އިތިއޯޕިއާ އިން ނީލަ ކޯރުގައި ހަދާ ޑޭމްގެ މައްސަލައާ ގުޅިގެން މިސްރާއި އިތިއޯފިއާ އާ ދެމެދު ކުރެވުނު މަޝްވަރާތަކަށް އެއްވެސް ހައްލެއް ނުލިބި ފެއިލް ވެއްޖެ ކަމަށް މިސްރުގެ ސަރުކާރުން ބުނެފިއެވެ.

އިތިއޯޕިއާއިން ނޫ ނީލަކޯރުގައި ހައިޑުރޯ ޑޭމް އެއް އެޅުމުގެ މަސައްކަތް ކުރަން އިއުލާނު ކުރި ހިސާބުން މި ދެ ގައުމުގެ ގުޅުންތައް ވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ. ސަބަބަކީ މި ޑޭމްގެ ސަބަބުން ނޫ ނީލަ ކޯރުން މައި ކޯރަށް ދަތުރުކުރާނެ ފެނުގެ މިންވަރު މަދުވެގެން ދާނެތީއެވެ.

މިކަން މިހެން ވެއްޖެނަމަ ނީލަ ކޯރުގެ އައްސޭރީގައިވާ މިސްރުގެ ބޮޑެތި ސަހަރުތަކަށް ފެނުގެ ދަތިކަމުގެ އަސަރު ވަރަށް ބޮޑަށް ކުރާނެއެވެ. އަދި މިސްރުގެ ދަނޑުވެރިކަމުގެ ސިނާއަތަށް ބޭނުންވާ ވަރަށް ފެން ލިބުމުގައި ދަތިތަކެއް ކުރިމަތިވެ ދަނޑުވެރިކަމުގެ ސިނާއަތް ދަށަށް ދާނެކަމުގެ ބިރުވެރިކަން ވަރަށް ބޮޑުވެގެންދާނެއެވެ.

އެހެންކަމުން އެ ޕްރޮޖެކްޓާއި މިސްރުން ދިޔައީ ދެކޮޅު ހަދަމުންނެވެ. ނަމަވެސް އެތައް ފަހަރެއްގެ މަތިން މި ޕްރޮޖެކްޓާއި މެދު ކުރެވުނު އެއްވެސް މަޝްވަރާއެއް ކާމިޔާބުވެފައެއް ނުވެއެވެ.

އެގޮތުން އެންމެ ފަހުގެ މަޝްވަރާތައްވެސް ނާކާމިޔާބު ވެފައިވާ ކަމަށް މިސްރުން ބުނެފައިވާ އިރު އެ ގައުމުން ބުނެފައިވަނީ އެ ޑޭމް ގެ މަސައްކަތް މިސްރުން ގާތުން ބަލަމުން ގެންދާނެ ކަމަށާއި، މިސްރުގެ ފެން ދިފާއު ކުރުމުގެ ފުރިހަމަ ހައްގު އެ ގައުމަށް ލިބިގެންވާ ކަމަށެވެ.

" ބައިނަލް އަގްވާމީ ގާނޫނުތަކާއި ގަވާއިދުތަކާއި އެއްގޮތްވާ ގޮތުގެ މަތިން މިސްރުގެ ސަރަހައްދީ ސަލާމަތާއި ފެނުގެ ހައްގުގައި ރައްކާތެރި ފިޔަވަޅުތަކެއް އެޅުމުގެ ފުރިހަމަ ހައްގު މިސްރަށް ލިބިގެންވޭ" މިސްރުގެ ފެނުގެ ނިޒާމާއި ދަނޑުވެރިކަމުގެ ވުޒާރާއިން ނެރުނު ބަޔާނެއްގައިވެއެވެ.

ނީލަ ކޯރަކީ ދުނިޔޭގެ އެންމެ ދިގު ކޯރެވެ. އަދި އެ ކޯރަކީ ގަދީމީ ޒަމާނުއްސުރެ މިސްރުގެ ރައްޔިތުންނަށް ވަރަށް މުހިންމު ކޯރެކެވެ. މިސްރުގެ ވަރުގަދަ ގަދީމީ ހަޟާރަތް އެފެދި އަދި އެތައް ހާސް އަހަރެއް ވަންދެން ދެމި އޮތުމުގެ މައިގަނޑު އެއް ސަބަބަކީ ނީލަ ކޯރެވެ. މި ކޯރުން ދަނޑުވެރިކަމަށް ބޭނުންވާ ފެން މިސްރުގެ ދަނޑުތަކަށް ގެނެސްދެއެވެ. އެހެންކަމުން މި ކޯރުގެ ފެނަކީ މިސްރުގެ ދަނޑުވެރިކަމުގެ ސިނާއަތަށް ނުހަނު ބޭނުންތެރި ވަސީލަތެކެވެ. އެފްރިކާގެ އެންމެ އާބާދީ ބޮޑު އެއް ގައުމު ކަމަށްވާ މިސްރަކީ ދަނޑުވެރިކަމަށް އެމީހުންގެ އިޤްތިޞޯދުގެ ބޮޑު ބައެއް ބިނާވެގެންވާ ގައުމެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހުސޭނުބޭ

    ތިއީ އިޒްރޭލު އަޑި އޮވެ މިސްރަށް ލަނޑުދިނުމަށް ހަދާ ޑޭމެއް! އިޒްރޭލާ ގުޅުން ޤާއިމްކޮށްގެން ކޮން ފައިދާއެއްތަ ވީ؟

    17
    1