ނިރުބަވެރި އިސްރާއީލުން ޣައްޒާގެ ރައްޔިތުންނާއި ދެކޮޅަށް ހިންގަމުން އަންނަ ގަތުލު އާންމު ހުއްޓުވަން އަވަސް ފިޔަވަޅުތަކެއް އަޅަން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ގޮވާލައިފިއެވެ.

ފޮރިން މިނިސްޓަރ އެފަދައިން ގޮވާލައްވާފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހާއްސަ މަންދޫބެއްގެ ހައިސިއްޔަތުން ސަޢުދީ ޢަރަބިއްޔާގެ ރިޔާދުގައި މިއަދު ފެށި ޖޮއިންޓް އަރަބް އިސްލާމިކް އެކްސްޓްރާ-އޯޑިނަރީ ސަމިޓުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން މިނިސްޓަރގެ ވާހަކަތައް ފެށުމުގެ ކުރިން މިނިސްޓަރ ވަނީ ޣައްޒާގައި ތިބި ހާލުގައި ޖެހިފައި ތިބި ތުއްތު ކުދިން އެގައުމުގެ މީޑިއާތަކާއި ހިއްސާ ކުރި ވާހަކަތަކެއް ހިއްސާކޮށްފައެވެ. އޭގެ ތެރޭގައި އެކުދިންނަށް ކޯބޯތަކެއްޗާއި ބޭސް ނުލިބުމާއި ކިޔުވެމުން މަހުރޫމްވެފައިވާކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

މި ސަމިޓުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ނިރުބަވެރިން ހިންގަމުން އަންނަ ގަތުލު އާންމު ބަލައިގެން ތިބެވޭކަށް ނެތް ކަމަށާއި އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރަން ޖެހޭ ކަމަށެވެ. އަދި ޣައްޒާއަށް ކާބޯތަކެއްޗާއި އެހެނިހެން ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ތަކެތި ވަންނަތޯ ބަލައި އެތަކެތި ނުވަންނަނަމަ އެތަކެތި ވެއްދެން ޖެހޭކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

ނިރުބަވެރިން ހިންގަމުން އަންނަ ގަތުލު އާންމަކީ ބައިނަލްއަގުވާމީ ޤާނޫނުތަކާއި ހިލާފު ކަމެއްކަން ފާހަގަކޮށް މި ސަމިޓުގައި މިނިސްޓަރ ވަނީ ގަތުލު އާންމު ހުއްޓުވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކޮށްދެއްވުމަށް ބައިނަލްއަގްވާމީ މުޖުތަމަޢުގެ ކިބައިން އެދިވަޑައިގެންފައެވެ.

ފަލަސްތީނާއި މުޅި މެދުއިރުމަތީގައި ދެމެހެއްޓެނިވި ސުލްހައާއި ހަމަޖެހުން ގާއިމުކުރުމުގެ މަގަކީ ފަލަސްތީނުގެ ސަރަހައްދީ ރޮނގު 1967ގެ ކުރީގައި އޮތްގޮތަށް، އިރުމަތީ ގުދުސްއަކީ ޕަލަސްތީނުގެ ވެރިރަށުގެ ގޮތުގައި ބަލައިގަނެ ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރުން ކަމުގައި ވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިސަމިޓް ނިންމާލާނީ ޣައްޒާއާއި އަލްޤުދުސް އަލް ޝަރީފް ހިމެނޭގޮތަށް އިޒްރޭލުން މުޅި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ އުދުވާނާ ބެހޭގޮތުން މަޝްވަރާކޮށް އެކުލަވާލާ އަރަބް އިސްލާމިކް އެކްސްޓްރާ އޯޑިނަރީ ސަމިޓްގެ ގުޅިފައިވާ ގަރާރާއެކުގައެވެ. މި ގަރާރަކީ އިޒްރޭލުގެ ޣައިރު ގާނޫނީ އަމަލުތައް ނިމުމަކަށް ގެނައުމަށާއި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ނިގުޅައިގަނެ ފަލަސްތީނުގެ ބިންތައް ހިފައިގެން އިޒްރޭލުން ހިންގާ އަމަލުތައް ކުށްވެރިކޮށް މެންބަރު ގައުމުތަކުން ދެކޭގޮތް ހާމަކޮށްދޭ ގުޅިފައިވާ ގަރާރެކެވެ.

ޖޮއިންޓް އަރަބް އިސްލާމިކް އެކްސްޓްރާ-އޯޑިނަރީ ސަމިޓަކީ އޯއައިސީގެ ކުރިން ރާވާފައިވާ އެކްސްޓްރާ އޯޑިނަރީ އިސްލާމިކް ސަމިޓާއި އެމަޖެންސީ އަރަބް ސަމިޓް އެއްކޮށްލައިގެން ސައުދީ އަރަބިއްޔާ އިން ބާއްވާ ސަމިޓެކެވެ. ޖުމްލަ 57 މެމްބަރު ގައުމު ހިމެނޭ އޯއައިސީ އަކީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި އަބަދުވެސް އަޑުއުފުލަމުން އަންނަ ޖަމިއްޔާ އެކެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޖަވާހިރު

    އަބްދުﷲ ޝާހިދު މިކަމަށް ހަމަ އެއްވަނަ، މައްސަލަޔަކީ އިންޑިޔާ އަތްދަށުވެފަވާތީ

    3
    1
  2. މައިފޯލިންޖަހާ ޖެހުން

    ދެއއޮޑީގަ ދެފައިފުޅު ބަހައްތައިގެން ހުރެ މުސާރަ ނަގަމުން ގޮސް ރާއްޖެ ފުންމާލީ ކެންޕޭނަށް ޖަގަހަތައް ހުޅުވަން ދާން މަޝްރުޫޢު ތަކަށް ހުރި ފައިސާ ކެންޕޭނަށް ބަހަން ހަވާލުވެ ބައެއް ކަޅާ ކޮށްލުމުގެ މަގު ފަހިކުރަން ބޭނުންވާތީ

  3. ޜައްޔިތުމީހާ

    ދައުރު ނިމުމުގެކުރިން ފާސްޓްކްލާހު ބުރެއް އަޅާލީ