ކައިވެންޏާ ގުޅޭ ފޯމުތައް އޮންލައިންކޮށް ހުށަހެޅޭ ޕޯޓަލްއެއް މިއަދު އިފްތިތާހުކޮށްފިއެވެ.

"ކައިވެނި ޕޯޓަލް" އިފްތިތާހު ކުރުމަށް ބޭއްވި ޖަލްސާގައި އެ ޕޯޓަލް ލޯންޗުކޮށް ދެއްވީ ރާއްޖޭގެ އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނެވެ. މި ޕޯޓަލްއަކީ ކައިވެންޏާ ގުޅުން ހުރި ކަންކަން ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި އާންމުންނަށް ފަސޭހަ ކުރުމުގެ މަގްސަދުގައި ޑިވެލޮޕްކޮށްފައިވާ ޕޯޓަލްއެކެވެ.

މި ޕޯޓަލްގެ ފޭސް އެކެއް މިއަދު ލޯންޗު ކުރިއިރު، މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާ ކައިވެންނާ ގުޅުން ހުރި ފޯމްތައް ޕޯޓަލް މެދުވެރިކޮށް ހުޅުވާލެވޭނެއެވެ. އަދި ޕޯޓަލްގެ ތެރެއިން ކުރިއަށް އޮތް ތަނުގައި ފެމިލީ ކޯޓުގެ ހިދުމަތްތަކަށް ވެސް ފޯމް ހުށަހެޅޭނެއެވެ.

މި ޕޯޓަލް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓާ އައިޝަތު ރިޒްނާ ދެއްކެވި ވާހަކައިގައި ކޯޓުތަކަށް ހުށާހެޅޭ ކައިވެނި ފޯމްތަކުގެ ތެރެއިން %60 އަކީ މެޖިސްޓްރޭޓް ކޯޓުތަކަށް ހުށަހެޅޭ ފޯމްތައް ކަމަށް ވިދާޅުވިއެވެ. އަދި ކޮންމެ ރަށެއްގައި ހުރި ނަމަވެސް ކައިވެނި ކުރަން ބޭނުން ކޮންމެ މެޖިސްޓްރޭޓް ކޯޓަކަށް މި ޕޯޓަލް މެދުވެރިކޮށް ފޯމް ހުށަހެޅޭނެ ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.

ރިޒްނާ ވިދާޅުވީ މި ޕޯޓަލްގެ ޒަރިއްޔާ އިން ކޯޓުތަކުން ދޭ ހިދުމަތްތަކާއި އެ ހިދުމަތްތައް ހޯދާ ފަރާތްތަކަށް ލުއި ފަސޭހަތަކެއް ވެގެންދާނެ ކަމަށެވެ.

ޑީޖޭއޭއިން ޔޫއެންޑީޕީ އާއި ބްރިޓިޝް ހައި ކޮމިޝަނާ ގުޅިގެން ފަރުމާކުރި ޕޯޓަލްއެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ގާސިމް

    އަޅުގަނޑުމެނަށް ފަސޭހަ ވާނީ މާލެ އޭރިޔާގަ އުޅޭމީހުންނަށް ވެސް އޮންލައިންކޮށް ފެމިލީ ކޯޓަށް ފޯމު ހުށަހެޅޭ ގޮތެއް ވުމުން. މެޖިސްޓްރޭޓް ކޯޓުތައް ޓެކްނޮލޮޖީގަ މާކުރީގަ އުޅޭކަން ފާހަގަކުރަން.

  2. Anonymous

    މީގެ 5 އަހަރުކުރިންވެސް ހަމަ އޮންލައިންކޮށް ކައިވެނި ފޯމުވެސް މައްސަލަތަކުގެ ފޯމުވެސް ހުށަހެޅޭ. ކޯޓުތަކުން ބަލައިވެސް ގެންފަހުރީ.