ބޫޓާންގެ ބޮޑުވަޒީރުގެ މަގާމަށް ޝެރިންގ ތޮބްގޭ އިންތިހާބުވެ ވަޑައިގަތުމާ ގުޅިގެން އެމަނިކުފާނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތަހުނިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސްގެ މެސެޖުގައި، ބޫޓާންގެ ބޮޑުވަޒީރުގެ އާ ޒައާމަތުގައި، ބޫޓާން ތަރައްގީގެ އާ އުސްމިންތަކަކަށް ގެންދިއުމަށް މަގުފަހިވެގެންދާނެކަމުގެ ޔަގީންކަން އޮތްކަމުގައި ވިދާޅުވެފައިވެއެވެ. މީގެ އިތުރުން، މި ފެށިގެންދާ އައު ދައުރުގައި ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަކުރެއްވުމަށް ބޫޓާންގެ ބޮޑުވަޒީރާއެކު ގާތްކޮށް މަސައްކަތް ކުރެއްވުމަށް އުއްމީދު ކުރައްވާކަމުގައިވެސް މި މެސެޖުގައިވެއެވެ.

ރައީސްގެ މެސެޖުގައި، ދިވެހިރާއްޖެއާއި ބޫޓާންއާ ދެ ގައުމަކީ ގާތް ދެ ގައުމު ކަމުގައި ވިދާޅުވެ، ދެ ގައުމުގެ ދެމެދު އޮންނަ އެކުވެރިކަމުގެ ޒަމާންވީ ގުޅުމަކީ އެއްބަޔަކު އަނެއްބަޔަކަށް އިހްތިރާމްކުރުމުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްކަން ފާހަގަކުރައްވާފައިވެއެވެ. އަދި ކުރިއަށްއޮތް ދުވަސްތަކުގައި މި ގާތް ގުޅުން އިތުރަށް ވަރުގަދަ ވެގެންދާނެކަމަށް އުއްމީދުކުރައްވާކަމުގައިވެސް ރައީސް ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު