(ޗައިނާ، ބެއިޖިން) އަންނަ މަހު މަސްވެރިންގެ ދަފްތަރު އެކުލަވާލައި ބޭނުން ކުރަން ފަށާނެ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒާއެކުގައި ޗައިނާ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ބައިވެރިވެވަޑައިގެންނަވާ ވަޒީރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޝިޔާމް "ވަގުތަށް" ވިދާޅުވީ ދަފްތަރު އެކުލަވާލުމުގެ މަސައްކަތްތައް މިހާރު ކުރަމުންދާ ކަމަށެވެ.

ދަފްތަރު އެކުލަވާލާ ނިމޭ އިރު، ހަމައެކަނި ހިމަނާނީ ކަޅުބިލަމަހާއި ކަންނެލީގެ މަސްވެރިން ނޫން ކަމަށާއި މަސްވެރިކަމުގެ ސިނާއަތުގައި ފަރުމަސްވެރިކަން ކުރާ މީހުންނާއި ސްޕޯޓްސް ފިޝިންގައި އުޅޭ މީހުން ވެސް މި ދަފްތަރުގައި ހިމަނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ދަފްތަރު އެކުލަވާލީމަ ބޭންކުތަކުން މަސްވެރިންނަށް އެކްސެސް ވެވޭނެ ލުއި ފެސިލިޓީތައް ވެސް ހުންނާނެ. ބޭންކުތަކުގައި ހުންނަ ލޯން އާއި ކުންފުނިތަކުން އާންމު ކުރާ ސްކީމްތަކަށް ވެސް އެކްސެސް ނުވެވޭ. ދަފްތަރު އެކުލަވާލުމުން މި ސްކީމްތަކާއި ލޯންތަކަށް މަސްވެރިންނަށް އެކްސެސް ވެވޭނެ،" ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ ދަފްތަރު އެކުލަވާލުމުގައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ބައެއް ފަހަރު އެއް ދޯނިން އަނެއް ދޯންޏަށް މަސްވެރިން ބަދަލުވާ އިރު އެކަން މެނޭޖް ކުރަން އުނދަގޫވާތީ ކަމަށެވެ. އެކަން ހައްލު ކުރުމަށް އެޕްލިކޭޝަނެއް ޑިވެލޮޕް ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި އޭރުން އެކަން ހައްލުވެގެން ދާނެ ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.

ދަފްތަރު ސައްހަ އަދި ފުރިހަމަ ގޮތުގައި އެކުލަވާލުމުން އޭގެ ބޭނުން ރަނގަޅު ގޮތުގައި ހިފޭނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް، މިދިޔަ ނޮވެމްބަރު މަހު "ވަގުތަށް" ދިން އިންޓަވިއުއެއްގައި ވިދާޅުވީ ދަފްތަރެއް ނެތުމުގެ ސަބަބުން މަސްވެރިންނާ މެދުގައި ތަފާތު ކުރުން ގެންގުޅޭ ކަމަށެވެ. އެގޮތުން އާސަންދަ ފިޔަވައި އިތުރު އިންޝުއަރެންސެއް ވެސް މަސްވެރިންނަށް ލިބެމުން ނުދާ ކަމުގައި އޭނާ ވިދާޅުވިއެވެ.

މަސް ކިރުމުން ފައިސާކޮޅު، އައިސް، ސްޓޯރޭޖް، ތެޔޮ، ހުރިހާ ވިސްނުމަކީ މިއީ!

"ބޭންކަކަށް ދިޔަޔަސް، ބޭންކަކުން ނުދަނޭ އެމީހުންނެއް. އަނެއް ކަހަލަ ފެސިލިޓީއެއް، ލުއި ލޯނެއް ހޯދަން ދިޔަޔަސް، ނުލިބޭ. ސްކީމަކުން ދޫކުރާ އައިސް އަލަމާރިއެއް ވެސް އެމީހުންނަށް ނުލިބޭ. އެއީ ދައުލަތް ނުދަނޭ މަސްވެރިންނެއް." ޝިޔާމް ވިދާޅުވިއެވެ.

މަސްވެރިން ދަފްތަރު ކުރެވި، މަސްވެރިންނަށް ލިބޭ އާމްދަނީ ބޭންކުތަކަށް ޖަމާކޮށްގެން ނޫނީ ބޭންކުތަކުން ލިބޭ ފަސޭހަކަން މަސްވެރިންނަށް ލިބޭކަށް ނެތެވެ. މަސްވެރިންނަށް ލިބޭ އާމްދަނީ މުސާރައިގެ ގޮތުގައި ކޮންމެ މަހަކު ބޭންކަށް ޖަމާ ކުރެވޭ ނަމަ، ބޭންކުން ރައްޔިތުންނަށް ދޭ ގެދޮރު އިމާރާތް ކުރުމުގެ ލޯނާއި އެހެނިހެން ލޯންތައް ލިބޭނެ ކަމަށް ޝިޔާމް ގަބޫލު ކުރައްވައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މަންތިރި

    މިފަހަރު ދިވެހި މަސްވެރިންނަ ތިއްލިބެނީ ރަނުގެ ފުރުސަތެއް