ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު މަގާމުން ދުރުކުރުމަށް އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ކާމިޔާބުކޮށް، ރިޔާސަތުގައި ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް އިންނަވައިގެން މަޖިލީހުގެ މިއަދުގެ ޖަލްސާ ފަށައިފިއެވެ.

މިހާރު ކުރިއަށްދާ މަޖިލީހުގެ އެޖެންޑާގައި އޮތީ ރައީސް ނަޝީދު މަގާމުން ދުރުކުރުމަށް އެމްޑިޕީން ހުށަހެޅި ގަރާރަށް ބަހުސް ކުރުން އެކަންޏެވެ.

މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާ ވިދާޅުވީ، މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ސަލާމުގައި ހުންނެވުމުން މަޖިލީހުގެ ގަވައިދުގެ 44 ވަނަ މާއްދާގެ ދަށުން މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމަށް ކަނޑައަޅާފައިވާ ފަސް މެންބަރުންގެ ތެރެއިން ރިޔާސަތު ބަލަހައްޓަވާނީ އަފީފް ކަމަށެވެ.

މަޖިލީހުން މި ގަރާރަށް ބަހުސް ކުރިއަށް ގެންދަން ނިންމާފައިވަނީ ޖުމްލަ ބަހުސަށް ތިން ގަޑިއިރެވެ. އޭގެ ތެރެއިން ނަޝީދުއަށް 30 މިނެޓުގެ އިތުރުން ކޮންމެ މެމްބަރަކަށް ތިން މިނެޓެވެ.

ގިނަ ދުވަސްތަކެއް ވަންދެން ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެޖެންޑާ ކުރި ނަމަވެސް، މިއަދާއި ހަމައަށް ވެސް އެކަން އެމްޑީޕީއަށް ވަނީ ކާމިޔާބު ކުރެވޭ ގޮތެއް ނުވެފައެވެ. އެހެން ކަމުން އެކަމަށް ހައްލެއް ހޯދުމަށް އެމްޑީޕީން ސުޕްރީމް ކޯޓަށް އެމައްސަލަ ހުށަހެޅީ މިދިޔަ މަހުގެ 29 ވަނަ ދުވަހުއެވެ.

ސުޕްރީމް ކޯޓުން މިމަހުގެ 9 ވަނަ ދުވަހު ކުރި ހުކުމުގައި ބުނެފައިވަނީ މަޖިލީހުގެ ރައީސް ވަކިކުރުމުގެ ގަރާރު ހުށަހަޅަން ހަމަޖެހިފައިވާ ނުވަތަ ހުށަހެޅިފައިވާ ޖަލްސާގެ ރިޔާސަތު ބަލަހައްޓަން މަޖިލީހުގެ ނައިބު ރައީސް އުޒުރުވެރިވާ ހާލަތުގައި މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާ އިން މަޖިލީހުގެ ރައީސް އާއި މަޖިލީހުގެ ނައިބު ރައީސް ރިޔާސަތު ބެލެހެއްޓުމަށް އުޒުރުވެރިވެއްޖެ ހާލަތެއްގައި ރިޔާސަތު ބަލަހައްޓާނެ މެމްބަރުންގެ ގޮތުގައި ކަނޑައަޅާފައިވާ މެމްބަރުންގެ ތަރުތީބުން މަޖިލީހުގެ ރައީސްގެ ގަރާރުގެ މައްސަލަ ހުށަހެޅިފައިވާ ޖަލްސާ ކުރިއަށް ގެންދަންޖެހޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަފޫރު

    މިމައްސަލަ ގޯސްކުރަނީ އެނގިހުރެ އަމީންއާއްމް ނައުޝާކަންފާހަނގަވޭ

    7
    0