ނިރުބަވެރި އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކުގައި ޝަހީދުކޮށްލި މީހުންގެ އަދަދު 35،800 އަށްވުރެ މައްޗަށް އަރައިފިއެވެ.

ނިރުބަވެރި އިސްރާއީލުން ޣައްޒާއަށް ހަމަލާދޭން ފަށާފައިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ހަމާސް ޖަމާއަތުން އިސްރާއީލަށް ވަރުގަދަ ހަމަލާތަކެއް ދިނުމާއި ގުޅިގެން ބަދަލު ހިފުމުގެ ގޮތުންނެވެ. އެގޮތުން ބަދަލު ހިފުމަށް ޣައްޒާގެ އެކި ސަރަހައްދުތަކަށް އަންނަނީ ހަމަލާތައް ދެމުންނެވެ.

މި ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 35،857 މީހުން ޝަހީދުކޮށްލާފައިވާ ކަމަށް ފަލަސްތީނުގެ ހެލްތް މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި މި ހަމަލާތަކުގައި 80،293 މީހުންނަށް އެކިވަރުގެ ޒަހަމްތައް ލިބިފައިވާ ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިނިސްޓްރީން ބުނެފައިވާ ގޮތުގައި ނިރުބަވެރިންގެ ހަމަލާތަކުގައި ގިނަ އަދަދެއްގެ އިމާރާތްތަކެއް ވަނީ ސުންނާފަތިވެފައެވެ. އެހެން ކަމުން ހަމަލާތަކުގައި ޝަހީދުވެފައިވާ މީހުންގެ އަދަދު އިތުރުވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް ވެސް ވަނީ ބުނެފައެވެ.

ނިރުބަވެރިން ޝަހީދުކޮށްލާފައިވާ މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިންނާއި އަންހެނުން ވެސް ހިމެނެއެވެ.

މި ހަމަލާތަކުގައި ފަލަސްތީނުގެ އާންމުންގެ ގިނަ ބަޔަކު ޝަހީދުކޮށްލާފައިވާއިރު، ނިރުބަވެރިން ބުނެފައިވަނީ އެމީހުން ހަމަލާތައް ދެމުން އަންނަނީ ހަމާސް ޖަމާއަތާއި ދެކޮޅަށް ކަމަށެވެ. ނަމަވެސް މި ހަމަލާތަކުގައި ޝަހީދުވެފައިވަނީ ހަމާސް ޖަމާއަތުގެ މަދު ބައެއްކަން ރިޕޯޓްތަކުން ވަނީ ބުނެފައެވެ.