އިސްރާއީލުން ޣައްޒާގައި ހިންގަނީ ނަސްލު ނައްތާލުމުގެ ގަތުލު އާންމެއް ކަމަށް ބުނެ އިސްރާއީލުގެ އަމަލުތައް ދެވަނަ ބޮޑު ހަނގުރާމައިގައި އެޑޮލްފް ހިޓްލަރު ޔަހޫދީންނާއި ދެކޮޅަށް ހިންގި ގަތުލު އާންމު(ހޮލޮކޯސްޓް) އާއި އެއްގޮތް ކުރައްވާ ބްރެޒިލްގެ ރައީސް ލުއިޒް އިނާސިއޯ ލޫލާ ޑަ ސިލްވާ ދެއްކެވި ވާހަކަފުޅަށް ބޮލީވިއާ އަދި ކޮލަމްބިއާ އިން ތާއީދު ކޮށްފިއެވެ.

ލޫލާ ދެއްކެވި ވާހަކަފުޅުގެ ސަބަބުން އިސްރާއީލުގެ ނުރުހުން އަމާޒުވުމުން ކޮލަމްބިއާގެ ރައީސް ގުސްތާވާ ޕެޓްރޯ އަދި ބޮލީވިއާގެ ރައީސް ލުއިސް އާސޭ ވަނީ ލޫލާ އާއި އެކުގައި ތިއްބެވި ކަން ހާމަ ކުރައްވާފައެވެ.

”ޣައްޒާގައި ހިންގަމުންދަނީ ނަސްލު ނައްތާލުމުގެ ގަތުލުއާންމެއް، އަދި ފިނޑިކަމާއި އެކު އާންމުންގެ އެތައް ހާސް ކުޑަކުދިންނާއި، އަންހެނުންނާއި، މުސްކުޅިން މަރަމުން އެގެންދަނީ.” ޕެޓްރޯ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވެއެވެ.

”ލޫލާ އެ ވަނީ ތެދަށް ވާހަކަ ދައްކަވާފައި، އަދި ތެދު ދިފާއު ކުރަން ޖެހޭނެ އެހެންނޫނީ ޖާހިލުކަން އަހަރެމެން ނެތިކޮށްލާނެ. ފަލަސްތީނުގައި ހިންގަމުންދާ އަނިޔާވެރިކަން މިހާރުން މިހާރަށް ހުއްޓުމަށް މުޅި ސަރަހައްދު އެކަތިގަނޑަކަށް ވާން ޖެހޭ.” ޕެޓްރޯ ވިދާޅުވެފައި ވެއެވެ.

ލޫލާ އާއި އެކުގައި ހުންނެވިކަން އާސޭ ވެސް ވަނީ މީސްމީޑިއާގައި ހާމަކުރައްވާފައެވެ.

”މި ޖާހިލުކަމާއި ދެކޮޅު ނުހަދާ ބަޔަކަށް ތާރީހު މާފެއް ނުކުރާނެ.” އާސޭ ވިދާޅުވިއެވެ. އަދި “ހިތްވަރުގަދަ ފަލަސްތީނުގެ ރައްޔިތުންނާއި” ދެކޮޅަށް ހިންގޭ ނަސްލު ނައްތާލުމުގެ ގަތުލުއާންމާއި ގުޅިގެން ބްރެޒިލްގެ ރައީސް ވިދާޅުވީ ތެދުފުޅު ކަމަށް އާސޭ ވިދާޅުވެފައި ވެއެވެ.

ލޫލާ ދެއްކެވި ވާހަކަތައް އަނބުރާ ނުގެންދަވަނީވެސް ލޫލާ އަށް އިސްރާއީލަށް އައުމަށް މަރުހަބާ ނުކިޔާނެ ކަމަށް އިސްރާއީލުގެ ހާރިޖީ ވަޒީރު އިސްރާއީލް ކަޓްޒް ވަނީ ބުނެފައެވެ. “ތާރީހު ދަސްކޮށް މާފަށް އެދެން އަދި މާ ލަހެއް ނުވޭ.” އޭނާ ބުނެފައި ވެއެވެ.

އޭގެ ރައްދުގައި ބްރެޒިލްގެ ފޮރިން މިނިސްޓަރު މައުރޯ ވިއެއިރާ ވަނީ އެވާހަކަތައް ބަލައިނުގަނެވޭނެ ކަމަށް ވިދާޅުވެފައެވެ. އޭނާ ވިދާޅުވެފައިވަނީ ފޮރިން މިނިސްޓަރަކު އެކުވެރި ގައުމެއްގެ ވެރިޔަކާއި މުހާތަބު ކޮށް އެފަދައިން ވާހަކަ ދެއްކުމަކީ ވަރަށް އާދަޔާހިލާފު ކަމެއް ކަމަށާއި އެއީ “އިސްރާއީލުގެ ޑިޕްލޮމެސީގެ ތާރީހުގެ ލަދުވެތި ސޮފްހާއެއް“ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ސ

    މުސްލިމުންނަށް މިވަރުވެސް ކޮށްލަން ނުކެރޭތީ ހިތާމަ ކުރަން

    18
    • މުސްލިމުން

      މުސްލިމުންވެސް ދުނިޔޭގެ ކޯޓުގައިވަކާލާތު ކުރަނީ ފަލަސްތީނާ އެއްކޮޅަށް. ކާފާރުން އެއްޗެއް ބުނާއިރަށް އެތަން ފެންނަނީ. އަބަދު މުސްލިމު ވެރިންނަށް އެއްޗެހި ކިޔުމަކީ މުސްލިމުންގެ ހަލާާކާކީ. ޝައިޠާނާއަށް ވާގިވެރި ނުވުމަށް ނަސޭހަތްދެން

  2. ޝުކުރިޔާ

    ލޫލާއައް ދުވަހަކު އިސްރާއީލްގެ ޔަހޫދީން މަރުހަބާނުކިޔަސް ލޫލާއެދެއްކީ ތެދުވާހަކައެއް ލޫލާއަށާ އަނެއްދެ ރައީސުންނައް މަރުޙަބާއާއި ޝުރިއްޔާ

  3. ޔަހޫދީއަރަބިން

    ޢަރަބިންނަށް ކުރާ އިޙްތިރާމް ހުއްޓާލާ. އިރާގް،ޔަމަން ސީރިޔާ،ލީބިޔާ،އިރާން،ލުބްނާން ފިޔަވާ ދެންތިބީ ހުސް ޔަހޫދީ އާއިލީވެރިކަން. ޢެމެރިކާއިން އަރާ ވެރިކަން ހަވާލުކުރި ގައުމުތަކެއް ދެންތިބީ