ރާއްޖެ އިން ނައްތާލާފައިވާ ބައްޔެއް ކަމުގައިވާ ފައިލޭރިއާގެ ވޭދަނަތަކެއް ރާއްޖެ އިން ފެނުނު މައްސަލައިގައި ކަންބޮޑުވާން ޖެހޭ ސަބަބެއް ނެތް ކަމަށާއި އެ ބަލި މިހާރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށް ސިއްހަތާ ބެހޭ ވަޒީރު ޑރ. އަބްދުﷲ ހަލީލް މިއަދު ވިދާޅުވެއްޖެއެވެ.

ކާބޯތަކެތީގެ ރައްކާތެރިކަމާ މެދު ރާއްޖޭގައި ހޭލުންތެރިކަން އިތުރުކުރުމަށް "މުކައްބަ" ނަމުގައި ޕްރޮގްރާމެއް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހަލީލް ވިދާޅުވީ ފައިލޭރިޔާއަކީ އެހާ ފަސޭހައިން ފެތުރޭ ބައްޔެއް ނޫން ކަމަށާއި އެ ބައްޔަކީ ގައިންގަޔަށް އަރާ ބައްޔެއްވެސް ނޫން ކަމަށެވެ.

މި ބަލި ރާއްޖެއިން ނައްތާލާފައި އޮއްވައި މި މަހުގައި ހދ.ކުޅުދުއްފުށިން ވަނީ ފައިލޭރިޔާގެ ވޭދަނަތަކެއް ފެނިފައެވެ. އެހެންކަމުން މި ބައްޔަކީ ބިދޭސީ މަސައްކަތްތެރިންގެ ފަރާތުން ރާއްޖެއަށް އެތެރެވި ބައްޔެއް ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ. ހަލީލް ވިދާޅުވި ގޮތުގައި މިހާތަނަށް އަދި ދިވެއްސެއްގެ ފަރާތުން މިބަލި ފެނިފައި ނުވެއެވެ.

"އެއްގޮތަކަށްވެސް ކަންބޮޑުވެ ވަޑައިނުގަންނަވާށޭ، ރާއްޖޭގެ ސިއްޚީ ނިޒާމުގެ ތެރެއިން ރައްޔިތުން އުފެދިދާނެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދެވުމަށް މަސައްކަ ކުރައްވަމުން އެބަ ގެންދަވާ. ކަންބޮޑުނުވާށޭ އަޅުގަނޑު މިދެންނެވީ އަޅުގަނޑުމެން ދިވެހިންވެސް ޓެސްޓުކޮށްފިން އެންމެ ބޮޑަށް މި ފެތުރިފައި އޮތްކަމަށް ފާހަގަކުރެވޭ ރަށް ކުޅުދުއްފުށީގައި، 155 ދިވެހިން އަޅުގަނޑުމެން ޓެސްޓުކުރިއިރު އެއްވެސް ދިވެއްސަކު ޕޮޒިޓިވް ނުވުން، އޭގެން މި ދައްކައިދެނީ މި ބައްޔަކީ ރާއްޖެއަށް އިމްޕޯޓްވެފައި ހުރި ބައްޔެއްކަން." ހަލީލް ވިދާޅުވިއެވެ.

ފައިލޭރިޔާއަކީ މަދިރީގެ ޒަރީއާއިން އެހާ ފަސޭހައިން ފެތުރޭ ބައްޔެއް ނޫން ކަމަށާއި ވަރަށް ގިނަ ފަހަރު މަދިރި ހެފުމަށްފަހުގައި ނޫނީ މިބަލި ނުފެތުރޭ ކަމަށް ވަޒީރު ހަލީލު ވަނީ ވިދާޅުވެފައެވެ.

"ކޮންޓްރޯލިން މެކޭނިޒަމް އަޅުގަނޑުމެންތެރޭގައި އެބަހުރި އެންމެ ފަހަރަކު މި ބޭސް ފޮރުކޮށްދޭން މިޖެހެނީ އެހިސާބުން އެމީހެއްގެ ފަރާތުން އެބައްޔެއް ވާރުތަވެގެން ނުދާނެ." ހަލީލް ވިދާޅުވިއެވެ.

މި ބައްޔަށް ޓެސްޓު ކުރެވޭނެ ކިޓާއި ބޭސް ރާއްޖޭގައި އެބަހުރިކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ އިތުރު ބޭހާއި ކިޓްތައް ހޯދުމުގެ މަސައްކަތް އެ ވުޒާރާއިން ކުރަމުން ގެންދާ ކަމަށެވެ. އަދި ޑަބްލިޔުއެޗްއޯ އާއި ދިވެހި ރެޑް ކްރެސެންޓުން ދެއްވާ އެހީތެރިކަން ފާހަގަ ކުރައްވައި ހަލީލް ވަނީ ޝުކުރު އަދާކުރައްވައިފައެވެ.

ފައިލޭރިޔާ އިތުރަށް ފެތުރުން ހުއްޓުވުމަށްޓަކައި ސަރުކާރުން ވަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅަން ފަށައިފައެވެ. އެގޮތުން ރާއްޖެ އެތެރެވާ މީހުން ފައިލޭރިޔާއަށް ޓެސްޓުކުރުމަށް މިވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޔޫސުބްބެ ތިނަދޫ ބިގަރު ސިޓީ ކައުންސިލް

    ފައިލޭރިއާއަށް ކަންބޮޑު ނުވިޔަސް ހަވަރު ތިނަދޫ މީހުންގެ ކަންބޮޑުވުމަކީ ތިނަދޫ ކުނިކޮށިން އުފެދޭ މެއްސާހުރެ ތިނަދޫގައި ބޭރަށް ހިންގުމާއި ހޮޑުލުން އަބަދުމެ އޮންނާތީއެވެ. ތިނަދޫ ކައުންސިކުން ބުނަނީ "ސިޓިއާ ލެބީގޭ މަންވަރިހަމައި"

  2. ސިކުނޑި

    ތިބޭފުޅުން ކަންބޮޑު ނުވިއަސް އާންމު ރައްޔިތުން ކަންބޮޑުވޭ. ބަލި މީހާއަށް އެންމެ ބޭސް ގުޅައެއް ދޭން ޖެހުނަސް މަދިރީގެ ފަރާތުން ފެތުރޭ ބައްޔަކަށްވެފަ ގިނަ ދުވަސްތަކެއް ވަންދެން ބޭރުފުށުން އަލާމާތެއް ނެތިވެސް ބަލިފެތުރުމުގެ ފުރުސަތުއޮތް ބައްްޔެއްކަން އެންމެންނަށް ވެސް އިނގޭ އެއީ ކަންބޮޑުވާ ކަމަކީވެސް.