މިއަދު މާލޭގައި އަލިފާނުގެ ޙާދިސާ ހިނގި މ. ސިތާރާގޭ ސަރަޙައްދަށް މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ، އާދަމް ޝަރީފް އުމަރު ވަޑައިގެން ބައްލަވާލައްވައިފިއެވެ.

ޤައުމީ ދިފާޢީ ބާރުން ވިދާޅުވެފައިވާ ގޮތުގައި މިއަދު އަލިފާން ރޯވެފައިވަނީ ސިތާރާގޭގެ ތިންވަނަ ފަންގިފިލާގައެވެ. މިއަދު 15:39 ގައި މި ޙާދިސާ ސިފައިންނަށް ރިޕޯޓުކޮށްފައިވާއިރު، ފަޔަރ އެންޑް ރެސްކިއު ސަރވިސް އިންވަނީ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އަލިފާންގަނޑުގެ ބޮޑު ބައެއް ނިއްވާލާފައެވެ.

މި ޙާދިސާގެ ސަބަބުން، އެކަކު ހޮސްޕިޓަލަށް ފަރުވާ ދިނުމަށް ގެންދެވުނު އިރު، އެމީހާ ގެންދިޔައީ ދުމުގެ އަސަރުކޮށްގެންކަމަށްވެސް އެމްއެންޑީއެފް އިން ވިދާޅުވެއެވެ. އަދި، ޙާދިސާ ހިނގި ގޭގައި އުޅެމުންދަނީ ހުސް ބިދޭސީ ފިރިހެނުންކަމަށްވެސް ވިދާޅުވެފައިވެއެވެ.

މީގެކުރިންވެސް، ޑިފެންސް މިނިސްޓަރ ދަނީ މިފަދަ ޙާދިސާތައް ހިނގާ ސަރަޙައްދުތަކަށް ވަޑައިގެން، އޮޕަރޭޝަންތައް ބައްލަވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު