އިސްރާއީލް އޮތީ ފަލަސްތީނުގެ ރަފާހު ހިމެނޭހެން ހަނގުރާމަ ކުރުމުގައި ދެމިއޮންނަން ކަމަށް އިސްރާއީލުގެ ހަނގުރާންމަތީ ކެބިނެޓް މިނިސްޓަރ، ބެނީ ގެންޓްޒް ބުނެފިއެވެ.

އޭނާ މިހެން ބުނެފައިވަނީ އިސްރާއީލުން ރަފާހަށް ދެމުން އަންނަ ހަމަލާތަކާއި ދެކޮޅަށް ދެކުނު އެފްރިކާއިން ދުނިޔޭގެ ކޯޓަށް ހުށަހެޅި މައްސަލައިގައި އިސްރާއީލުން ރަފާހަށް ދޭ ހަމަލާތައް ވަގުތުން ހުއްޓާލުމަަށް އެކޯޓުން އަމުރު ކުރުމާއި ގުޅިގެންނެވެ.

އެކަމާއި ގުޅިގެން އޭނާ ބުނެފައިވަނީ އިސްރާއީލުން ކުރަމުން އަންނަ މަސައްކަތަކީ އެގައުމުގެ ރައްޔިތުންނަށް ދެމުން އަންނަ އަނިޔާތަކާއި، އެމީހުން ރަހީނުކޮށް، ކުރަމުން އަންނަ ޖިންސީ ގޯނާއާއި ދެކޮޅަށް ކުރަމުން އަންނަ މަސައްކަތެއް ކަމަށެވެ. އަދި އެކަން ކުރިއަށް ގެންދާނެ ކަމަށް ވަނީ ބުނެފައެވެ.

"އިސްރާއީލުން ދެމި އޮންނާނީ ހަނގުރާމަކޮށް، ހައްޔަރުގައި ތިބި މީހުން ސަލާމަތްކުރުމުގައި. އެއީ ކޮންމެ ތަނަކު ކޮންމެ ގޮތަކަށް ވިއަސް، ރަފާހު ވެސް ހިމަނައިގެން" އޭނާ ބުންޏެވެ.

ދުނިޔޭގެ ކޯޓުން ކުރި އަމުރުގައި ބުނެފައިވަނީ ރަފާހުގެ ހާލަތު ވަރަށް ގޯސްވެފައިވާ ކަމަށާއި އިސްރާއީލުން ރަފާހުގެ އިތުރުން ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދޭ ކަމުގެ ހެއްކެއް ވެސް ނެތް ކަމަށެވެ. އަދި ރަފާހުގެ މީހުން ބޭރު ކުރުމަށް ކުރަމުން އަންނަ މަސައްކަތަކީ އެކަށީގެންވާ ކަމެއް ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ވެސް ވަނީ ބުނެފައެވެ