ރާއްޖޭގެ 19 ރަށެއްގައި ކަރަންޓު ވިއުގަ އަޕްގްރޭޑްކޮށް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ އެއްބަސްވުންތަކުގައި މިއަދު ސޮއިކޮށްފިއެވެ.

މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ ވުޒާރާ އިން ވާރލްޑް ބޭންކުގެ އެހީތެރިކަމާއިއެކު ކުރިއަށް ގެންދާ އެކްސެލަރޭޓިންގ ރިނިއުވަބަލް އެނަރޖީ އިންޓަރގްރޭޝަން އެންޑް ސަސްޓެއިންބަލް އެނަރޖީ - އެރައިސް މަޝްރޫއުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ތިން ލޮޓް(ފިޔަވަހި)އަކަށް ބަހާލައިގެން ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.

އެގޮތުން ލޮޓް އެކެއްގެ ހިމެނޭ ރަށްތަކަކީ އައްޑޫ ސިޓީ ފޭދޫ، މަރަދޫފޭދޫ، މަރަދޫ، ހިތަދޫ، ހުޅުދޫ، މީދޫ، ފުވައްމުލައް ސިޓީ އަދި ތިނަދޫ ސިޓީ އެވެ. މި ލޮޓުގައި ހިމެނޭ ރަށްތަކުގެ ކަރަންޓް ވިއުގަ އަޕްގްރޭޑް ކުރުމަށް އެބަސްވުމުގައި ސޮއިކުރީ ނަންޖިންގ ޑާޖީ ސްޓީލް ޓަވަރ މެނުފެކްޗަރިންގ ކޯ ލިމިޓެޑާއިއެކުއެވެ. މި އެއްބަސްވުމުގައި އެކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޕްރޮޖެކްޓް މެނޭޖަރ ލީ ގިއަންގ އެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއިކުރެވީ ހަކަތައާއި ބެހޭ ވަޒީރު ތާރިގް އިބްރާހިމެވެ.

ލޮޓް ދޭއްގައި ހިމެނޭ ރަށްތަކަކީ ބ. އޭދަފުށި، ޅ. ހިންނަވަރު، އަދި ކުޅުދުއްފުށި ސިޓީއެވެ.

ލޮޓް ތިނެއްގައި ހިމެނޭ ރަށްތަކަކީ ލ. ފޮނަދޫ، ލ. އިސްދޫ، ލ. ކަލައިދޫ، ލ. ދަނބިދޫ، ލ. މާބައިދޫ، ލ. ކުނަހަންދޫ، ލ. ހިތަދޫ، އަދި ށ. ފުނަދޫއެވެ.

ލޮޓް ދޭއް އަދި ތިނެއް ހިމެނޭ ރަށްތަކުގެ ގްރިޑް އަޕްގްރޭޑްކުރުމަށް އެއްބަސްވުމުގައި ސޮއިކުރީ ޗައިނާ ނެޝަނަލް ޓެކްނިކަލް އިމްޕޯޓް އެންޑް އެކްސްޕޯޓް ކޯޕަރޭޝަން އާއި ޝީޖަޒްހުއަންގ ކެލިން ކޯ ލިމިޓެޑާއި އެކު ހަދާފައިވާ ޖޮއިންޓް ވެންޗަރއަކުންނެވެ. މި އެއްބަސްވުމުގައި އެކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޖެނެރަލް މެނޭޖަރ ޔިން ގިންގއެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ތާރިގު އިބްރާހިމެވެ.

ހަކަތަ އާއި ބެހޭ ވުޒާރާއިން ބުނީ މި މަޝްރޫއަކީ ވޯލްޑް ބޭންކުގެ އިންޓަރނޭޝަނަލް ޑިވޮލޮޕްމެންޓް އެސޯސިއޭޝަން – އައިޑާގެ 6.2 މިލިއަން ޑޮލަރުގެ ހިލޭއެހީއާއި އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމެންޓް ބޭންކުން ލިބިފައިވާ 20 މިލިއަން ޑޮލަރުގެ ލޯން އެހީއިން ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ މަޝްރޫއުތަކެއް ކަމަށެވެ.

އެގޮތުން މި ރަށްތަކުގެ ކަރަންޓު ވިއުގަތައް ތަރައްގީ ކުރުމަށް ނިންމާފައިވާއިރު، މި މަސައްކަތަކީ ރާއްޖޭގައި އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓު އިތުރުކޮށް ތިމާވެއްޓާއި ރައްޓެހި ގޮތަކަށް ކަރަންޓުގެ ހިދުމަތް ފޯރޮކޮށްދިނުމަށް ކަނޑައަޅާފައިވާ ސަރުކާރުގެ ލަނޑުދަނޑިތަކަށް ވާސިލުވުމަށް މަގުފަހިކޮށްދިނުމަށް ކުރެވޭ މަސައްކަތެއް ކަމަށްވެސް އެ ވުޒާރާއިން ބުނެއެވެ. އަދި އެރައިސް މަޝްރޫއިން ރާއްޖޭގެ އެކިރަށްތަކުގައި 36 މެގަވޮޓުގެ އިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމު ގާއިމުކޮށް މި ނިޒާމުތަކަށް ބޭނުންވާ ސްޓޯރޭޖްއަށް ގާތްގަނޑަކަށް 40 މެގަވޮޓްއަވަރގެ ބެޓަރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް ބެހެއްޓުމަށްވެސް މަސައްކަތްކުރަމުދާ ކަމަށްވެސް ބުންޏެވެ.

ރަށްތަކުގެ ކަރަންޓު ވިއުގައިގެ ހާލަތު ރަގަޅުކޮށް، ކަރަންޓުގެ ނިސްބަތުގައި ހިމެނޭ އިއާދަކުރަނިވި ހަކަތައިގެ ނިސްބަތް ބޮޑުތަނުން އިތުރުކުރުމަށް މަގުފަހިކުރުމުގެ ގޮތުން މި މަޝްރޫއިން ކުރުމަށް ރާވާފައިވާ މަސައްކަތްތަކުގެ ތެރޭގައި؛

މިހާރު ގާއިމުކޮށްފައިވާ ޑިސްޓްރިބިއުޝަން ނެޓްވޯރކްގެ ކޭބަލް އަޕްގްރޭޑްކުރުމާއި،

ރަށްރަށުން އަލަށް ހިއްކާފައިވާ ސަރަހައްދުތަކާއި މީހުން އަލަށް އާބާދުވާ އެނޫންވެސް ސަރަހައްދުތަކަށް ކަރަންޓު ނެޓްވަރކް ފުޅާކުރުމާއި،

ދުވަސްވެފައިވާ ޓްރާންސްފޯމަރތައް ބަދަލުކުރުމާއި ނެޓްވަރކްގެ ޓްރާންސްމިޝަން ކެޕޭސިޓީ އިތުރުކުރުމަށް އާ ސަބްސްޓޭޝަން ގާއިމުކުރުމާއި،

ޒަމާނީ ފެންވަރަށް ވިއުގަ ތަރައްޤީކުރުމުގެ ގޮތުން ކޮމިއުނިކޭޝަންނެޓްވަރކް އެޅުމާއި ނެޓްވަރކަށް އޮޓޮމޭޓެޑް ފީޗަރސްތައް އިންޓެގްރޭޓް ކުރުން ހިމެނޭ،

ހަކަތައާއި ބެހޭ ވުޒާރާއިން ބުނީ ކަރަންޓް ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތުގެ ތެރެއިން ގާއިމުކުރާ ފައިބަރއޮޕްޓިކް ކޮމިއުނިކޭޝަން ވިއުގަ ގާއިމުކުރުމާއި ނެޓްވޯކް އޮޓޮމޭޓެޑް ކުރުމުގެ ސަބަބުން އިންޖީނުގޭގެ އޮޕަރޭޓިންގް ސްޓޭޓަސް ވަގުތުން ބަލާލެވޭނެ ކަމަށެވެ. އަދި މިގޮތަށް ނެޓްވަރކް އޮޓަމޭޓްކުރެވުމުން ހައިބްރިޑް ކަރަންޓު ނިޒާމު އެދެވޭ ގޮތަށް މަސައްކަތް ކުރުމާއި، ދިމާވާ ކުދިކުދި ޓެކްނިކަލް މައްސަލަތައް ވަގުތުން ހައްލުކުރެވި ކަރަންޓުކެނޑޭ ހާލަތްތަކުން ސަލާމަތްވުމަށް މަގުފަހިވެގެންދިއުމާއި، ކަރަންޓު ވިއުގައިގެ ގިނަ މައުލޫމާތުތައް ބޭނުންވަގުތެއްގައި ފަސޭހަކަމާއެކު އޮޕަރޭޓަރުންނަށް ލިބުންފަދަ ގިނަ ފައިދާތަކެއް ކުރާނެ ކަމަށްވެސް އެ ވުޒާރާއިން ބުންޏެވެ.

މީގެ އިތުރުން އެ ވުޒާރާއިން ބުނީ ކޮންމެ ރަށެއްގެ ކަރަންޓު ވިއުގަ ޑިޒައިން ކުރުމުގައި އެރަށެއްގައި ގާއިމުކުރުމަށް ރާވާފައިވާ ސޯލާ ހަކަތައިގެ ކެޕޭސިޓީ އަދި ކުރިއަށް އޮތް 10-15 އަހަރުގެ ކަރަންޓުގެ ޑިމާންޑް ޕްރޮޖެކްޝަންސްތަކަށް ބަލައި ތަފްސީލީ ދިރާސާތައް މިހާރު ފުރިހަމަކޮށްފައިވާ ކަމަށެވެ.

އެހެންކަމުން މިމަސައްކަތްތައް ފުރިހަމަވުމުން ކުރިއަށްއޮށް 15 އަހަރަށް ބޭނުންވާ ކަރަންޓު ނެޓްވަރކް އިންފްރާސްޓްރަކްޗަރ ކަށަވަރުވެގެންދާނެ ކަމަށްވެސް އެ ވުޒާރާއިން ވަނީ ބުނެފައެވެ. އަދި ގިނަރަށްތަކުގައި ދިމާވެފައިވާ ވޮލްޓޭޖްޑްރޮޕް މައްސަލަތަކާއި ބައެއް ކަހަލަ ކަރަންޓު އާލާތްތައް ބޭނުންކުރުމަށް ރައްޔިތުންނަށް ހުރި އެކި ހުރަސްތަކުން ސަލާމަތްވެ ކަރަންޓުކެޑުމުގެ މައްސަލަތަކަށް ލުޔެއް ލިބިގެންދާނެ ކަމަށްވެސް ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދިވެހި ދަރި

    ކޮބާތޯ ހުޅުމާލޭގަ އަޅާ ގަތަރު ސްޓޭޑިއަމް. ރާއްޖޭގެ ފުޓްބޯޅަ ފަހަތައް ދަނީ..ދެންކުރިޔައް ދެވޭނީ ގަލޯޅު ދަނޑު ނޫން ގޮތެއް ފެނިގެން ހީވަނީ