2015 ވަނަ އަހަރުގެ ޖޫން މަހުގެ ދެވަނަ ދުވަހު ފާސްކުރި ފެމިލީ ކޯޓުން ކުރާ ހުކުމްތައް ތަންފީޒުކުރުމާބެހޭ ގަވާއިދު އުވާލައި އައު ގަވާއިދަށް އަމަލު ކުރަން ފަށައިފި އެވެ.

އައު ގަވައިދުގައިވާ ގޮތުން ހިނގަމުންދާ މައްސަލައަކާ ގުޅިގެން ވަގުތީ އަމުރު ތަންފީޒުކުރުމާ ގުޅޭ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނީ އެ މައްސަލައެއް ބަދަލުމުންދާ ސެކްޝަނުންނެވެ. އަދި ކޯޓުން އިސްވެ ހުކުމް ތަންފީޒު ކުރާނީ އެއް ފަހަރުއެވެ.

އަދި ތަންފީޒު ނުކުރުމުގެ މައްސަލައެއް ބެލޭނީ ހުކުމާ އެއްގޮތަށް އަމަލުނުކޮށްގެން ހައްގު ލިބެންވާ ފަރާތުން އެ ހުކުމް ތަންފީޒުކޮށްދިނުން އެދި ވަކި މައްސަލައެއް ގޮތުގައި ހުށަހެޅުމުން ކަމަށްވެސް ގަވައިދުގައިވެ އެވެ.

ގަވާއިދުގައި ވާގޮތުން ކޯޓުން ކުރާ ހުކުމްތައް ރަޖިސްޓްރޭޝަން ސެކްޝަނަށް ލިބުމުން އޭގެ ތެރެއިން ކޯޓުގެ އިސްނެގުމުގެ މަތިން ތަންފީޒުކުރަންޖެހޭ ހުކުމްތައް ފާހަގަކޮށް އެފަދަ ހުކުމްތައް ތަންފީޒު ކުރަމުންދޭތޯ ސެކްޝަނުން ކަށަވަރު ކުރަންވާނެއެވެ.

އަދި ހުކުމާ އެއްގޮތަށް ކޯޓަށް ދައްކަންޖެހޭ ފައިސާ ދައްކާފައިވޭތޯ ބެލުމަށްޓަކައި ކޯޓުގެ ރަޖިސްޓްރޭޝަން ސެކްޝަނުން ކޯޓުގެ ފައިސާއާބެހޭ ސެކްޝަނަށް ފޮނުވަން ޖެހޭނެ ކަމަށްވެސް ގަވާއިދުގައިވެއެވެ.

ގަވާއިދުގެ ދަށުން ފައިސާ ނުދައްކައިގެން ބަންދުކޮށްފައިވާ މީހަކު ނުވަތަ އަރުވައިލެވިފައިވާ މީހަކު ދައްކަންޖެހޭ ފައިސާ ދައްކައިފި ނަމަ އެމީހަކު ބަންދުން ދޫކޮށްލުމަށް އެންގޭނެއެވެ. އަދި ފައިސާ ދައްކަންޖެހޭ ފަރާތާއި ފައިސާ ލިބެންވާ ފަރާތް އެއްބަސްވެއްޖެ ނަމަ ދެ ފަރާތް އެއްބަސްވި ގޮތަކަށް އަމަލުކުރަން އަންގާ މައްސަލަ ނިންމާލެވޭނެއެވެ.

އެ ގަވާއިދުގެ ދަށުން ކޯޓުގެ ހުކުމާ އެއްގޮތަށް އަމަލު ނުކުކޮށްފި ނަމަ ފުލުހުން މެދުވެރިކޮށް ހުކުމް ތަންފީޒު ކުރުމަށް އަމުރުކުމާއި ދިހަ ހާސް ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރުވެސް ކޯޓަށް ލިބިގެންވެ އެވެ.