މާލެ ހުޅުމާލެ ގުޅުވާލަދޭ ބުރިޖް (ސިނަމާލެ ބުރިޖު) އާއްމު ދަތުރުތަކަށް މިހާރު ހުޅުވާފައިވާއިރު، ބުރިޖުގައި ކުރާ ދަތުރަކަށް ނަގާ "ޓޮލް"ފީ އަށް ދިވެހިން ކިޔާނެ ނަމެއް ހޯދަން ބޭނުންވި މީހުންވެސް ގިނައެވެ. މިހާރު ދިވެހި ބަހުގެ އެކަޑަމީން މި ވަނީ ޓޮލްއަށް ކިޔާނެ ދިވެހި ބަހެއް އާއްމުކޮށްފައެވެ.

ދިވެހި ބަހުގެ އެކަޑަމީން ފާސްކުރީ "ޓޮލް" ދިވެހި ބަހަކީ "އަރަދު"އެވެ. މާނައަކީ ދާލަމާއި މަގާއި ދޮރާށި ފަދަ ތަންތަން ހުރަސްކޮށް ދަތުރުކުރާން ދައްކާ ފައިސާ ކަމަށެވެ.

އެ ބަސް ހެއްދެވި ލ. ފޮނަދޫ ރިކާޒް އަހުމަދު ރަޝީދު ބުނީ، ބަސް ކޮމެޓީ އަބަދުވެސް އިނގިރޭސި ބަހެއްގެ ދިވެހި ބަސް ހަދަން އާއްމުކޮށް ހުޅުވާލާއިރު، އޭނާވެސް ބަސްތައް ހެދުމަށް މަސައްކަތް ކުރާ ކަމަށެވެ. އަދި މިހާރުވެސް ހަތް ބަސް ވަރު ހަދާ ބަސް ކޮމެޓީއަށް ފޮނުވާފައިވާކަަމަށް ރަޝީދު ބުންޏެވެ.

އަދި "ޓޮލް"އަށް ދިވެހި ބަހެއް ހޯދަން އިއުލާނު ކުރުމުން އޭނާ އެއަށް ކިޔާނެ ދިވެހި ބަހެއް ހޯދުމުގެ މަސައްކަތް ފެށިކަމަށް ރަޝީދު ބުންޏެވެ.

"މީތި ފެނިގެން އެއްރޭ ދަންވަރު ޑިއުޓީ ނިންމާފައި ރަށަށް ދިޔަމަގުމަތީގައި، މަވެސް ދާނީ ފާލަން މަތިންތާ، ފާލަން މަތިން ދަމުން އެކަމާއި ދޭތެރޭ ވަރަށް ވިސްނިން. އެ ބަހުގެ މާނަ ބަލާއިރު މި ވާއެއްޗަކީ "ޓޮލް"ގެ މާނަ މި އިންނަނީވެސް ކަމަކާއި ގުޅިގެން ކަމަކަށް އަރާ ރޭޓް އަރާ އަދަދު ދޯ. އެހެންވެ އަރާއަދަދު އެ ދޭތި އެއްކޮށްލާފައ،ި. އެދޭތީން އަރާގެ "ރާ"ގެ އާބާފިލި ނުޖަހަ "އަރަ" ކިޔާފައި އަދަދުގެ "ދު" ލާފައި "އަރަދު" އެގޮތަށް ކިޔަން ކިހިނެއް ވާނެބާއޭ". ރަޝީދު ބުންޏެވެ.

ރަޝީދު ވިދާޅުވީ، އެ ބަސް ހެދުމަށް ގާތްގަނޑަކަށް ނެގީ ފަސް މިނިޓް ކަމަށެވެ. އެ ބަސް ހެދުމަށްފަހު، އަނެއް ދުވަހު ހެނދުނު ބަސް ކޮމެޓީއަށް ސިޓީއަކުން ހުށަހެޅިއިރު، އެ ދުވަހުގެ ހެނދުނު އޮތް ބަސް ކޮމެޓީގެ ބައްދަލުވުމެއްގައި އެ ބަސް ފާސްވެފައިވިކަން ކޮމެޓީން އޭނާއަށް އެންގިކަމަށް ރަޝީދު ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މަރިޔަމް

    ދޮގު ނުހަދާ .... އަރަބި ބަހުން ޓޯލް ބޫތް އަށް ކިޔަނީ "އަދަދު ކިޝްކް" ދިވެހިން ތިޔަށް ތިކިޔަނީ "އަރަދު ކުށި" .... މީ ހަމަ އިއްތިފާގެއްތަ ނޫނީ ކޮޕީ ކުރުމެއްތަ؟