވުނު މަސައްކަތުގެ ތެރެއިން ކޮންމެވެސް ރަނގަޅު ކަންތައްތަކެއް ކުރެވިއްޖެ ކަމަށް ރައްޔިތުނަށްޓަކައި، އެ އަޅުގަނޑު އެންމެ އުއްމީދު ކުރާ ގޮތް. އެންމެ އެދެވޭ ގޮތަށް އެންމެ ބޭނުންވާ ގޮތަށް އަބަދުވެސް ކަންތައްތައް އެއްވެސް މީހަކަށް އޮންނަނީ ނުވެފައި".

އެންމެ ބޭނުުންވާ ގޮތައް ނުވަތަ އެންމެ އެދެވޭ ގޮތައް އެއްވެސް މީހަކަށް އެއްވެސް ކަމެއް ނުވާނެ ކަމަށާއި، ކުރިން ހެދިފައިވާ ގޯހެއް ރަނގަޅުކުރުމަށް ފުރުސަތެއްވެސް ނުލިބޭކަމަށް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް ދިވެހި ގައުމަށްޓަކައި ރައްޔިތުންނަށް ހެޔޮ އެދޭ މޮޅު ގޮތް އެދޭ މީހެއްގެ ގޮތުގައި ހުންނާނެކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

ރައްޔިތުން ހިތްހަމަޖެހޭފަދަ ޚިދުމަތެއް ކޮށްދެވުނު ކަމަށް ނައިބު ރައީސް ވަނީ ވިދާޅުވެފައެވެ.

"އުއްމީދުކުރަނީ ރައްޔިތުންނަށްޓަކައި ރަގަޅު މަސައްކަތްތަކެއް ކުރެވިފައިވާކަމަށް." ފައިސަލް ނަސީމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޝޮޮލޮލިހު

    ފުރަތަމަ މިސޮރުވެސް ސޮލޯލި އަށް ވޯޓެއް ނުދޭނެ.