ނިރުބަވެރި އިސްރާއީލުން ޣައްޒާގައި ހުންނަ ކަމާލް އުދުވާން ހޮސްޕިޓަލަށް ވަރުގަދަ ހަމަލާތަކެއް ދެން ރާވަމުން އަންނަ ކަމަށް ރިޕޯޓްތަކުން ބުނެފިއެވެ.

އިސްރާއީލުގެ ބައެއް މީޑިއާތަކާއި ހަވާލާދީ ރިޕޯޓްތަކުން ބުނާ ގޮތުގައި ނިރުބަވެރިން އަންނަނީ ޣައްޒާއަށް ދެމުން އަންނަ ހަމަލާތައް އިތުރަށް ވަރުގަދަ ކުރަމުންނެވެ. އެގޮތުން ނިރުބަވެރި އަސްކަރިއްޔާއިން ޣައްޒާގެ އުތުރުގައި ހުންނަ ކަމާލް އުދުވާން ހޮސްޕިޓަލަށް ހަމަލާތަކެއް ދޭން ރާވަމުން އަންނަ ކަމަށް ވެސް ވަނީ ރިޕޯޓް ކޮށްފައެވެ.

ކަމާލް އުދުވާން ހޮސްޕިޓަލަށް ނިރުބަވެރިން ހަމަލާތަކެއް ދޭން ރާވަމުން އަންނަ ކަމަށް ރިޕޯޓް ކުރި ނަމަވެސް އެ ހަމަލާއަކީ އެއީ ކިހިނެތް ދޭން ނިންމާފައިވާ އަދި ރާވަމުން އަންނަ ހަމަލާއެއް ކަމެއް އެނގިފައެއް ނުވެއެވެ.

ކަމާލް އުދުވާން ހޮސްޕިޓަލަކީ ނިރުބަވެރިން ދެމުން އަންނަ ހަމަލާތަކުގައި ހޮސްޕިޓަލުގެ ގިނަ ހިދުމަތްތައް ހުއްޓިފައިވާ ހޮސްޕިޓަލެކެވެ. މީގެ ކުރިން ވެސް އެ ހޮސްޕިޓަލުގެ އެކި ސަރަހައްދުތަކަށް ހަމަލާދީފައިވާއިރު، ފައިތުވި ހަފްތާއިން ފެށިގެން ނިރުބަވެރިން ވަނީ އެ ހޮސްޕިޓަލް ވަށާލާފައެވެ.

ނިރުބަވެރިންގެ މި ހަމަލާތަކުގައި ގިނަ ބަޔަކަށް ފަރުވާ ނުދެވި ހޮސްޕިޓަލުގައި ތާށިވެފައިވާއިރު، އެތަކެއް ބަޔަކު ވަނީ އެމީހުންގެ ފުރާނަ އަތްމައްޗަށް ލައިގެން އެތަން ދޫކޮށް ވެސް ގޮސްފައެވެ.

ނިރުބަވެރިން ކަމާލް އުދުވާން ހޮސްޕިޓަލަށް ހަމަލާތަކެއް ދޭން ރާވަމުން އަންނައިރު، ދުނިޔޭގެ ކޯޓުން ވަނީ އިސްރާއީލުން ރަފާހަށް ދެމުން އަންނަ ހަމަލާތައް ވަގުތުން ހުއްޓާލުމަށް ވެސް އަމުރު ކޮށްފައެވެ.