ކޮވިޑްގެ އާ ވޭރިއަންޓެއް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުންދާތީ ކުރިއަށް އޮތް ޗުއްޓީ ތެރޭގައި ދަތުރުކުރާ ފަރާތްތަކުން އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އެދިއްޖެއެވެ.

އެޗްޕީއޭއިން ކުރި އިއުލާނެއްގައި ބުނެފައިވަނީ މި ފެށޭ ހަފްތާއަކީ ސްކޫލް/ކޮލެޖް/ޔުނިވަރސިޓީތަކަށް ޗުއްޓީފެށޭ ހަފްތާކަމަށްވެފައި ގިނަ އަދަދެއްގެ މީހުން ރާއްޖެއިން ބޭރަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދަތުރުކުރާނެ ކަމަށެވެ. އަދި ކުރިއަށްއޮތް ދުވަސްވަރުގައި ރާއްޖެއިން އުމުރާގެ އަޅުކަމަށް ގިނަ އަދަދެއްގެ މީހުން ގޮސް އައިސްވާނެ ދުވަސްތަކަކަށް ވާތީ އެހެން އަހަރުތަކަކޭ އެއްފަދައިން އަރިދަފުސް ރޯގާ، ވައިރަލްހުން އަދި ނޭވަލާ ނިޒާމަށްޖެހޭ ގައިންގަޔަށް އަރާ ބަލިތައް އިތުރުވާނެކަމަށް ބެލެވޭ ކަމަށެވެ.

"ދުނިޔޭގެ ގިނަ ޤައުމުތަކުގައި ކޮވިޑްގެ އާ ވޭރިއެންޓް ޖީއެން-1 ފެނި ކޮވިޑް-19 ފެތުރުން ވަނީ އިތުރުވެފައި. މިފަދަ ބަލިތަކުން ރައްކާތެރިވުމަށް ހާއްސަ ސަމާލުކަމެއް ދިނުމަކީ މުހިންމު ކަމެއް." އެޗްޕީއޭއިން ބުނެފައިވެއެވެ.

ބަލިތަކުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތައް:

  • އަރިދަފުސް ރޯގާޖެހިއްޖެނަމަ ކެއްސާ، ކިނބިހި އަޅާއިރު އަނގައާއި ނޭފަތް ކުޑަރުމާލަކުން ނުވަތަ ޓިޝޫއަކުން ނިވާކުރުން.
  • ޓިޝޫފަދަ ތަކެތި ބޭނުން ކުރުމަށްފަހު ރައްކާތެރިކަމާއެކު ކުނިވަށިގަނޑެއް ފަދަ އެއްޗަކަށް އެއްލާލުން
  • އާން މުސާފުތާހިރުކަމަށް ސަމާލުވުން
  • ރޯގާޖެހި ކެއްސާނަމަ، އަނގަޔާއި ނޭފަތް ފޮރުވޭ ގޮތަށް މާސްކް އެޅުން
  • ރޯގާޖެހި ކެއްސާނަމަ، މީހުން އެއްވެ އުޅޭ ތަންތަނަށް ދިއުންމަދުކުރުމާއި، އެފަދަ ތަންތަނަށް ކުޑަކުދިން ނުގެންދިއުން
  • އެއްވެސް ބައްޔެއްގެ އަލާމާތެއް ހުރެއްޖެނަމަ ކުޑަކުދިން ކައިރިއަށް ނުދިޔުމާއި އެކުދިން އުރާ ނެހެދުން
  • ބަލިވެގެން ޑޮކްޓަރަށް ދައްކާއިރު ބަލިމީހާ އާއެކު ވީހާވެސް މަދުމީހުން ދިއުން
  • ރޯގާޖެހި ހުންއައިސް ރަނގަޅުނުވެ ގިނަ ދުވަސްވާނަމަ، ލަސްނުކޮށް ޑޮކްޓަރެއްގެ ލަފާ ހޯދުން

އޭގެ އިތުރުން މަދިރިން ޖެހޭ ބަލިތަކުން ރައްކާތެރިވުމަށް މަދިރި ހެފުމުން ރައްކާތެރިވުމަށާއި މަދިރި އުފެދި އާލާވާގޮތަށް އެއްޗެއްސާއި ތަންތަން ނުބެހެއްޓުމަށް ސަމާލުކަން ދިނުމަށް ވެސް އެޗްޕީއޭއިން އެދިފައިވެއެވެ. އަދި ޗުއްޓީ ހޭދަކުރުމުގެ އެކި ކަންކަމުގައި ކާބޯތަކެތީގެ ތަފާތު ބާވަތްތައް ބޭނުންކުރުމުގައާއި ކާބޯތަކެތީގެ ސާފުތާހިރުކަމަށް ސަމާލުވުމަށްވެސް އިލްތިމާސްކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޞުންބުލި

    ކޮބާ އަނެއްކަވެސް ރިސޯޓެއް ބައްލަވައި ގަންނަން ރިޗަރޖް ކޮއްލަންވީ ތޯ؟؟

  2. އަހަންމަދު

    ތިޔަތަނުން ކުރާކަމަކީ ކަންކަމަށް ރައްޔިތުން ކިބައިން އެދުން. ފައިލޭރިޔާ ޖެހިފަތިބި އެތަޢްބަޔެއް ބެލުމެއްނެތި ރާއްޖެއެތެރެކޮށް މުޖުތަމައުގެ ތެރެއަށް ދޫކޮށްލި މަސްއަލަ ބަލާ އެޗްޕީއޭގެ ވެރިންނަށް ފިޔަވަޅު އަޅާބަލަ.