ޕީޕީއެމް-ޕީއެންސީގެ ޓިކެޓުގައި މާލެ ސިޓީގެ މޭޔަރު ކަމަށާއި ކައުންސިލްގައި ހުސްވެފައިވާ ގޮނޑިތަކަށް ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މާލޭގެ މޭޔަރު ކަމުގެ މަގާމު ހުސްވެފައިވަނީ އެ މަގާމުގައި ހުންނެވި، ރައީސް، ޑރ. މުހައްމަދު މުއިއްޒު ރައީސް ކަމުގެ ހުވާ ކުރެއްވުމާއި ގުޅިގެންނެވެ. އަދި އެ ކައުންސިލްގެ އެހެން ގޮނޑިތައް ހުސްވެފައިވަނީ، އެމަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން ސަރުކާރު މަގާމުތަކަށް އައްޔަން ކުރުމާއި ގުޅިގެންނެވެ.

ޕީޕީއެމް/ޕީއެންސީން ނެރުނު ބަޔާނެއްގައި ބުނީ، ކޯލިޝަންގެ ފަރާތުން ގޮނޑިތަކަށް ކުރިމަތިލުމަށް އެދޭ ފަރާތްތަށް މި މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް ފުރުސަތު އޮންނާނެ ކަމަށާއި އެފަރާތްތަކަށް ބާއްވާ ޕްރައިމަރީ އޮންނަނީ މި މަހުގެ 9 ގައި ކަމަށެވެ.

ޕްރައިމަރީގައި ވޯޓު ލެވޭނީ މިއަދުގެ ނިޔަލަށް ޕީޕީއެމް ނުވަތަ ޕީއެންސީގެ މެމްބަރެއްގެ ގޮތުގައި ރަޖިސްޓްރީވެފައިވާ މެމްބަރުންނަށް އެކަންޏެވެ.

މާލޭގެ މޭޔަރު ކަމުގެ ގޮނޑި އަށް މިހާތަނަށް އައިއިރު ޝައުގުވެރިކަން ފާޅު ކުރެއްވެވީ ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފާއި ދަ ޑިމޮކްރެޓްސްގެ ފަރާތުން ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ސައިފް ފާތިހާއި ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝުކޫރާއި ކުރީގެ ޕޮލިސް ކޮމީޝަނަރު ހުސެއިން ވަހީދެވެ. އާޒިމާ ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާނެ ކަމަށް ބެލެވޭއިރު، ހުސެއިން ވަހީދު ވާދަކުރެއްވުމަށް ހަމަޖެހިފައި ވަނީ ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ޓިކެޓުގައެވެ. މަހްލޫފް ވާދަކުރައްވާނެ ކަމަށް ބެލެވެނީ އެމްޑީޕީގެ ޓިކެޓުގައެވެ.

މޭޔަރާއި ތިން ކައުންސިލަރުން ހޮވުމަށް ބާއްވާ އިންތިހާބު އޮންނާނީ އަންނަ ޖެނުއަރީ 13 ގައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަޖައިބެއް

    އާޒިމާ ކަމަކުނުދޭ. މާލެއަށް ބޭނުމީ ޓެކްނިކަލް މީހެއް. އާޒިމާއަކީ މާލޭމީހުންނަށް ގޯތިދޭން ނުޖެހޭކަމަށް ބުނިމީހެއް. މާލެމީހުން ނުދޭނެ ވޯޓެއް.

    4
    2
  2. ÷ޕިއޯ ރަސީދު

    މާލޭ މޭޔަރުކަމަށް އައްނި ރަނގަޅުވާނެ

    2
    1
  3. ފާތުމަ

    އާޒިމާ އަކީ އަވަށު އޮފީހުގަވެސް މަސައްކަތް ކުރައްވާފައިވާ ހީވާގި ތައުލީމީ ޤާބިލް ކަނބަލެއް. މާފަންނުން ރަގަޅު އަދަދަކަށް ވޯޓްލިބޭނެ. ޢިން ޝާ ﷲ ކާމިޔާބުވާނެ.

    1
    2