އަރބަންކޯގެ މުވައްޒަފުންގެ ފަރާތުން ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ފަންޑް ރައިޒިންގް އިވެންޓެއް މިއަދު ރުއްގަނޑު ދޭއްގައި ކުރިއަށް ގެންދަން ނިންމައިފިއެވެ.

އިސްރާއީލުގެ ނިރުބަވެރިން އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި އެތައް ހާސް ބަޔަކު ވަނީ ޝަހީދުވެފައެވެ. އެގޮތުން މިހާތަނަށް 15،000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ.

އަރބަންކޯއިން ބުނީ ފަލަސްތީނަށް އެހީވުމަށް މިއަދު ފަށާ އިވެންޓް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދެ ދަންފަޅިއަކަށް ބަހާލައިގެން ކަމަށެވެ. އެއީ ހަވީރު 4:00-6:00 އަށް އަދި ރޭގަނޑު 8:00- 10:00 އަށެވެ.

މި އިވެންޓްގައި ފަންޑރައިޒް ކުރުމުގެ އިތުރުން ފަލަސްތީނުގެ ހާލަތާއިމެދު ހޭލުންތެރިކުރުމަށް މައުލޫމާތު ދެވިގެންދާނެ ކަމަށާއި އަދި މަޢްރިބް ނަމާދުގެ ކުރިން ފަލަސްތީނުގެ ރައްޔިތުންނަށް ހާއްސަ ދުޢާއެއް ކުރެވިގެންދާނެ ކަމަށް އަރބަންކޯއިން ބުނެފައި ވެއެވެ.

މި އިވެންޓް ނިންމާލަމުން އައިއޭސީ އަށް ޗެކް ހަވާލުކުރެވިގެންދާނެއެވެ.

އެހެންކަމުން އަރބަންކޯއިން ވަނީ ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ ރައްޔިތުންންސް އެހީވުމަށްޓަކައި ވީހާ ވެސް ގިނަ ފަރާތުން މި އިވެންޓްގައި ބައިވެރިވުމަށް އެދިފައެވެ.