އިޤްތިޞާދީ ގޮތުންނާއި އަސްކަރީ ގޮތުން އަރަމުން އަންނަ ދުނިޔޭގެ ބޮޑު ބާރު ޗައިނާ އިން ދެކުނު އެމެރިކާ ބައްރުގައި އެމީހުންގެ ބާރާއި ނުފޫޒު އިތުރުކުރުމުގެ ސިލްސިލާގެ ދަށުން ކޮލަމްބިއާ އާއި އެކު އަސްކަރީ ގުޅުންތައް ވަރުގަދަ ކުރަން ފަށައިފިއެވެ.

މި ގުޅުންތައް ވަރުގަދަ ކުރަން ފެށިފައި މިވަނީ ދެކުނު އެމެރިކާ ބައްރުގެ އެހެން ގައުމެއް ކަމަށްވާ އާޖެންޓީނާ އާއި އެކު ޗައިނާ އިން ހަދާފައިވާ އަސްކަރީ އެއްބަސްވުމެއް ބާތިލް ކުރިތާ ދުވަސްކޮޅެއް ފަހުންނެވެ.

އާޖެންޓީނާ އާއި ޗައިނާ އިން ވަނީ ޗައިނާގެ އެންމެ ފަހުގެ ޒަމާނީ ފައިޓަރ ޖެޓެއް ކަމަށްވާ ޖޭއެފް-17 ގަތުމަށް އެއްބަސްވުމަކަށް އައިސްފައެވެ. ނަމަވެސް މި އެއްބަސްވުން ބާތިލްކުރަން އާޖެންޓީނާއަށް މަޖުބޫރުވީ އެމެރިކާގެ ފިއްތުންތަކާއި ހެދިއެވެ.

ދެކުނު އެމެރިކާ ބައްރުގައި ޗައިނާގެ ފިޔަވަޅު ވަރުގަދަ ކުރުމަކީ އެމެރިކާގެ ނުފޫޒު އެ ބައްރުގައި ކުޑަވެ، އެ ގައުމުގެ ސަލާމަތަށް ހުރި ނުރައްކަލެއްގެ ގޮތުގައި އެމެރިކާ އިން ދެކެއެވެ. މީވާ މިކަން ވިޔަނުދޭން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކޮށް، އެޅެން ހުރި ހުރިހާ ފިޔަވަޅެއް އެމެރިކާ އިން އަޅާނެ ކަމަށް ދުނިޔޭގެ ސިޔާސީ އަދި އަސްކަރީ މަސްރަހު ދިރާސާ ކުރައްވާ މުފައްކިރުން ވިދާޅުވެއެވެ.

ކޮލަމްބިއާ އާއި އެކީ ޗައިނާ އިން މިފަހަރު ހަދާފައިވަނީ ޗައިނާގެ އެންމެ ފަހުގެ އަދި އެންމެ ހަލުވި އަސްކަރީ ޓޭންކު ކަމަށްވާ "ޓޭންކް 3000 ވީޓީ - 4 " ގަތުމުގެ އެއްބަސްވުމެކެވެ. މިއީ ހަލުވި ދުވެއްޔެއް ލިބިގެންވާ، އަދި ދަތި އުނދަގޫ މަގުތަކުގައި ވެސް ދަތުރު ކުރެވޭނެ ގާބިލްކަން ލިބިފައިވާ ޓޭންކަރުތަކެއް ކަމަށް ޗައިނާ އިން ބުނެއެވެ. ކޮލަމްބިއާ އިން ގަންނަން އޯޑަރު ކުރި ޓޭންކަރު ތަކުގެ އަދަދު މިއިން އެއްވެސް ގައުމަކުން ހާމަކޮށްފައެއް ނުވެއެވެ.

ކޮރޯނާ ވައިރަހުގެ އާލަމީ ބަލިމަޑުކަމުގެ ތެރޭގައި އެމެރިކާ އިން އެހީ ނުވުމުގެ ސަބަބުން ކޮލަމްބިއާ އިން ވަނީ ޗައިނާގެ އެހީތެރިކަމާއި މަދަދަށް އެދިފައެވެ. އަދި ޗައިނާ އިން ވަނީ މި އެދުމަށް އަވަސް އިޖާބައެއްދީ ކޮލަމްބިއާ އަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން އެންމެ ފުރަތަމަ ކޮލަމްބިއާ އަށް ވެކްސިން ވެސް ފޯރުކޮށްދިނީ ޗައިނާ އިންނެވެ. އަދި މި އާލަމީ ވަބާގެ ސަބަބުން ހީނަރުވެފައިވާ ކޮލަމްބިއާގެ އިޤްތިޞާދު ހަމަ މަގަށް އަޅުވާ ކޮޅަށް ޖަހައިދިނުމުގައިވެސް ޗައިނާ އިން ވަނީ ވަރަށް ބޮޑު އެހީތެެރިކަމެއް ފޯރު ކޮށްދީފައެވެ.