ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އިމްތިޔާޒަށް އަރައިގަނެފައިވާ ކަމަށް ބުނެ މިއަދުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވި ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފާއި ދެކޮޅަށް ސުލޫކު ކޮމެޓީއަށް މައްސަލަ ހުށަހަޅައިފިއެވެ.

މިއަދު މެންދުރު 12:00އަށް ތާވަލު ކުރި މިމައްސަލަ މިހާރު އަންނަނީ ކުރިއަށެވެ. މިމައްސަލަ ކުރިއަށް ގެންދިޔަ ނަމަވެސް އެމައްސަލަ ތާވަލު ކޮށްފައިވަނީ ކޮން މެމްބަރެއް ކަމެއް އަދި ސާފެއް ނުވެއެވެ.

ނަމަވެސް މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ކުރެއްވި ޓުވިޓެއްގައި ވަނީ އަފީފް، މަޖިލީހުގެ ރިޔާސަތުން 49 މެމްބަރުންގެ އިމްތިޔާޒަށް އަރައިގަނެފައިވާ ކަމަށާއި އެ މައްސަލަ ބަލައި ފިޔަވަޅު އަޅަންޖެހޭ ކަމަށް ވިދާޅުވެފައެވެ.

މަޖިލީހުގެ ޖަލްސާ ދެފަހަރެއްގެ މަތިން މިއަދު ބޭއްވި ނަމަވެސް ނަޝީރު މަގާމުން ވަކި ކުރެވޭނެ ގޮތެއް ނުވެއެވެ. އެގޮތުން ހެނދުނު 9 ގައި ޖަލްސާ ފެށުމާއި އެކީ އެމައްސަލަ ބޭރު ކޮށްލާފައިވަނީ ނިޒާމީ މައްސަލައެއް، ނަޝީދު ނިސްބަތްވެވަޑައިގަންނަވާ ޑިމޮކްރެޓްސްގެ ޕާލިއަމެންޓްރީ ލީޑަރު، އަލީ އާޒިމް ނެންގެވުމުން އެކަމާއި ބަހުސް ކުރައްވުމަށް ފަހުއެވެ.

އާޒިމް ފާހަގަ ކުރެއްވި ގޮތުގައި ގަވާއިދުގެ 167 ވަނަ މާއްދާގެ ދަށުން ގަރާރެއް ހުށަހަޅާނެ ގޮތް ބަޔާންކޮށްފައިވާއިރު، އޭގައިވާ ގޮތުގެ މަތިން ދީބާޖާއެއް ވެސް އިތުބާރު ނެތް ކަމުގެ ގަރާރުގައި ހުށަހަޅާފައެއް ނުވާކަމަށެވެ.

އެޤަރާރު ބޭރު ކޮށްފައިވާއިރު، މިއަދު 11:30 ގައި ބޭއްވި އީވާ ރިޔާސަތު ބެލެހެއްޓެވި ޖަލްސާގައި ވެސް އެމައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ ޖަލްސާ ނިންމާލައްވާފައެވެ.

އެގޮތުން އީވާ ވިދާޅުވީ، އެޤަރާރަކީ ހެނދުނު ބޭއްވި ޖަލްސާގައި ރިޔާސަތުން ބޭރުކޮށްލާފައިވާ ޤަރާރެއް ކަމަށެވެ. އެހެން ކަމުން އެ ޤަރާރުގެ މަސައްކަތް ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ އީވާ ވަނީ ޖަލްސާ ނިންމަވާލައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދަތިހާލުގައި އުޅޭ ބައްޕަ

    ސުލޫކީ ކޮމިޓީއަށް ހުށައެޅިޔަސް ވާނެ އެއްވެސް ކަމެއް ނޯންނާނެ.. ތިއީ އަމިއްލަ މުސާރަ އަމިއްލައަށް ކަނޑައަޅައި ، އަމިއްލަ އަޙްލާްޤީ މައްސަލަ އަމިއްލައަށް ބަލާ ، އަމިއްލަ އިމްތިޔާޒުތައް އަމިއްލައަށް ކަނޑައަޅައި ދައުލަތް ލޫޓުވައިގެން އުޅޭ ގުރޫޕެއް.

  2. ޟެން

    ރައްޔިތުންގެ ބައިތުލްމާލު ހުސްކުރާ ގުރޫޕް އަދި އެވެސް އެއް ކަމެއް ނުކޮށްދީ. ދުވަހުގެ ސަޔަށް ޖަލްސާ އޮންނަދުވަހަކަށް 400،000ރ އަރުވާލާ ޖަލްސާ ބައެއް ދުވަހު 2 މިނެޓްވެސް ނުވެ ނިންމާލާ، މުސާރައަށް 85،000ރ ކޮންމެ މީހަކަށާް ، ކޮމެޓީ މީޓިންއެއް އޮތިއްޔާ 20،000ރ މީހަކަށް ، ރައްޖޭން ބޭރުން ބޭސްފަރުވާ އެމީހެއްގެ އާއިލާއަށް ދަންދެން. އަދި ކޮބާ މުހިންމު ވޯޓެއް އޮތިއްޔާ މިލިއަނުން ރުފިޔާ ، އާއިލާ އެންމެނަށް ރާއްޖޭން ބޭރުން ބޭސްފަރުވާ، މާލެ ސަރަހައްދުގައި ފްލެޓެއް އަޅައިފިއްޔާ މިބައިގަނޑުގެ އާއިލާއާއި ރައްޓެހިންނަށް ދޭންޖެހެ .ބަލާވެރިކަމެއް ހުވާމީ. ކަލޭމެން އެންމެން އިސްތިއުފާ ދީފައި ގޭގަތިއްބުން ވެސް މިގައުމަށް މާރަނގަޅުވާނެ. ދައުލަތަށް ލިބޭ ނަފާގެ ފޮނި ބޮނީ މިބައިގަނޑާ އާއިލާތަށް ، އެކަމަކު ހުރިހާރައްޔުތުން ހަމަހަމަޔޭ ކިޔެއޭ އަދި. ނައްޓާނެ އިނގެއްޖެ.