ރާއްޖޭގައި އޯގަން ޓްރާންސްޕްލާންޓު ނުވަތަ ގުނަވަން ބަދަލު ކުރާ އޮޕަރޭޝަންގެ ޚިދުމަތް ތައާރަފް ކުރުމަށްޓަކައި ބިލެއް އެކުލަވާލުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.

ހެލްތު މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހަލީލް ވިދާޅުވީ، އޯގަން ޓްރާންސްޕަލާންޓު ކުރުމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވަރަށް ބޮޑަށް ރެގިއުލޭޓް ކުރެވިގެން ގާނޫނެއްގެ ތެރެއިން ހަރުދަނާ އުސޫލުތަކަކާއެކު ކުރާ ކަންތައްތަކެއް ކަމަށާއި ރާއްޖޭގައި ވެސް އެފަދަ ޤާނޫނެއް އެކުލަވާލައި އެ ޚިދުމަތް ފެށުމަށް މިހާރު ކުރަމުންދާ ކަމަށެވެ.

އެހެންކަމުން, އެކަމާބެހޭ ބިލެއް ޑްރާފްޓު ކުރުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކާ ގުޅިގެން ކުރަމުން އަންނަ ކަމަށާއި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތް ފެށިގެން ދިޔުމުން އެކަމާއި އެ ބިލު މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ހަލީލް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ވެސް ބިލެއް ޑްރާފްޓު ކުރުމުގެ މަސައްކަތް ކުރަމުން އެބަ ގެންދަން އެކަމާ ގުޅުން ހުރި އެކި ފަރާތްތަކާ ގުޅިގެން. ގާނޫނު އަޅުގަނޑުމެން މި ބަލަނީ, އަލަށް އަންނަ މަޖިލީހުގެ ތެރެއިން ވުޖޫދު ކުރެވޭނެ ކަމަށް," ހަލީލު ވިދާޅުވިއެވެ.

އޯގަން ޓްރާންސްޕްލާންޓާ ބެހޭ ގާނޫނެއް ވުޖޫދަށް ގެނައުމުން އެ ހިދުމަތް ވެސް ރާއްޖޭގައި ގާއިމުވެގެންދާނެކަން ފާހަގަކުރައްވަމުން ހަލީލް ވިދާޅުވީ, ރާއްޖޭގެ ބައެއް ޕްރައިވެޓް ހޮސްޕިޓަލްތަކުން އެ ހިދުމަތް ދިނުމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ.

އެ ގާނޫނު ނުވަތަ އުސޫލުތައް މިހާރުން މިހާރަށް ނައި ނަމަވެސް, ގުނަވަން ބަދަލުކުރަން ޖެހޭ އަދި އެކަމަށް ބޭނުންވާ މީހުންނަށް އެކަމަށް ބޭނުންވާ ފައިސާ އަދި އެހެނިހެން ލުއިކަން ސަރުކާރުން މިހާރު ވެސް ފޯރުކޮށްދޭނެ ކަމަށް ހަލީލު ވިދާޅުވިއެވެ.

ޕްރައިވެޓް ހޮސްޕިޓަލްތަކުން ގުނަވަން ބަދަލުކުރުމުގެ އޮޕަރޭޝަން ކުރުމުގެ ހިދުމަތް ދިނުމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއިރު, އިއްޔެ ޓްރީޓޮޕް ހޮސްޕިޓަލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ހޮސްޕިޓަލުން ވަނީ ގުނަވަން ބަދަލުކުރުމުގެ ހިދުމަތް ފެށުމަށް ބޭނުންވާ އުސޫލުތައް ހެދުމުގައި ލަސްވާކަން ފާހަގަކޮށް ކަންބޮޑުވުން ފާޅުކޮށްފައެވެ.