ހިމަބިހި އަދި ރުބެއްލާއިން ރައްކާތެރިކުރުމުގެ ގޮތުން މީސްލްސް ވެކްސިން ދިނުމުގެ ޤައުމީ ކެމްޕޭނެއް މިއަދު ހދ. ކުޅުދުއްފުށީގައި ފަށައިފިއެވެ.

މި ކެމްޕޭން ލޯންޗްކޮށްދެއްވީ ޞިއްޙީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަލްފާޟިލް އަޙްމަދު ޤާސިމްއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ، ހިމަބިއްސަކީ ވަރަށް ހަލުވިކަމާއެކު ފެތުރޭ ބައްޔަކަށްވުމާއެކު، ބަލީގެ ކޭސްތައް ފެނުން މަދުކުރުމަށްޓަކައި މުޅި މުޖްތަމައުގެ ވެކްސިން ކަވަރޭޖް ވަރަށް މަތީގައި ހިފަހައްޓަންޖެހޭ ކަމަށެވެ. އެހެންކަމުން، މިއަދު މިފެށުނު ކެމްޕޭނުގެ އަމާޒަކީ 18 އަހަރާއި 49 އަހަރާއި ދެމެދުގެ މީހުންގެ (ދިވެހިންނާއި ބިދޭސީން) ތެރެއިން މީސްލްސް ވެކްސިންގެ 2 ޑޯޒް ފުރިހަމަ ނުވާ ފަރާތްތަކަށް ވެކްސިން ދިނުން ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

އަދި މީގެ އިތުރުން ޞިއްޙީ ޚިދުމަތްތެރިންގެ ތެރެއިން މީސްލްސް ވެކްސިންގެ 2 ޑޯޒް ފުރިހަމަ ނުވާ ފަރާތްތަކަށް ވެސް މި ކެމްޕޭންގެ ތެރެއިން ވެކްސިން ދިނުމަށްވަނީ ހަމަޖެހިފައިވާ ކަމަށާއި މިއަދު ފެށުނު ކެމްޕެއިންއާއިއެކު، ކުރިއަށް އޮތް ދެހަފްތާ ތެރޭގައި ރާއްޖޭގެ އެކި ހިސާބުތަކުގައި ވެކްސިން ޖެހުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

ދިވެހިރާއްޖޭގައި އެމްއާރު ވެކްސިން ތަޢާރަފް ކޮށްފައިވަނީ 1983 ވަނަ އަހަރުގައެވެ. އަދި މިހާރުގެ ޤައުމީ ވެކްސިން ތާވަލުގައި ފުރަތަމަ ޑޯޒް އުމުރުން 9 މަހުގެ ކުދިންނަށް އަދި ދެވަނަ ޑޯޒް އުމުރުން 18 މަހުގެ ކުދިންނަށް ދެވެމުންދެއެވެ. ވޭތުވެދިޔަ އަހަރުތަކުގައި މިސްލްސް ރުބެއްލާ ވެކްސިން ކަވަރޭޖް ވަނީ 95 އިންސައްތައަށް ވުރެން މަތީގައި ހިފެހެއްޓިފައެވެ

މީގެ ނަތީޖާއެއްގެ ގޮތުން، 2017 ވަނަ އަހަރު ދިވެހިރާއްޖެއަކީ ހިމަބިހި ނައްތާލެވިފައިވާ ޤައުމެއްގެ ގޮތުގައި އަދި 2020 ވަނަ އަހަރު ރުބެއްލާ ނައްތާލެފައިވާކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ވަނީ ކަނޑައަޅާފައެވެ.