މިދައުރުގައި މަޖިލީހަށް ހުށަހެޅި އެންމެ ގިނަ ސޮޔާއެކު އިސްރާއީލު ރަށްވެހިން ރާއްޖެ އެތެރެވުން ހުއްޓުވުމަށް ޕެޓިޝަން މިއަދު ހުށަހަޅައިފިއެވެ.

މި ޕެޓިޝަން ހުށަހަޅާފައި ވަނީ "ރައިޓް މޫވްމަންޓުން" އިސްނަގައިގެން ގިނަ އަދަދެއްގެ ޖަމިޔާތަކާއި ކްލަބްތައް ގުޅިގެންނެވެ.

މި ޕެޓިޝަން މަޖިލީސް އިން ބަލައިގަތީ ރައްޔިތުންގެ މަޖިލިހުގެ މައްޗަންގޯޅި ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ހައިތަމްއެވެ.

މި ޕެޓިޝަން ހުށަހެޅުމަށްފަހު މިހާރު މަޖިލީސް ކުރާ ގޭ ދޮށުގައި ދަނީ ޒުވާނުން ފަލަސްތީނުގެ ހައްގުގައި އަޑު އުފުލަމުންނެވެ. އަދި އެ ސަރަހައްދުގައި ތިބި ގިނަބަޔަކު މަޖިލީސް މެންބަރުންނާއި ބައްްދަަލުކޮށް ވާހަކަދައްކަމުންދާއިރު، އިސްރާއީލާއި ދެކޮޅަށް ދަނީ އަޑު އުފުލަމުންނެވެ.

އިސްރާއީލު ރަށްވެހިން ރާއްޖެ އެތެރެވުން ހުއްޓުވަން ގޮވާލާ ކުރަމުންދާ މުޒާހަރާ - ވަގުތު އިމޭޖްސް: އަހްމަދު ނަހްޒާން

ރައިޓް މޫވްމަންޓުންއިން މައުލޫމާތުދޭގޮތުގައި މި ޕެޓިޝަނަކީ އިސްރާއީލުގެ ހައްދުފަހަނަ އަޅާފައިވާ ޔަހޫދީ ސަރުކާރުން ފަލަސްތީނު ނައްތާލުމަށް ކުރަމުންގެންދާ ލާއިންސާނީ އަމަލުތަކާއި ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް ހިންގަމުންގެންދާ ލާއިންސާނީ އަމަލުތަކާއި ދެކޮޅަށް ދިވެހިން ތިބިކަން ހާމަކުރުމުގެ ގޮތުން އިސްރާއީލުގެ ރަށްވެހިން ރާއްޖެ އެތެރެކުރުން ހުއްޓުވުމަށް އެދި ހުށަހަޅާފައިވާ ޕެޓިޝަނެކެވެ.

މަޖިލީހަށް މިއަދު ހުށަހެޅި ޕެޓިޝަންގައި 1،000 މީހުން ސޮއިކޮށްފައި ވެއެވެ. މި ޕެޓިޝަންގައި ސޮއިކުރުން އަދިވެސް ކުރިއަށް ދާނެއިރު، ޑިސެމްބަރު މަހުގެ 15 އާއި ހަމައަށް ސޮއިކުރުން ކުރިއަށް ދާނެއެވެ. އޭގެ ފަހުން ލިބޭ ހުރިހާ ސޮޔަކާއެކު ރައީސުލް ޖުމްހޫރިއްޔާއަށް ޕެޓިޝަން ހުށަހެޅުމަށް ރައިޓް މޫވްމަންޓުން ވަނީ ނިންމާފައެވެ.