ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރުންނަށް ބެލޭނީ 16 އަހަރުން ދަށުގެ ކުދިން ކަމަށް ހެލެތް މިނިސްޓްރީން ކަނޑައަޅައިފިއެވެ.

އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވިދާޅުވީ ސިއްހީ ހިދުމަތްދޭ ތަންތަނުގައި ހިދުމަތް ދިނުމުގައި ގެންގުޅޭ އުސޫލްތައް އެއްގޮތް ކުރެވިފައި އޮތުމަކީ މުހިއްމުކަމެއް ކަމަށާއި މިގޮތުން އާންމު އުސޫލެއްގެގޮތުން ކުޑަކުދިންގެ ހާއްސަ ޑޮކްޓަރުން ބެއްލެވުމާއި، ފަރުވާ ދެއްވުމަށް ވަކި އުމުރުފުރާއެއް މިނިސްޓްރީން ކަނޑައަޅާފައިވާ ކަމަށެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރުންނަށް ބެލޭނެ އުމުރުފުރާއަކީ 16 އަހަރުން ދަށުގެ ކުދިން ކަމަށް ވަނީ ކަނޑައަޅައިފައެވެ.

އެ މިނިސްޓްރީން ބުނީ މިގޮތަށް ކަނޑައެޅިފައި އޮތްނަމަވެސް ކުޑަކުދިންގެ ހާއްސަ ޑޮކްޓަރުން، އެ ޑޮކްޓަރެއްގެ ކޮންޕިޓެންސީ، ސްކޯޕް އޮފް ޕްރެކްޓިސް އަދި ކޯޑް އޮފް ކޮންޑަކްޓްއާއި ހިލާފު ނުވާ ގޮތުގެމަތިން 16 އަހަރުން މަތީ އުމުރުފުރާގެ ކުދިން/މީހުން ބެއްލެވުމަށާއި، ފަރުވާ ދެއްވުމަކަށް ހުރަހެއްނެތެވެ.

އަދި އެހެނިހެން ސްޕެޝަލިޓީ/ސަބްސްޕެޝަލިޓީ ދާއިރާތަކުން ތަމްރީނު ލިބިވަޑައިގެން ތިއްބެވި ސްޕެޝަލިޓް ޑޮކްޓަރުންނަކީ އެ ދާއިރާއަކުން ކުޑަކުދިންނަށް ހާއްސަ ޑޮކްޓަރުން ކަމުގައި ނުވިނަމަވެސް އެ ޑޮކްޓަރެއްގެ ކޮންޕިޓެންސީ، ސްކޯޕް އޮފް ޕްރެކްޓިސް އަދި ކޯޑް އޮފް ކޮންޑަކްޓްއާއި ޚިލާފު ނުވާ ގޮތުގެ މަތިން 16 އަހަރުން ދަށުގެ ކުދިން ބައްލަވާ، އެކުދިންނަށް ފަރުވާ ދެވިދާނެ ކަމަށް ބުނެފައި ވެއެވެ.

އެހެންކަމުން ހުރިހާ ހޮސްޕިޓަލް ތަކުންވެސް ސިއްހީ ހިދުމަތް ދިނުމުގައި މިގޮތަށް އަމަލު ކުރަމުން ގެންދިއުމަަށް އަންގާފައި ވެއެވެ.