ފާއިތުވި ދުވަސްތަކުގައި ލޯކަލް ކައުންސިލްތަކުގެ އުމްރާނީ ތަރައްގީ އަށް އެއްވެސް ކުރިއެރުމެއް ލިބިފައިނުވާ ކަމަށާއި ކައުންސިލްގެ އިމާރާތްތައް ވެސް ހުރީ ބާވެ ބޮލަށް ވެއްޓޭ ވަރުވެފައި ކަމަށް ސިޓީސް، ލޯކަލް ގަވަމެންޓް، ޕަބްލިކް ވޯކްސް މިނިސްޓަރު، އާދަމް ޝަރީފް މިއަދު ވިދާޅުވެއްޖެއެވެ.

އެ ވުޒާރާއިން މިއަދު ބޭއްވު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް މިނިސްޓްރީން ކުރި ދަތުރުގައި ފެނިގެން ދިޔައީ ލޯކަލް ކައުންސިލްގެ ޝަކުތާއް ކަމަށާއި އެތަންތަނުގެ އުމްރާނީ ތަރައްގީ އަށް އެއްވެސް ކުރިއެރުމެއް ފާއިތުވީ ދުވަސްތަކުގައި އައިސްފައި ނުވާ ކަމަށެވެ.

"އެނގިވަޑައިގަންނަވާނެ ކުރީގައި ކަތީބަކާ ކުޑަ ކަތީބަކާ ތިއްބަވައިގެން ހިންގެވި އޮފީސްތަކަށް ފަސް ކައުންސިލަރުން ނުވަތަ ބައެއް ހާލަތްތަކުގަ އެއަށްވުރެ ގިނަ ކައުންސިލަރުން ވަދެ، އަދި ހަމައެއާއެކީގައި ތަހުޒީބުވަމުންދާ ޒަމާނެއްގަ ކައުންސިލްތަކަށް ބޭނުންވާ އިތުރު ވަސީލަތްތަކާ އިންސާނީ ވަސީލަތްތަކާ އިތުރުވެގެން ދިޔައިރު، އުމްރާނީ ގޮތުން ކުރިއެރުންތަކެއް ނެތި އޮވެ، އަނެއްކޮޅުން މީގެ ގާތް ގަނޑަކަށް 30 އަކަށް 40 އަކަށް ކުރީގެ އިމާރާތްތަކުގަ ކައުންސިލަރުން ހިންގަން ޖެހުނީމަ ދިމާވާ ގޮންޖެހުމަކީ އެންމެ ބޮޑު ޝަކުވާއެއް،" ވަޒީރު ވިދާޅުވިއެވެ.

އެގޮތުން ކައުންސިލްތަކުގެ އުމްރާނީ ތަރައްގީއަށް ބަޖެޓް ދީގެންވެސް އެއްވެސް މަސައްކަތެއް ކޮށްފައިނުވާކަމުގެ ޝަކުވާ ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންކަމުން މި ދަތުރުތަކުގައި ލިބުނު ޝަކުވާތަކަށް ހައްލެއް ހޯދަން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ހުށަހަޅުއްވާނެ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

"ހުރިހާ ކައުންސިލްތަކަށް ދަންނަވަން ބޭނުން، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މި ސަރުކާރުގަ ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އެންމެ މުހިންމު ކަމެއްގެ ގޮތުގަ އަޅުގަނޑުމެން ހުށަހަޅާނަން ކައުންސިލްތަކުގެ އިދާރާތައް ރަނގަޅު ކުރުމާއި ހަރުދަނާ ކުރުމުގެ މަސައްކަތް،" އާދަމް ޝަރީފް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވި ގޮތުގައި އެއްވެސް ސަރުކާރަކުން ކައުންސިލްތަކުގެ އުމްރާނީ ތަރައްގީ އަށް މަސައްކަތްކޮށްފައި ނުވެއެވެ. އެހެންވުމުގެ ސަބަބުން އެ އިމާރާތްތައް މިއަދު އެވަނީ ބޮލަށް ވެއްޓޭ ވަރަށް ބައުވެފައިކަން އާދަމް ޝަރީފް ފާހަގަކޮށްލިއެވެ.

މީގެ އިތުރުން، ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންގެ މުސާރައިގެ ހަމަހަމަކަން ނެތުމަކީވެސް ކައުންސިލްތަކުގެ ބޮޑު ކަންބޮޑުވުމެއް ކަންވެސް ފާހަގަކުރެއްވިއެވެ. އެކަން ސީދާ ކައުންސިލަރުން ވެސް ހުށަހަޅުއްވަމުން ގެންދަވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބަކުރު

    ކައުންސިލްތައް ބައުވީ ކޮންއިރަކު މިނިސްޓަރުކަން 10 އަހަރު އަޅެ ދެން ކީކޭ ކިޔާނީ

  2. ބަކުރު

    ރާއްޖެ ތަރައްޤީކޮށްލި ސަރުކާރުގައިވެސް ތިޔަބޭފުޅާ އުޅުއްވި އެކަމަކު މިހާރު އެހެން ސަރުކާރެއްގައި 5 އަހަރުފަހުން އައިސް ތިޔަވިދާޅުވަނީ ކައުންސިލްތައްބަލޭ ބަލަ ކުރިންވެސް ބަލޭ އަލަށް އެޅީ މަދުތަނެއް އެތަންތަން އަލެއްނު މިފަހަރުވެސް އައުކޮށްބަލަ ވާނެކަމެއް ހަރާމް